ޤާނޫނަށް ބަދަލު ގެނަޔަސް އިދިކޮޅު ލީޑަރަކަށްވާނީ ރައީސް ޔާމީން: އާދަމް ޝަރީފު

ޤާނޫނަށް ބަދަލުގެނައި ނަމަވެސް އިދިކޮޅު ލީޑަރަކަށްވާނީ މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ކަމުގައި ޕީއެންސީގެ ނައިބުރައީސް އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިފަދައިން އޭނާ ވިދާޅުވީ އިދިކޮޅު ލީޑަރަށް ޤާނޫނީ ހައިސިއްޔަތު ދިނުމަށް ޚާއްޞަ ބިލެއް އެކުލަވައިލުމުގެ މަސައްކަތް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ކުރަމުން އަންނަކަން އެ ޕާޓީގެ ބައެއް ބޭފުޅުން މީޑިޔާތަކަށް ހާމަކުރެއްވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އަލަށް ގެންނަ އިސްލާހާއެކު އިދިކޮޅު ލީޑަރަށް އިނާޔަތްތަކަކާއި ރައްކާތެރިކަމާއި ޤާނޫނީ ހައިސިއްޔަތު ލިބޭނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އާދަމް ޝަރީފު ވިދާޅުވީ އިދިކޮޅު ލީޑަރަށް ޤާނޫނީ ހައިސިއްޔަތު ދިނުމަށް އެމްޑީޕީން ބޭނުންވާނަމަ، އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ނުޙައްޤުން ޖަލަށް ލާފައިވާ ރައީސް ޢަބްދުﷲ ޔާމީން މިނިވަންކުރުން ކަމަށެވެ.
އޭގެ އިތުރަށް އޭނާ ވިދާޅުވީ އެމްޑީޕީން ކުރި ތަޖުރިބާގެ އަލީގައި ރައީސް ޔާމީން ފިޔަވައި އެހެން ބޭފުޅަކަށް ޕީޕީއެމްޕީއެންސީގެ ލީޑަރެއްގެ ގޮތުގައި ނުދެއްކޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ޤާނޫނަށް ބަދަލުގެނަޔަސް ރައީސް ޔާމީން ނޫން ބޭފުޅަކު އިދިކޮޅު ލީޑަރަށް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ