29 މިލިއަން ވުރެ ގިނަ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އެންގިން: އޭސީސީ

ނަވާވީސް މިލިއަން އެއްލައްކަ ފަންސާސް އަށްހާސް އެއްސަތޭކް ފަންސާސް ފަސް ރުފިޔާ ނުވަދިހަ އެއްލާރި ދައުލަތަށް އަނބުރާ ހޯދުމަށްޓަކައި ކަމާބެހޭ އިދާރާތަކަށް އަންގާފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން މިހެން ބުނީ އެ ކޮމިޝަންގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައެވެ.
ކޮމިޝަނުން ނެރުނު ރިޕޯޓުގައި ވަނީ 9،158،155.91 (ނަވާވީސް މިލިއަން އެއްލައްކަ ފަންސާސް އަށްހާސް އެއްސަތޭކް ފަންސާސް ފަސް ރުފިޔާ ނުވަދިހަ އެއްލާރި) ދައުލަތަށް އަނބުރާ ހޯދުމަށްޓަކައި ކަމާބެހޭ އިދާރާތަކަށް އަންގާފައިވާނެ ކަމަށާއި ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުމުގެ މަސައްކަތްތަކުގެ ދަށުން މިދިޔަ އަހަރުގެ ތެރޭގައި، ހޭލުންތެރިކުރުމުގެ 41 ސެޝަނެއްގައި 1442 މީހަކަށް ކޮމިޝަނުން މައުލޫމާތު ދީފައިވާނެ ކަމަށެވެ.
އަދި ރިސްކް އެސެސްމެންޓް/ހުދު ކަރުދާސް އަދި ގައިޑްލައިން ގެ މަސައްކަތްތަކުގެ ތެރެއިން 6 ކަރުދާހެއްގެ މަސައްކަތް ކޮމިޝަނުން ކޮށްފަވާއިރު މީގެ ތެރެއިން 3 ކަރުދާހެއްވަނީ އަހަރުތެރޭގައި ޝާއިޢުކޮށްފައިވާނެ ކަމަށްވެސް ކޮމިޝަނުގެ ރިޕޯޓުގައިވެއެވެ.
އަހަރީ ރިޕޯޓުގައި، ކޮމިޝަނުގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި، ކޮމިޝަނުން ކޮށްފައިވާ ތަހުގީގުތަކުގެ ތަފްސީލާއި، ވިޔަނުދިނުމާއި ދިރާސާ ކުރުމަށް ކުރެވިގެން ދިޔަ މަސައްކަތްތަކުގެ އިތުރަށް ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުމަށް ކޮށްފައިވާ ހުރި މަސައްކަތްތަކުގެ ތަފްސީލް ހިމަނާފަވާ އިރު 2020 ވަނަ އަހަރު ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު، ކޮމިޝަނުން އިސްނަގައިގެން ބަލަން ކަނޑައެޅި 82 މައްސަލައަކާއި، ކޮމިޝަނުގައި ރަޖިސްޓްރީ ކުރި 856 މައްސަލައަކާއެކު، ޖުމްލަ 938 މައްސަލަ ކޮމިޝަނުގައި ވަނީ ރަޖިސްޓްރީ ކޮށްފައެވެ.
އަދި ފާއިތުވި އަހަރު ކޮމިޝަނުންވަނީ 961 މައްސަލައެއް ބަލައިނިންމާފަވާއިރު މިއީ، 2019 ވަނަ އަހަރާ އަޅާބަލާއިރު 35 އިންސައިތަ އިތުރު އަދަދެއް ކަމަށް އޭސީސީން ބުނެއެވެ.
2020 ވަނަ އަހަރު ދައުވާ ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް 15 މައްސަލައެއް ފޮނުވާފައިވާކަން ފާހަގަކޮށް އޭސީސީން ބުނީ މިއީ ފާއިތުވި ތިންއަހަރުތެރޭ ކޮމިޝަނުން ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވި އެންމެ ގިނައަދަދު ކަމަށެވެ.
ކޮމިޝަނުގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި އާންމުކޮށްފައިވަނީ 2020 މާޗު 14 ވަނަ ދުވަހުގައި ކޮމިޝަނުގެ ވެބްސައިޓުގައި ކަމަށާއި ރިޕޯޓު ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން، ކޮމިޝަނުގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ލިންކް އިން ފެނިވަޑައިގަންނަވާނެ ކަމަށްވެސް ކޮމިޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ