ލައްކައެއްހާ ޑޮލަރު ހޯއްދެވުމަށް ޔާމީން، ތަސްމީނާ ދެކޮޅަށް ދައުވާ ކުރައްވަން ހުށަހަޅައިފި

ޑީއާރުޕީގެ ނައިބު ޒައީމް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަހުމަދު ތަސްމީނުގެ ފަރާތްޕުޅުން ލައްކައެއްހާ ޑޮލަރު ހޯއްދެވުމަށް ޕީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ އަބްދުﷲ ޔާމީން މަދަނީ ކޯޓަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ކުރިއަށް އޮތް ޑީއާރުޕީ ކޮންގްރެސްގައި ޒައީމް ކަމަށް ހަމައެކަނި ކުރިމަތިލެއްވި ތަސްމީނާ ދެކޮޅަށް، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ޔާމީން ދައުވާ ކުރައްވަން ހުށަހެޅުއްވި ކަމަށް ކޯޓުން ވަނީ ޔަގީންކޮށްދީފަ އެވެ.
މިކަމާ ގުޅިގެން ޔާމީން އެއްވެސް އެއްޗެއް ވިދާޅެއްނުވި އެވެ. އަދި ތަސްމީނާ ގުޅޭ ގޮތެއް ނުވި އެވެ. އަދި ތަސްމީންގެ ފަރާތްޕުޅުން ޔާމީން ހޯއްދަވަން ހުށަހެޅުއްވީ ސީދާ ކިހާ ފައިސާއެއްކަން ނޫސް ޗާޕަށް ދިޔައިރު ވަނީ އޮޅުން ނުފިލައިފަ އެވެ.
ޑީއާރުޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ޖެހޭނީ ޕާޓީގެ ޒައީމެވެ. ކުރިއަށް އޮތް ޑީއާރުޕީގެ ކޮންގްރެސްގައި ތަސްމީނު އެކަނި އެ މަގާމަށް ކުރިމަތިލެއްވުމުން އެ މަގާމު މިހާރު ވަނީ އެމަނިކުފާނަށް އޮޓަމެޓިކުން ކަށަވަރު ވެފަ އެވެ. އެހެންކަމުން މިހާރު އޮތް ގޮތުން އަންނަ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދާފައިވާ ދެ ޕާޓީ ކަމަށްވާ ޑީއާރުޕީގެ ތަސްމީނާއި ޕީއޭގެ ޔާމީން ވާދަ ކުރައްވާނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ