ޗެމްބަރު އޮފް ކޮމާސްގެ ނޫސްކޮންފަރެންސް: އިގްތިސާދާ ބެހޭ ގޮތުން ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ އިގްތިސާދާ ބެހޭ ގޮތުން މި ވަގުތު ކުރެވޭނެ އެންމެ ގޯސް ކަމަކަށް ވާނީ ދޮގު މައުލޫމާތު ފެތުރުން ކަމަށާއި ހުރިހާ ކަމެއް ވެސް ހާމަކަންމަތީގައި ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޗެމްބަރު އޮފް ކޮމާސް އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް އިގްތިސާދީ މާހިރުން ގޮވާލައްވައިފި އެވެ.
ވީޓީވީ ސްޓޫޑިއޯގައި ބޭއްވި ބައްދަލުވުމުގައި، އިގްތިސާދާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދެކެވޭ ދުވަސްވަރެއްގައި ރައްޔިތުން އަޅަން އޮތް އެންމެ ބޮޑު ފިޔަވަޅަކީ ކޮބައިތޯ ނޫސްވެރިޔަކު ދެންނެވުމުން އިގްތިސާދީ މާހިރެއް ކަމުގައިވާ ސޮލާހު ޝިހާބު ވިދާޅުވީ "މިވަގު ކުރެވޭނެ އެންމެ ގޯސްކަމަކީ އެކަހަލަ ކަމެއް ވެދާނެ ކަމުގެ ސްޕެކިއުލޭޓް (ހަގީގަތެއް ނެތް ވާހަކަ ދެއްކުން)" ކަމަށެވެ.
އޭނާ ވިދާޅުވީ އެހެން ވެދާނެތޯ މިހެން ވެދާނެތޯ ވާހަކަ ދެއްކުމުގެ ބަދަލުގައި ނޫސްވެރިން ވެސް ކުރަންވީ ކަމަކީ ޒިންމާދާރު ފަރާތްތަކުން ދައްކަވާ ވާހަކަ އާންމުންނާ ހަމައަށް ފޯރުކޮށް ދިނުން ކަމަށާއި ފައިނޭންސް މިނިސްޓަރު ވަޑައިގެން މިވެނި ވަރަކަށް ރިޒާވު އެބަ ހުއްޓޭ ވިދާޅުވީމާ އެ ވާހަކަ ގަބޫލުކުރަން ޖެހޭ ކަމަށެވެ.
"އެކަމަކު އެއީ ދޮގަކަށް ވެއްޖިއްޔާ އެއީ ވަރަށް ވަރަށް ބޮޑު ކުށެއް. އެކަމަކު އަޅުގަނޑު ގަބޫލުކުރަނީ އެ ވިދާޅުވީ ތެދުފުޅެއް ކަމަށް. ދެން އަމަލުން ދައްކަވަންވީ އެއީ ތެދުފުޅު ކަން،" ފައިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ބުރާސްފަތި ދުވަހު ދެއްވި ނޫސްކޮންފަރެންސްގައި ދެއްކެވި ވާހަކަ އަށް އިޝާރާތް ކުރައްވައި ސޮލާހު ވިދާޅުވި އެވެ.
ޖިހާދު އެ ދުވަހު ވިދާޅުވީ ދައުލަތުގެ ރިޒާވުގައި މިހާރު 250 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ.
ފައިނޭންސް މިނިސްޓްރީގެ ކުރީގެ ނާއިބު އާދަމް މަނިކާއި އެމްއެންސީސީއައިގެ ރައީސް އަހުމަދު މުޖުތަބާ އާއި ސޮލާހު ޝިހާބު ބޭއްވި ނޫސްކޮންފަރެންސްގައި އެ ބޭފުޅުން ވިދާޅުވީ ބޭންކްތަކުން ބޭރު ފައިސާ ނުލިބޭ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.
ސޮލާހު ވިދާޅުވީ ސިޔާސީ ގޮތުން އަތުވެދާނެ ބަދަލަކަށް ވިސްނައި ރާއްޖޭގައި ބޭރު ފައިސާ ނުބެހެއްޓުމަކީ މިދަނޑިވަޅު ބައެއް ފަރާތްތަކުން ކުރުން އެކަށީގެންވާ ކަމެއް ކަމަށެވެ.
"މިސާލަކަށް އަޅުގަނޑުގެ ފައިސާ ރާއްޖެ އިން ބޭރުގައި ބެހެއްޓެން ހުއްޓައި އެފައިސާ ކިހާ ވަރަކަށްތޯ ރާއްޖޭގައި ބަހައްޓާނީ،" މިސާލު ދައްކަވަމުން ސޮލާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޒިންމާދާރު ފަރާތްތަކުންނާއި ނޫސްވެރިން ވެސް ދިވެހި ރުފިޔާއާ ބެހޭ ގޮތުން ހިތަށް އެރިހާ ވާހަކައެއް ދެއްކެވުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށާއި އެފަދަ ވާހަކަތަކާ ގުޅިގެން ހީނުކުރާ ވަރުގެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އަދި ވިދާޅުވީ އިންތިހާބާ ގުޅިގެން އައްޑު އަތޮޅަށް 24 މިލިއަން ރުފިޔާގެ ވަގު ނޫޓް އެތެރެވެފައިވާ ކަމަށް ކޮންމެވެސް ކޭމްޕަކުން (ޑީއާރުޕީން) ބުނެފައިވާ ކަމަށާއި ނަމަވެސް ފައިނޭންސް މިނިސްޓަރު ދެއްވި ނޫސްކޮންފަރެންސްގައި އެއީ ތެދެއްތޯ ނުވަތަ ދޮގެއްތޯ ވެސް ވިދާޅުނުވުމަކީ ވިޔަފާރިވެރިން ކަންބޮޑުވާނެ ކަމެއް ކަމަށެވެ.
"ވިޔަފާރިވެރިން މިހެން ނުކުންނަ ހުރިހާ އަޑުތަކެއް އަޑުއަހާނެ. އެ މީހުންގެ ޒިންމާއެއް އެމީހުންގެ ވިޔަފާރި ކުރިއަށް ގެންދިއުން. ތެދު ތެދަށް ދަންނަވަންޏާ ކޮންމެ ބަޔަކު ވެސް މިއުޅެނީ އެ މީހުންގެ އަމިއްލަ ދިރިއުޅުން ކުރިއަރުވަން،" ސޮލާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށުތެރެ އަށް އެގޮތަށް ފެތުރިގެންދާ ވާހަކަތަކަކީ ދޮގުތޯ ނުވަތަ ތެދުތޯ ސަރުކާރުން ސާފުކޮށްދެއްވަން ޖެހޭނެ ކަމަށާއި އެފަދަ ވާހަކަތަކާ ގުޅިގެން އިގްތިސާދު ހަލާކުވިޔަ ދިޔަދީގެން ނުވާނެ ކަމަށެވެ.
ދުނިޔޭގެ އެއްވެސް ގައުމެއްގެ ބޭންކަކަށް ގޮސް އެހާ ފަސޭހައިން ޑޮލަރު ނުވަތަ ޔޫރޯ ނުނެގޭނެ ކަމަށާއި ނަމަވެސް އާންމުކޮށް ރާއްޖޭގައި އެކަން އޮންނަނީ ވަރަށް ފަސޭހަކޮށް ކަމަށް ވެސް ސޮލާހު ވިދާޅުވި އެވެ.
ސަރުކާރުން މިފަހުން ބޮޑެތި މަޝްރޫއުތަކެއް އިއުލާންކުރުމުން އެކަމާ ބެހޭ ގޮތުން އާދަމް މަނިކު ވިދާޅުވީ މިދަނޑިވަޅުގައި ކުއްލިއަކަށް އެކަހަލަ ބޮޑެތި މަސައްކަތް ހިންގުމަކީ އިގުތިސާދަށް ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ