އައްޑޫގައި ހުރި އެސްޓީއޯގެ ފިހާރަތަކުން މިފްކޯގެ ތާޒާ ކަނޑު މަހާއި ފިނިކުރި މަސް ލިބޭނެ: ޑރ.ޑީޑީ

އައްޑޫގައި ހުރި އެސްޓީއޯގެ ފިހާރަތަކުން މިފްކޯގެ އުފެއްދުންތައް، ރޯދަ މަހު ލިބޭނެ އިންތިޒާމު އެ ކުންފުންޏާ ވާހަކަ ދައްކައިގެން ހަމަޖައްސާފައިވާ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރު މިނިސްޓަރު ޑރ. އިބްރާހީމް ދީދީ ވިދާޅުވެއްޖެ އެވެ.
ސ. ހިތަދޫ މުހިއްބުއްދީން ސްކޫލުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ އާންމު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައްޔިތުންނަށް އަތްފޯރާ ފަށުގައި ފަސޭހަކަމާ އެކު ރޯދަ މަހު ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް އެސްޓީއޯ އިން މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، މިފްކޯއާ ވާހަކަ ދައްކައިގެން އެ ކުންފުނީގެ އުފެއްދުންތައް އައްޑު އަތޮޅުގައި ހުރި ފިހާރަތަކުން ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެ ގޮތުން މިފްކޯގެ ތާޒާ ކަނޑު މަހުގެ އިތުރުން ފިނިކުރި ރޯ މަސް ވެސް އެސްޓީއޯގެ ފިހާރަތަކުން ލިބޭނެ ކަމަށް ޑރ. ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަތޮޅުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމަށް މަސްވެރިންނަށް އައިސް ދޫކުރުމުގެ އިންތިޒާމުތަކެއް ވެސް ހަމަޖައްސަމުން ގެންދާ ކަމަށާއި ދޯނިފަހަރުގައި މަސް ފިނިކުރާ ނިޒާމު ބެހެއްޓުމަށް، މަސްވެރިންނަށް ލުއި ލޯނު ވެސް ދޫކުރަން ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އައްޑު އަތޮޅުގައި މިފްކޯ އިން ގާއިމުކުރަން ހަމަޖައްސާފައިވާ ނެޝަނަލް ކޯލްޑް ސްޓޯރޭޖާއި މަސް ޕްރޮސެސްކުރާ ފެކްޓްރީއާ ގުޅޭ ކަންތައްތައް ވެސް މިހާރު ކުރިއަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ