ސާކަށް ކުރި މަސައްކަތަށް ފައިސާ ނުލިބިގެން އަނެއްކާ ވެސް ބައެއް ކޮންޓްރެކްޓަރުން އެއްވެއްޖެ

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައްޑޫގައި ސާކް ސަމިޓް ބޭއްވުމަށްޓަކައި، ކޮންޓްރެކްޓަރުން ކުރި ބައެއް މަސައްކަތްތަކަށް ފައިސާ ނުލިބިގެން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެގޮތުން ހުޅުމީދޫގައި ހުންނަ އައްޑޫ ސިޓީ ކައުންސިލްގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަމެންޓަށް ވަދެ ފައިސާ ލިބޭނެ ދުވަހެއް ލިއުމަކުން ދިނުމަށް އެދުމާ ގުޅިގެން މި މަހުގެ 15 ގެ ކުރިން ފައިސާ ދޭނެ ކަމަށް ބުނެފައިވެ އެވެ. އެހެން ނަމަވެސް އެ ފައިސާ މިހާތަނަށް ވެސް ލިބިފައި ނުވާތީ ބައެއް ކޮންޓްރެކްޓަރުން އަނެއްކާ ވެސް އެ ޑިޕާޓްމަންޓަށް މިރޭ ޖަމާވެއްޖެ އެވެ.
ފައިސާ ލިބެން ޖެހޭ ފަރާތްތަކުން މިރޭ އަނެއްކާ ވެސް އެތަނަށް ވަދެ، ލިއުމަކުން ައިސާ ލިބޭނެ ދުވަހެއް ލިއުމަކުން ދިނުމަށް އެދިފައި ވަނީ މިރޭ ހަތެއް ޖަހާކަންހާއިރު އެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި 50 މީހުން އެ ޑިޕާޓްމަންޓުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ފައިސާ ލިބޭނެ ދުވަހެއް ލިއުމަކުން ދިނުމަށް އެ މީހުން ދަނީ ޑިމާންޑް ކުރަމުންނެވެ. މިކަމާ ގުޅިގެން ފުލުހުން ވެސް މިހާރު އަންނަނީ އެތަނުގައި ހަރަކާތްތެރިވަމުންނެވެ.
ސާކް ސަމިޓަށް ހުޅުމީދޫގައި ހިންގި ބައެއް މަޝްރޫއުތައް ކޮންޓްރެކްޓް އުސޫލުން ނަގައިގެން ހިންގި ޝަޒުމް އިންވެސްޓްމަންޓުގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ޝާތިރު މިރޭ ވިދާޅުވީ ކުރި މަސައްކަތަށް ފައިސާ ނުލިބިގެން އެކަމާ އުޅޭތާ މިހާރު އެތައް ދުވަހެއްވެއްޖެ އެވެ.
"މި ފައިސާ ނުލިބިގެން އަޅުގަނޑުމެން މިތިބީ މަސައްކަތްތައް ވެސް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތިފައި. އެތައް ފަހަރަކު ފައިސާ ހޯދަން މަސައްކަތް ކުރެވިއްޖެ. އެންމެ ފަހުން މޭޔާރާ ބައްދަލު ކުރުމުން ވެސް ވިދާޅުވި މި މަހުގެ 15 ގެ ކުރިން ފައިސާ ލިބޭނެ ކަމަށް. އަދި އެކަން ލިއުމަކުން ވެސް ދީފައި އެބަ އޮތް،" ޝާތިރު ވިދާޅުވި އެވެ. "މި މަހުގެ 15އިގެ ކުރިން އެ ފައިސާ އަޅުގަނޑުމެން ލިބޭނެ ކަމަށްވެއްޖިއްޔާ މިއަދު އެ ފައިސާ ލިބެން ޖެހޭނެ. އަނެއްކާ ކުރިއަށް މިއޮތީ ބަންދު ދެ ދުވަސް. އެހެންވެ އަޅުގަނޑުމެން ޑިމާންޑް މި ކުރަނީ ފައިސާ ލިބޭނެ ދުވަހެއް ލިއުމަކުން ދިނުމަށް."
ޝާތިރު ވިދާޅުވީ މަސައްކަތްތައް ހަވާލު ކުރިއިރު، އެ މަސައްކަތްތައް ނިންމައި ބިލް ހުށަހަޅާތާ 15 ދުވަހުގެ ތެރޭގައި ފައިސާ ލިބޭނެ ކަމަށް ކައުންސިލުން ބުނި ނަމަވެސް، އެކަން އެގޮތަށް ނުހިނގާ ކަމަށެވެ.
ޝާތިރު ކުރިން ވިދާޅުވެފައި ވަނީ މީދޫ ބަނދަރުގެ ތޮށިގަނޑު މަރާމާތުކޮށްގެންނާއި މޮނިއުމަންޓް ހަދައިގެން އެ ކުންފުންޏަށް ގާތްގަޑަކަށް 1.5 މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށެވެ. އަދި ޝަޒުމް އިން ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި
މަސައްކަތް ކުރި، ވިމްލާ އާ ހަވާލު ކުރި މަލްޓި ޕާޕަސް ހޯލަށް ލިބެން ޖެހޭ ފައިސާ އެ ކުންފުންޏަށް ވެސް ލިބިފައި ނުވާ ކަމަށް ޝާތިރު ވިދާޅުވި އެވެ.
"ވިމްލާ އަށް ފައިސާ ނުލިބިގެން އެ ކުންފުނިން އަޅުގަނޑުމެންނަށް ދޭން ޖެހޭ ފައިސާ ވެސް ނުލިބޭ. އަޅުގަނޑުމެން މަސައްކަތް ކުރީ އެޑްވާންސަށް އެއްވެސް ފައިސާއެއް ލިބިގެނެއް ނޫން. ހަމަ ސީދާ އަޅުގަނޑުމެން ހަރަދުކޮށްގެން މަސައްކަތްތައް ނިންމީ. އެގޮތުން 50 ވަރަށް މުވައްޒަފުން ނަގައިގެން ތަންތަނުން ކްރެޑިޓަށް ސާމާނު ހޯދައިގެން މަސައްކަތް
ކުރީ. އެހެންވެ މި ލާރި ލިބޭ ގޮތް ނުވެގެން މުވައްޒަފުންނަށް މުސާރައެއް ދެވޭނެ ގޮތެއް ނެތް. ނެގި މުދަލަށް ފައިސާ ދެއްކޭނެ ގޮތެއް ނެތް،" އޭނާ ވިދާޅުވި އެވެ. "ވަރަށް ނާޒުކް ހާލަތެއްގައި މި ތިބީ. އަނެއްކޮޅުން މަސައްކަތް ކުރި މީހުންނަށް މުސާރަ ނުދެވިގެން އަޅުގަނޑަށް އެކި ކަހަލަ އިންޒާރުތައް ވެސް އެބަ ލިބޭ."
މިކަމާ ބެހޭ ގޮތުން މޭޔަރު އަބްދުﷲ ސޯދިގް)ސޯބެ( މިރޭ ވިދާޅުވީ، މި މަހުގެ 15 އިގެ ކުރިން ފައިސާ ދޫކުރާނެ ވާހަކައެއް ލިޔުމަކުން ބުނެފައި ނުވާނެ ކަމަށެވެ.
"ފިނޭންސް މިނިސްޓްރީން ބުނެފައި އޮތީ 15 އިގެ ކުރިން ފައިސާގެ ކަންތައްތައް ހަމަޖެހޭތޯ ބަލަމުންދާ ވާހަކަ. އެކަމަކު އެއްވެސް ފަރާތަކަށް ލިޔުމަކުން އަޅުގަނޑުމެން އަންގާފައި ނުވާނެ މި މަހުގެ 15 އިގެ ކުރިން ފައިސާ ދޫކުރާނެ ކަމަކަށް. އަޅުގަނޑުމެން މިދަނީ ފައިސާ ލިބޭވަރަކުން ދޫކުރަމުން،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ