ނީލަން މުދާ ވިއްކާ ފިހާރަ އަނެއްކާ ވެސް އަނދައި ހުލިވެއްޖެ

މާލޭގެ އެއް ނަމްބަރު ކުނި ކޮށީގެ ހުޅަނގަށް ހުންނަ ނީލަން މުދާ ވިއްކާ ފިހާރައިގައި ތިން ވަނަ ފަހަރަށް ރޯވެ، އެ ތަން އަނދައި ހުލިވެއްޖެ އެވެ.
ރޭ ފަތިހު 00: 4 ހާއިރު ހިނގި އަލިފާނުގެ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްނުވި ނަމަވެސް، ނީލަން މުދާ ފިހާރަވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.
ނީލަން މުދާ ފިހާރައިގައި މި ފަހަރު މި ރޯވީ، 2005 ފެބްރުއަރީ ދެ ވަނަ ދުވަހުގެ ރެ އާއި 2008 ޖޫން ނުވަ ވަނަ ދުވަހުގެ ރޭ އެ ތަނުގައި އަލިފާން ރޯވެ ތަން އަނދައި ހުލިވި ފަހުން އެތަން ނުހެދި އުޅެނިކޮށެވެ. އަދި ދާދި ފަހުން ފުލުހުން ވަނީ، ނީލަން މުދާ ވިއްކާ މީހުން މަގުމަތީގައި ވިއްކަން ބަހައްޓާފައި ހުރި ތަކެތި އެ ތަނުން ނަގައިފަ އެވެ.
ނީލަން މުދާ ވިއްކާ މީހަކު މިއަދު ހެނދުނު ބުނީ އެ ތަނުގައި ރޯކޮށްލާނެ ކަމުގެ އިންޒާރު އެކި ފަރާތްތަކުން ދެމުންދާތާ ދުވަސްކޮޅެއްވެފައިވާ ކަމަށެވެ.
"އިހަކަށް ދުވަހު ވެސް ހޮޓަލެއްގެ ތެރޭގައި ހުއްޓާ މީހަކު ބުނި އަޑު އެހިން ނީލަން ފިހާރާގައި އަނެއްކާ ވެސް ރޯވާންވެއްޖެ ކަމަށް. މިކަހަލަ ކިތަންމެ އަޑެއް އިވިފައިވޭ،" އޭނާ ބުންޏެވެ.
ނީލަން ފިހާރައިގެ ގޮޅިއެއް ހިންގާ މީހަކު ބުނީ ކުރީ ފަހަރު އަނދައިގެން ދިއުމުން ވެސް ސަރުކާރުން އެއްވެސް ބަދަލެއް ދީފައިނުވާ ކަމަށެވެ. އަދި މި ފަހަރު ވެސް ލިބޭނެކަމުގެ އުއްމީދެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން ނުވެސް ދާނަން (ބަދަލެއް) ހޯދާކަށް ވެސް. މި ތަނުގައި މިއީ ރޯވި ތިން ވަނަ ފަހަރު. ފުރަތަމަ ފަހަރު ރަމްޒީ އެއްޗެއް ލިބުނު،" އެ މީހާ ބުންޏެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، އެ ހާދިސާ ހިނގާފައި ވަނީ އެ ތަނުގައި ބަޔަކު ގަސްދުގައި ރޯކޮށްލުމުން ކަމަށް ބެލެވޭ ކަމަށެވެ.
"މި މައްސަލައާ ގުޅިގެން އިތުރަށް ހޯދި ހޯދުންތަކުން ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމަށް ބެލެވޭ ބައެއް ހެކިތައް ލިބިފައިވޭ،" އޭނާ ވިދާޅުވި އެވެ.
ނީލަން ފިހާރަ އާއި ކުނި ކޮށީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ ސިފައިންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން ހެނދުނު ހަތެއް ޖަހާކަން ހާއިރު އެވެ. ނަމަވެސް މިއަދު މެންދުރުވި އިރު ވެސް ކުނިކޮށީގެ އަލިފާންގަނޑު އެކުގައި ނިއްވައެއްނުލެވެ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު އެއްވެސް ނިވާކަމެއް ނެތި ހިންގާ، ނީލަން ފިހާރައިގައި ރޯވެ އަނދައި ހުލިވި އިރު އެ ތަނުގައި ހުރީ ކިހާ މުދަލެއްކަމެއް އަދި އެ ތަނުގައި ތަކެތި ވިއްކަން ގޮޅި ދޫކޮށްފައި ވަނީ ކިތައް މީހުންނަށް ކަމެއް މާލޭ މުނިސިޕަލްޓީއަކުން ނުބުނެ އެވެ. މައުލޫމަތު ލިބިފައިވާ ގޮތުގައި އެ ކުނިކޮށި ސާފުކޮށް ކުނި އުކާނުލާތާ މިހާރު ތިން ހަތަރު މަސްވެފައިވާ ކަމަށްވެ އެވެ.
ރޭ ހިނގި އަލިފާނުގެ ހާދިސާގައި ނީލަން ފިހާރައިގެ އިތުރުން ކުނިކޮށީގެ ބޮޑު ބައެއްގަ އާއި އެ ތަނުގައި މަސައްކަތްކުރާ ބިދޭސީން ދިރިއުޅޭ ކޮންޓެއިނަރުތަކެއްގަ އާއި ބާ ދަގަނޑު ވިއްކާ ތަނުގައި ވެސް އަލިފާން ރޯވެ އަނދާފައިވެ އެވެ. އަލިފާންގަނޑު ކޮންޓްރޯލްކުރެވުނު ނަމަވެސް މެންދުރު ފަހު ވެސް ކުނިގޮނޑުން ވަރަށް ބޮޑަށް ދުން އަރަމުންދެ އެވެ. އެ ތަނުން ދުން އަރަމުންދާތީ މާލޭހިޔާ އާއި ސިނަމާލެ ފްލެޓްތަކުގަ އާއި ކައިރި ގެތަކުގައި ދިރިއުޅޭ މީހުން ދަނީ ޝަކުވާކުރަމުންނެވެ.
"ދުމުގެ އަސަރު ގަދަކަމުން ގޭތެރޭގައި ތިބެވޭ ވަރެއް ނުވޭ. އެ ތަނުގައި އަލިފާން ރޯވާ ކޮންމެ ފަހަރަކު މި ހާލުގައި އުޅެންޖެހެނީ،" ސިނަމާލެ ފްލެޓެއްގައި ދިރިއުޅޭ މީހަކު ބުންޏެވެ.
ޑރ. އަހުމަދު ރާޒީ މިއަދު ވިދާޅުވީ ކުނިގޮނޑުގައި ރޯވުމުން އަރަމުންދާ ދުމުގެ ސަބަބުން ސިއްހަތަށް ކޮންމެ ވެސް ވަރަކަށް ގެއްލުންވާނެ ކަމަށެވެ.
"ޖައްވުގެ ތެރޭގައި ދުން ގިނަވެ ކިލަނބުވެއްޖެ ނަމަ އޭގެ ސަބަބުން ސިއްހަތަށް ނޭދެވޭ އަސަރުކުރާނެ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ