ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ފުލުހުން ރައްދު ދީފި

ކުރީގެ ރައީސް މުހަންމަދު ނަޝީދު މިއަދު ހަވީރު ބޭއްވި ނިއުސް ކޮންފަރެންސްގައި، ފުލުހުންނަށް އަމާޒުކޮށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ރައްދު ދީފި އެވެ. ނަޝީދު ވިދާޅުވެފައި ވަނީ، އެ މަނިކުފާނު ހައްޔަރުކުރުމަށް ކޯޓް އަމުރު ނެރުނީ، އެ މަނިކުފާނުގެ ވެރިކަމުގައި ހައްޔަރުކުރި، އެ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ކަމަށެވެ. އަދި މިދިޔަ ބުދަދުވަހު އައްޑޫގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، "ވަރަށް އަނިޔާވެރިކޮށް" އަދި ގަދަކަމުން، ފުލުހުން އެމްޑީޕީގެ މެމްބަރުން ހައްޔަރުކުރަމުންދާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން އެ މަނިކުފާނު ނޫސްވެރިން ކައިރީގައި ވިދާޅުވީ، އެމްޑީޕީގެ ސަޕޯޓަރުން ހައްޔަރުކޮށް، ބިޑި އަޅުވައިގެން އޮރިޔާންކޮށްގެން ފުލުހުން ގެންދާ ކަމަށެވެ.މި ދެ ތުހުމަތާ ގުޅިގެން، "ހަވީރު" ން ދެންނެވި ސުވާލެއްގެ ޖަވާބުގައި، ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ނަޝީދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ވޮރަންޓް ނެރުނީ އަބްދުﷲ ގާޒީ ނޫން ކަމަށެވެ. "އެހެން ގާޒީއެއް އެ އަމުރު ނެރެފައި ވަނީ. އެކަން އަޅުގަނޑުމެން ޔަގީންކޮށްދެން،" އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އައްޑޫގައި މީހުން ހައްޔަރުކޮށްގެން ގެންދަނީ އޮރިޔާކޮށްގެން ނޫން ކަމަށާއި، އާންމުންނަށް އޮޅޭ ގޮތަށް ނަޝީދު ވާހަކަފުޅު ދެއްކެވީ ފުލުހުންނާ މެދު އާންމުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ކަމަށެވެ. "އެއީ ސީދާ ކަނޑައެޅިގެން މީހުންގެ މެދުގައި ނަފްރަތު އުފައްދައި، ފުލުހުންނާ މެދު ރުޅިވެރިކަން އުފެއްދުމަށް ދައްކާ ވާހަކަތަކެއް. އަޅުގަނޑުމެން މިކުރާ ކަމަކީ ފުލުހުންގެ މަރުކަޒުތަކަށް ގެއްލުންދީ، ފުލުހުންނަށް ޖިސްމާނީ ގޮތުން ގެއްލުންދީ، ރައްޔިތުންގެ މުދަލަށް ގެއްލުންދިން މީހުން ހޯދުމުގެ މަސައްކަތް. ފުލުހުން އެކަން ކުރާއިރު އަމަލުކުރާނީ ގާނޫނު އަސާސީ އާއި ގާނޫނީ އިމުގެ ތެރޭގައި. ގާނޫނު އަސާސީން ލިބިދޭ ހައްގުތަކަށް ފުލުހުން ބަލާނެ،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ. ދައުލަތާއި އަމިއްލަ ބައެއް ފަރާތްތަކުގެ މުދަލަށާއި ތަންތަނަށް އަދި ބައެއް ފުލުހުންނަށް ޖިސްމާނީ ބޮޑެތި އަނިޔާތައް ދިން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާއިރު، އެކަން ކުރާ ގޮތް ވީހާ ވެސް ގާތުން ބަލައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގައި، ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވަނީ އެދިވަޑައިގެންފަ އެވެ.ނަޝީދު ވިދާޅުވީ މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރަމުންދާ ގޮތް ބެއްލެވުމަށް މާދަމާ އައްޑު އަށް ވަޑައިގަންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ