ހަތިޔާރު ބޭނުންކޮށްގެން މައްސަލަ ހައްލުކުރަން ވިސްނާފައެއް ނެތް: އެމްއެންޑީއެފް

މި މަހުގެ 7 ގައި ކުރީގެ ރައީސް މުހަންމަދު ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން، ހިނގި ކަންތައްތައް ކޮންޓްރޯލް ކުރުމަށްޓަކައި ހަތިޔާރު ބޭނުން ނުކުރަން ސިފައިން އެ ދުވަހު ނިންމާފައިވާ ކަމަށް އެމްއެންޑީއެފް އިން މިއަދު ބުނެފި އެވެ.
ރާއްޖޭގެ އަސްކަރިއްޔާ އިން ބުނީ މައްސަލަ ހައްލުކުރުމަށްޓަކައި ހަތިޔާރު ބޭނުންކުރަން އެއްވެސް އިރެއްގައި ވިސްނާފައި ނެތް ކަމަށެވެ.
ފުލުހުންނާއި އާންމުން ނަޝީދުގެ ސަރުކާރާ ދެކޮޅަށް ނިކުމެ ހިންގި ހަރަކާތްތައް މައިތިރިކުރުމަށްޓަކައި ސިފައިންނަށް ރައްޔިތުންގެ ގަޔަށް ބަޑި ނުޖެހުނީ އެ މަނިކުފާނު ބަޑި ގުދަން ހުޅުއްވައި ނުދެއްވުމުން ކަމަށް ދިއްދޫގައި ރޭ ނަޝީދު ވިދާޅުވެފައިވާތީ، އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ވަނީ އެ ވާހަކަފުޅު ދޮގުކޮށްފަ އެވެ.
އެމްއެންޑީއެފުން ބުނީ ގަވާއިދުގައިވާ ގޮތުން، ބަޑި ގުދަން ހުޅުވުމަށްޓަކައި ސިފައިންގެ ވެރިޔާ އަދި ޑިފެންސް މިނިސްޓަރުގެ ހުއްދަ ހޯދަން ނުޖެހޭ ކަމަށެވެ. އަދި ބަޑި ގުދަން ހުޅުވައި ލައްޕާ ކޮންމެ ފަހަރަކު، ރައީސްއަކަށް ހުންނަވާ ބޭފުޅެއްގެ އަރިހުގައި ދަންނަވަން ޖެހޭ އުސޫލެއް ވެސް ގަވާއިދުގައި ނޯންނަ ކަމަށް ބަޔާނުގައިވެ އެވެ.
"އަދި ބަޑި ގުދަން ހުޅުވުމަށް ސިފައިންގޭގައި ހަމަޖެހިފައި އޮންނަ ގަވާއިދު ކުރީގެ ރައީސް މުހަންމަދު ނަޝީދު އަށް ވަރަށް ރަނގަޅަށް އެނގިވަޑައިގެންފައި ހުންނަވައި ސިފައިންގެ ބަޑި ގުދަނާ ބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަފުޅަކީ ވެސް ހަގީގަތާ ޚިލާފު ވާހަކަފުޅުތަކެކެވެ،" އެމްއެންޑީއެފްގެ ބަޔާނުގައިވެ އެވެ. " 2012 ފެބްރުއަރީ 7 ވަނަ ދުވަހު ހިނގާދިޔަ ހާދިސާ އަކީ، ފަހަރެއްގައި ވެސް ހަތިޔާރުގެ ބޭނުންކުރަން ޖެހިފައިވާ ހާލަތެއް މެދުވެރިވެފައިވާ ހާދިސާއެއް ކަމަށް އެމްއެންޑީއެފް އަކުން ނުދެކެމެވެ. އަދި ސިފައިންގެ ގާނޫނުގެ ދަށުން ހެދިފައިވާ ސިފައިން ހަތިޔާރު ބޭނުންކުރުމަށް ހަމަޖެހިފައިވާ ގަވާއިދު (ރޫލްސް އޮފް އެންގޭޖްމަންޓް) އޮންނަކަން ކުރީގެ ރައީސް މުހަންމަދު ނަޝީދު އަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ،" ބަޔާނުގައިވެ އެވެ.
އެމްއެންޑީއެފުން ބުނީ ސިފައިންނާ މެދު ނަފުރަތު އުފެއްދުމަށްޓަކައި ނަޝީދު ވާހަކަފުޅު ދައްކަވަމުންދާ ކަމަށާއި އެއީ ސިފައިންގެ ކޮމާންޑަ އިން ޗީފްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެއްގެ ފުށުން ފެންނަ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ދެކޭ ކަމަށެވެ.
"ވީމާ ކުރީގެ ރައީސް ނަޝީދު ސިފައިންނަށް ރައްދުކޮށް ދައްކަވަމުން ގެންދަވާ ހަގީގަތާ ހިލާފު ވާހަކަފުޅުތައް ދެއްކެވުމުގެ ކުރިން އެ ވާހަކަފުޅުތަކާ މެދު ފުންކޮށް ވިސްނެވުމަށް ކުރީގެ ރައީސް މުހަންމަދު ނަޝީދަށް އިލްތިމާސް ކުރަމެވެ،" އެމްއެންޑީއެފުގެ ބަޔާނުގައިވެ އެވެ.
ސިފައިން އަބަދުވެސް ތިބޭނީ، ގާނޫނީ ވެރިކަމަށް ކިޔަމަންތެރިކަން އަދާކޮށް، ދިވެހި ގައުމާއި ރައްޔިތުންނާއި އިސްލާމްދީނުގެ ހިމާޔަތުގައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވުމަށް ތައްޔާރަށް ކަމުގެ ޔަގީންކަން ވެސް އެފްއެމްޑީއެފުން ވަނީ އެ ބަޔާނުގައި ދީފަ އެވެ. އަދި ސިފައިންނާ މެދު ނަފުރަތު އުފެއްދުމަށް ނަޝީދު ވާހަކަފުޅުތައް ދައްކަވަމުން ގެންދަވަނީ، ސިޔާސީ ވަކި ފިކުރަކަށް ތަބާވާ ބައެއްގެ ރުހުން ހޯއްދެވުމަށް ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ. ސިފައިންނާ ބެހޭ ގޮތުން ނަޝީދު ދައްކަވަމުން ގެންދަވާ ހަގީގަތާ ހިލާފު ވާހަކަތައް އެމްއެންޑީއެފުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ވެސް ކޮށްފަ އެވެ.
ދިއްދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި، ނަޝީދު ވިދާޅުވެފައި ވަނީ، ފެބްރުއަރީ 7 ގެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް، ބަޑި ބޭނުންކުރުމަށް، ބަޑި ގުދަން ހުޅުވައި ދިނުމަށް ސަލާމަތީ ބާރުތަކުގެ ވެރިން ތަކުރާރުކޮށް އެމަނިކުފާނު އަރިހުން އެދިވަޑައިގެންނެވި ކަމަށެވެ. އެކަމަކު އެ ދުވަހު އެ ގޮތަށް އަމަލު ނުކުރެއްވީ ރައްޔިތުންގެ ގަޔަށް ބަޑި ޖަހަން ޖެހޭތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ