ގާނޫނު އަސާސީ ހުއްޓިފައިވާ ކަމަށް ރައީސް ވިދާޅުވި މައްސަލަ ކޯޓަށް ލާނަން: ޔާމީން

ގާނޫނު އަސާސީ ހުއްޓިފައިވާ ކަމަށް އދ. މަހިބަދޫގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށާއި އެ މައްސަލަ ކޯޓަށް ވައްދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގައި ބޭއްވި ޕްރެސްކޮންފަރެންސެއްގައި ޔާމީން ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތައް ދެމެހެއްޓުމުގައި އެންމެ އިސް މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ރައީސް ނަޝީދު ގާނޫނު އަސާސީ ހުއްޓިފައި އޮތް ކަމަށް ވިދާޅުވުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
"ގާނޫނު އަސާސީ ލާޒިމްކުރަނީ ގާނޫނު އަސާސީ ދަމަހައްޓަން ޖެހޭނީ ރައީސުލް ޖުމްހޫރިއްޔާއޭ. މިހާރު ވެސް ގާނޫނު އަސާސީގައި ހުރި ކަންތައްތަކާ ޚިލާފަށް ކަންތައްތަކެއް ކުރެވޭ ކަމަށް ވިދާޅުވެފައި ނޫނިއްޔާ ގާނޫނުތަކާ ޚިލާފަށް ކަންކަން ކުރެވޭ ކަމަށް ވިދާޅުވެފައި އެކި މީހުން ހައްޔަރުކުރައްވައި މިކަހަލަ ކަންތައް މިކުރައްވަނީ. އެހެންވީމަ އެއިން އެބަ ދޭހަވޭ ގާނޫނު އަސާސީގައި ހުރި ބައެއް މާއްދާތަކާ ހިލާފަށް އަމަލުކުރައްވާކަން،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން ބޭނުންވާ ކަމެއް ކުރުމަށް ގާނޫނު އަސާސީގައިވާ މާއްދާތަކާ ހަވާލާދެއްވުމަށް ފަހު، ބޭނުންވާ ބައެއް ކަންތައް ނުކުރެއްވުމުން ގާނޫނު އަސާސީ ހިންގުން ހުއްޓިފައި އޮތުމޭ ރައީސް ވިދާޅުވުމަކީ "ސީރިއަސް ކަމެއް" ކަމަށް ޔާމީން ވިދާޅުވި އެވެ.
"މި މައްސަލާގައި އަޅުގަނޑުމެން ލޯޔަރުންނާ އެކު މުތާލިއާކުރަމުން މިދަނީ މައްސަލަ ކޯޓަށް ވައްދަން. އިރާދަކުރެއްވިއްޔާ މިރޭގެ ވަގުތެއްގައި އަޅުގަނޑުމެން މައްސަލަ މުތާލިއާކޮށްފައި އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތަކަށް މައްސަލަ ކޯޓަށް ވައްދާނަން. އެއީ ދައުލަތުގެ ހިންގުން ހަވާލުކޮށްފައިވާ އެންމެ އިސް ވެރިޔާ މި ވިދާޅުވަނީ ގާނޫނު އަސާސީ ހިންގުން ހުއްޓުމަކަށް އައިސްފައޭ،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސްގެ ވާހަކަފުޅުގެ މުރާދަކީ "ރައީސް ނަޝީދު އަމިއްލަފުޅަށް ގާނޫނު އަސާސީ ހިންގުން ހުއްޓާލެއްވީތޯ" ބަލަން ބޭނުންވާ ކަމަށެވެ. އެގޮތަށް މޭރުންވާ ގޮތަށް ރައީސް ވާހަކަފުޅު ދައްކަވާފައިވީ ނަމަވެސް ގާނޫނު އަސާސީ ހުއްޓިފައި އޮތް ސަބަބު ނުވަތަ އެ ހާލަތްތައް ރައްޔިތުންނަށް ވިދާޅުވެދެއްވާފައި ނުވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން ކޯޓަށް މައްސަލަ ވައްދައި ގާނޫނު އަސާސީ ހިންގުން ރައީސް ނަޝީދު ހުއްޓުވާލެއްވީތޯ ބައްލަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ ބެހޭ ގޮތުން ޔާމީން ވިދާޅުވީ އޭނާ ގެންގޮސްފައި ވަނީ ގޭގައި އުޅުއްވަނިކޮށް "ރަހީނުކޮށްގެން" ކަމަށެވެ. އަދި އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ތަންކޮޅެއް ކައިރިން ބަލަން ޖެހޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެދުމަކީ އަބްދުﷲ ގާޒީ އަރިހުގައި އަބަދުވެސް ހިއުމަން ރައިޓްސް ކޮމިޝަނުގެ ބޭފުޅަކު ހުންނެވުން. އެހެންވެ އަޅުގަނޑުމެން މި އެދެނީ އަބްދުﷲ ގާޒީގެ ކަންތައް ބެލުމަށް ކޮމިޝަނުގެ މެމްބަރަކު ބަހައްޓައިދެއްވާށޭ. އެހެން ނޫނީ އަޅުގަނޑުމެންނަށް ގެރެންޓީއެއް ނެތް ކަންތައްތައް ދާނީ އެ [ހިއުމަން ރައިޓްސް އިން] ވިދާޅުވާ ގޮތަށް އެންމެ ރަނގަޅަށް ކަމަށް،" އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ސަލާމަތީ ބާރުތަކުން ގެންގޮސްފައި ވަނީ "ގަބޫލުކުރެވޭނެ ގޮތަކަށް ނޫން" ކަމަށެވެ. އޭނާގެ ކުށެއް އުޅޭ ނަމަ އެ ކުށް ބެލުމަށް ޕީޕީއެމުން މަރުހަބާ ކިޔާނެ ކަމަށާއި ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވާތީ އެކަމާ ދެކޮޅަށް ސުލްހަވެރި މުޒާހަރާކުރާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
އެ މުޒާހަރާގައި ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން ހިންގުމަށް ތަރުހީބު ނުދޭ ކަމަށާއި އެކަމަކު ސުލްހަވެރިކަމާ އެކު އަޑުއުފުލުމުގެ ހައްގު ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ސުލްހަވެރިކަމާ އެކު ކުރާ މުޒާހަރާ ރޫޅާލައި ފުލުހުންނަށް މީހުން ހައްޔަރުކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ