މިރޭ މުޒާހަރާ ނުބާއްވައި، ޑީއާރުޕީގެ ލީޑަރުން ކެމްޕޭނަށް ރަށްރަށަށް

"އުނބަށް ޖެހި ވަޒީރުން"ގެ ނަމުގައި އަންގާރަ އާއި ބުދަ ދުވަހުގެ ރޭ ޑީއާރުޕީން ބޭއްވި ސިލްސިލާ މުޒާހަރާ ބުރާސްފަތި ދުވަހުގެ ރޭ ނުބާއްވައި، ޕާޓީގެ ލީޑަރުން ކެމްޕޭން ކުރެއްވުމަށް ތިން ސަރަހައްދަކަށް ފުރައިފި އެވެ.
އެ ޕާޓީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު ވިދާޅުވީ ސިލްސިލާކޮށް ބާއްވަމުން ގެންދިޔަ މުޒާހަރާ މިރޭ ނުބާއްވަން ނިންމީ ޕާޓީގެ އިސް ލީޑަރުން އަތޮޅުތަކަށް ވަޑައިގަންނަވަން ޖެހޭތީ ކަމަށެވެ.
"ކުރިން ވެސް ނިންމާފައި އޮތީ ހަފުތާ ބަންދުގައި މުޒާހަރާ ނުބާއްވާ ގޮތަށް. ދެން މުޒާހަރާ އަނެއްކާ ވެސް އޮންނާނީ މަޖިލިސް ބާއްވާ ދުވަހާ ދިމާކޮށް އާދީއްތަ ދުވަހުގެ ރޭ،" އޭނާ ވިދާޅުވި އެވެ. "މުޒާހަރާގެ މަގުސަދު ހާސިލްވީއެއް ނޫން. މިކަން އަތޮޅު ފެންވަރުގައި ޖައްސަން އެބަ ޖެހޭ."
އަލީ ސޯލިހު ވިދާޅުވީ އަތޮޅުތަކަށް ކުރާ ދަތުރުގެ މައިގަނޑު ބޭނުމަކީ އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމާއި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުން ކަމަށެވެ.
އޭނާ ވިދާޅުވީ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ ވަޑައިގަތުމަށްފަހު ހަމަޖެހިފައި ވަނީ ކ. ގުރައިދުއަށާއި ވ. ފެލިދުއަށް ކަމަށެވެ. އަދި ޑެޕިއުޓީ ލީޑަރު، ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ހިމެނޭ ޓީމު ދިއުމަށް ހަމަޖެހިފައި ވަނީ ނ. އަތޮޅުގެ ބައެއް ރަށްތަކަށް ކަމަށާއި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ހިމެނޭ ޓީމު ދާނީ ފުވައްމުލަކަށް ކަމަށް ވެސް އަލީ ސޯލިހު ވިދާޅުވި އެވެ.
"އުނބަށް ޖެހި ވަޒީރުން"ގެ ނަމުގައި ރެ އާއި ކުރީ ރޭ ޑީއާރުޕީން ބޭއްވި ސިލްސިލާ މުޒާހަރާގައި ބުދަ ދުވަހުގެ ރޭ މުލިއާގޭ ދޮށަށް އެއްވާން ދިޔަ މީހުންގެ ގަޔަށް ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސްޖަހައި މުޒާހަރާ ރޫޅާލައި، އިސްކޮށް ހަރަކާތްތެރިވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކާއި އާއްމުންގެ ބައެއް މީހުން ބުދަ ދުވަހުގެ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ޑީއާރްޕީގެ ސަޕޯޓަރުން ހިމެނޭ ގޮތުން އާޓިފިޝަލް ބީޗް ކައިރިން ފެށި މުޒާހަރާގެ ބައިވެރިން މަޖީދީމަގުން ހުޅަނގަށް ދަމުން އަޑުގަދަކުރާއިން ސަރުކާރަށް ނިސްބަތްކޮށް ތަފާތު ޝުއޫރުތައް ފާޅުކުރަމުން ދިޔަ އެވެ.
އޭގެ ކުރީ ރެއެކޭ އެއްގޮތަށް ބުދަ ދުވަހުގެ ރޭ ވެސް މުޒާހަރާގެ ބައިވެރިން މަޖީދީމަގުން ގޮސް އަލިކިލެގެފާނު މަގުން މުލިއާގެއާ ދިމާއަށް ދަނިކޮށް ފުލުހުންނާއި ސިފައިން ޝީލްޑާ އެކު ނުކުމެ "ކޮލެޖް" ފިހާރައާ ހިސާބުން އެ މަގު ބަންދުކުރި އެވެ. އަދި އެ ތަނުގައި ތިބި ސިފައިންނާއި ފުލުހުންގެ ސަފުތައް ފޫއަޅުވާލަން މުޒާހަރާގެ ބައިވެރިން މަސައްކަތްކުރި އެވެ. ނަމަވެސް އެ ސަފުތައް ފޫއަޅުވާނުލެވުމުން އެ މީހުން ދެން ދިޔައީ ނީލޯފަރުމަގު (އެމްޑީޕީގެ ކުރީގެ ހަރުގެ ހުރި މަގު)ން ރަށްދެބައިމަގަށް ގޮސް ސީއެޗްއެސްއީ ފުރަގަހުން ލިލީ މަގަށް ނުކުމެ ސަލްޓަންޕާކުގެ ފާރުމަތިން އަރައިގެން ދަރުމަވަންތަ މަގުން މުލިއާގެއާ ދިމާލަށެވެ.
ދަރުމަވަންތަ މިސްކިތާ ދިމާލަށް އެއްވެ ރައީސް ނަޝީދުގެ އިސްތިއުފާ އަށް ގޮވަން ފެށުމުން، ޝީލްޑާއެކު އެ މަގު ބަންދުކޮށްގެން ތިބި ފުލުހުންނާއި ސިފައިން އެއްވެ ތިބި މީހުންނާ ދިމާލަށް ޕެޕާ ސްޕްރޭ ޖަހައި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަމުން ގޮސް ސަލްޓަންޕާކާ ހަމައަށް ފޮނުވާލި އެވެ. އަދި އެ ވަގުތު ޕާކް ތެރޭގައި ތިބި ބަޔަކު ގާއުކަން ފެށުމުން ކަރުނަ ގޭސް ޖަހައި، އެ ތަނުގައި ތިބި މީހުން ފޮނުވާލި އެވެ. އެއްވެ ތިބި މީހުން ގާއުކުމުން އެ ތަނުގައި ތިބި ފުލުހުންނަށާއި ބައެއް އާންމުންނަށް ވެސް އަނިޔާވި އެވެ. ބައެއް މީހުން ޒަހަމްވެ ލޭ ފައިބަމުން ދިޔަ ތަން ފެނިފައި ވެ އެވެ.
އެ ސަރަހައްދަށް އެއްވެ ތިބި މީހުން ދުރަށް ފޮނުވުމަށް ފުލުހުންނަށް ކޮމާންޑް ދިނުމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޝްވާން ރޭ ވެސް ހަރަކާތްތެރިވެ ވަޑައިގަތެވެ. ދަރުމަވަންތަ މަގުގައި ތިބި މީހުން އެ ސަރަހައްދުން ފޮނުވާލުމުން އެއް ބަޔަކު އަމީނިއްޔާ ސްކޫލާއި ދާރުލް އާސާރު ގުޅޭ ކަންމައްޗަށް އެއްވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން އާއި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފާ ޑިއާރުޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހާއި ބައެއް އެކްޓިވިސްޓުން މުލިއާގޭ ކުރިމަތިން ހުކުރު މިސްކިތް ކުރިމަތީގައި ތިބެ ރައީސް ނަޝީދުގެ އިސްތިއުފާ އަށް ގޮވަން ފެށުމުން، އެ ތަނުގައި ތިބި މަޖިލިސް މެމްބަރުންނާއި ބައެއް އެކްޓިވިސްޓުން ހައްޔަރުކޮށް ފުލުހުންގެ އުޅަނދެއްގައި ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ގެންދިޔަ އެވެ.
މުލިއާގޭ ދޮށަށް އެއްވި މީހުން ފަހާލުމުން ބައެއް މީހުން ޗާނދަނީމަގާއި އޯކިޑް މަގު ގުޅުނު ކަންމައްޗަށް އެއްވެ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން ދިޔަ އެވެ. އެ ތަނުން ދުރަށް ދާން ފުލުހުން އެންގުމުން ނުކިޔަމަންތެރިވި ބައެއް މީހުން ހައްޔަރުކުރި އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަޖިލިސް މެމްބަރުންނާއި ޑީއާރްޕީގެ މީޑިއާ ކޯޑިނޭޓަރު ރޭ ދަންވަރު 30: 12 ހާއިރު ދޫކޮށްލި އެވެ. އޭގެ އިތުރުން ދެން ތިބި މީހުން ފުލުހުންގެ މައި މަރުކަޒުން އަތޮޅުވެއްސަށް ގެންދިއުމަށް ފަހު ދޫކޮށްލީ ރޭ މެންދަންވި ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ