ކޮވިޑް-19: ސާމްޕަލް ނެގެޓިވްވުމުން ހަކުރާ ހުރާ ރިސޯޓް ހުޅުވައިފި

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ބިދޭސީ މުވައްޒަފެއްގެ ފަރާތުން ފެނިގެން މިދިޔަ ބުދަދުވަހު ދެ ވަނަ ފަހަރަށް ބަންދުކުރި ސިނަމަން ހަކުރާ ހުރާ ރިސޯޓް ހުޅުވާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
އެ އިދާރާ އިން ބުނީ ހަކުރާ ހުރާ ރިސޯޓުން ސާމްޕަލް ނެގި މީހާގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށެވެ. އެހެންވެ އެ ރިސޯޓު މޮނިޓަރިންގެ ހާލަތުން ނަގާފައިވާ އިރު ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓާއި މާހާ ސަފާރީން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ވެސް ނެގެޓިވް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ހަކުރާ ހުރާ ރިސޯޓު މީގެ ކުރިން ބަންދުކުރީ ވެސް ޓޫރިސްޓަކަށް ކޮވިޑް ބަލީގެ އަލާމާތްތަކަށް ޝައްކު ކުރެވިގެން، އެ މީހާ އެ ބައްޔަށް ޓެސްޓް ކުރުމަށެވެ. އަދި އެ ޓޫރިސްޓް މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި ކަމަށް ބެލެވިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ 62 މުވައްޒަފުން އެކަހެރިކުރަން ޖެހުނެވެ. އޭގެ ތެރޭގައި ހިމެނެނީ އެއާޕޯޓު ހިންގާ އެމްއޭސީއެލް އާއި މޯލްޑިވްސް އިމިގްރޭޝަނާއި ކަސްޓަމްސްގެ އިތުރުން ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ) ގެ މުވައްޒަފުންނެވެ. އެކަމަކު އެއްވެސް މީހެއްގެ ގައިން ވައިރަހެއް ނުފެނެ އެވެ.
އެޗްޕީއޭ އިން މިރޭ އާއްމުކުރި މައުލޫމާތުގައިވާ ގޮތުން ރައްކާތެރި ފިޔަވަޅު އަޅަން އަމަލުކުރާ އުސޫލްގެ ދަށުން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ދިގު ރަށް ރިސޯޓުން ވަނީ ސާމްޕަލްތަކެއް ނަގައިފަ އެވެ. ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރަށް އޮތީ މޮނިޓަރިންއަށް ލައިފަ އެވެ. މާނަ އަކީ މި ވަގުތަށް ބަންދުކޮށްފަ އެވެ.
ޗައިނާގެ ވޫހާން އިން އުފަންވެ މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ވައިރަހަށް ރާއްޖެ އިން މިހާތަނަށް ޕޮޒިޓިވްވީ 16 މީހެކެވެ. މީގެ ތެރެއިން 11 މީހަކު ރަނގަޅުވެފައިވާ އިރު ފަސް މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މި 11 މީހުންގެ ތެރެއިން އެކަކީ ދިވެއްސެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ