ތިން ވަނަ ޑިވިޝަންގެ ޓީމަކުން ރެއާލް ހިފަހައްޓައިފި

މެޑްރިޑް (ޑިސެމްބަރު 8) - ސްޕެނިޝް ކަޕްގެ ހަތަރު ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ތިން ވަނަ ޑިވިޝަންގެ ޒެޓްވިއާ އަތުން ލަނޑެއް ނުޖެހި ރެއާލް މެޑްރިޑް ރަށުން ބޭރުގައި އެއްވަރުވެއްޖެ އެވެ. މިދިޔަ ސީޒަންގެ ސްޕެނިޝް ކަޕްގެ ފައިނަލްގައި ރެއާލްގެ ޕޯޗުގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދެއްކި ރަތްކާޑާ އެކު އޭނާ މި މެޗަށް ހުރީ ސަސްޕެންޑްވެފަ އެވެ. އަދި ވޭލްސްގެ މިޑްފީލްޑަރު ގެރެތު ބޭލް ފިޓުނުވުމުން ރޭގެ މެޗުގައި ރެއާލްގެ ކޯޗު ކާލޯ އެންޗަލޮޓީ ވަނީ ޒުވާން ދެ ފޯވަޑުން ކަމަށްވާ އަލްވާރޯ މޮރާޓާ އާއި ޖެސޭ ރޮޑްރިގޭޒް އަށް ފުރުސަތު ދީފަ އެވެ. އެކަމަކު ދެ ޒުވާން ފޯވަޑުންނަށް ޒެޓްވިއާގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ. މެޗަށް ފަހު އެންޗަލޮޓީ ބުނީ އާޓިފިޝަލް ޓާފެއްގައި މެޗު ކުޅެންޖެހުމުން ރެއާލްގެ ކުޅުމަށް އަސަރުކުރި ކަމަށެވެ. "މި މެޗު މުޅިން ގޯހެއް ނޫން. އާޓިފިޝަލް ޕިޗެއްގައި ކުޅެންޖެހުމުން އަހަރެމެންނަށް ފަސޭހައެއް ނުވި. މި ކަހަލަ ޕިޗެއްގައި ކުޅުމަކީ އަހަރެމެންނަށް އާންމުކަމެއް ނޫން. ލަނޑު ނުޖެހުނަސް އެއީ ކަންބޮޑުވާންެޖެހޭ ކަމެއް ނޫން. އެއީ އަހަރެމެންނަށް އާންމުކޮށް ކުރިމަތިވާ މައްސަލައެއް ނޫން،" އެންޗަލޮޓީ ބުންޏެވެ. ރެއާލްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ ވަނީ ރަށުން ބޭރުގައި ސެންޓް އަންޑްރެއޫ އަތުން 4-0 އިން ރަށުން ބޭރުގައި ރޭ މޮޅުވެފަ އެވެ. މެޗުގައި އެތުލެޓިކޯގެ އާރްދާ ޓޫރާން ދެ ލަނޑު ޖެހިއިރު، ރައުލް ގާސިއާ އާއި ޑޭވިޑް ވިޔާ ވެސް ވަނީ ލަނޑު ޖަހައިފަ އެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ