ރާއްޖޭގެ އިތުރު އެއާލައިނަކަށް މި ވަގުތު ފުރުސަތު ދެވޭކަށް ނެތް!

ރާއްޖޭގައި އޮޕަރޭޓްކުރުމަށް އިތުރު އެއާލައިނަކަށް ހުއްދަ ދެވެން ނެތް ކަމަށް ސިވިލް އޭވިއޭޝަން އިން ބުނެފި އެވެ. ދިވެހި ރާއްޖެ އާއި ތުރުކީއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތް ފެށުމުގެ އެމްއޯޔޫއެއްގައި ސޮއިކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް ވިދާޅުވީ ރާއްޖޭގައި އޮޕަރޭޓްކުރުމަށް އިތުރު އެއާލައިނަކަށް ހުއްދަ ދެވެން ނެތީ ސިވިލް އޭވިއޭޝަން ޑިޕާޓްމެންޓްގައި މަސައްކަތްކުރާ މުވައްޒަފުން މަދުކަމުން ކަމަށެވެ. "ސިވިލް އޭވިއޭޝަން ޑިޕާޓްމެންޓްގައި މަސައްކަތްކުރާނެ އިތުރު މުވައްޒަފުން އެބަ ބޭނުންވޭ. މިހާރު ތިބި މުވައްޒަފުންނަށް ވުރެ އިތުރުވެގެން އަޅުގަނޑުމެން ބޭނުންވާ ވަރަށް ހިދުމަތްތައް ފޯރުކޮށްދެވޭނީ،" އާދިލް ވިދާޅުވި އެވެ. އާދިލް އިތުރަށް ވިދާޅުވީ ސިވިލް އޭވިއޭޝަން ޑިޕާޓްމެންޓަށް މުވައްޒަފުން މަދީ ސިވިލް އޭވިއޭޝަން ދާއިރާގައި މީހުން ނެތިގެން ނޫން ކަމަށެވެ. ނަމަވެސް ސިވިލް އޭވިއޭޝަން ޑިޕާޓްމެންޓުން ދޭ މުސާރާ އަށް ވުރެ ބޮޑު މުސާރަތައް ޕްރައިވެޓް ސެކްޓަރުން ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ސިވިލް އޭވިއޭޝަން ޑިޕާޓްމެންޓުން ބުނީ އެ ތަނަށް ގާތްގަނޑަކަށް ޓެކްނިކަލް 30 މުވައްޒަފުން ލިބިގެން ނޫނީ ކުރިޔަށް އޮތްތާ ރާއްޖޭގެ އެއާ ޓްރެފިކަށް އަންނާނެ ބަދަލުތަކަށް ބަލާއިރު ހިދުމަތް ދިނުން ދަތިވާނެ ކަމަށެވެ. އަދި މިހާރު ވެސް އެ ޑިޕާޓްމެންޓްގައި ފުލް ޓައިމް ޕައިލެޓެއް ނެތް ކަން ވެސް އެ ޑިޕާޓްމެންޓުން ފާހަގަކުރި އެވެ. ސިވިލް އޭވިއޭޝަން ޑިޕާޓްމެންޓުން މިހާރު ވެސް ޓެކްނިކަލް ތިން މުވައްޒަފަކު ކެނޑުމަށް އެދިފައިވާ ކަމަށް ވެސް އެ ޑިޕާޓްމެންޓުން ބުންޏެވެ. އަދި އެ ޑިޕާޓްމެންޓުން ބުނީ ޕްރައިވެޓް ކުންފުނިތަކުގެ މުސާރަ ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް ވުރެ 7- 8 ޕަސެންޓް ބޮޑު ކަމަށެވެ. "ސިވިލް އޭވިއޭޝަން، ސިވިލް ސާވިސްގެ ދަށުގައި އޮވެގެނެއް އަޅުގަނޑުމެންނަށް އެ މީހުން ބޭނުންވާ މުސާރައެއް ނުދެވޭނެ" އާދިލް ވިދާޅުވި އެވެ. ސިވިލް އޭވިއޭޝަނުން ބުނީ ސިވިލް އޭވިއޭޝަނުން ގާނޫނެއްގެ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މި ބިލް ފާސްވުމުން ސިވިލް އޭވިއޭޝަން މިނިވަން މުއައްސަސާއަކަށް ބަލަދުވެގެންދާނެ ކަމަށާއި އޭރުން މުވައްޒަފުންނަށް ޕްރައިވެޓް ސެކްޓާއާ އެއް ހަމައެއްގައި މުސާރަތައް ކަނޑައެޅިގެންދާނެ ކަމަށް ވެސް ސިވިލް އޭވިއޭޝަނުން ބުންޏެވެ. "މަޖިލީހުން މިބިލް އަވަހަށް ފާސް ނުވެއްޖެނަމަ ސިވިލް އޭވިއޭޝަން ޑިޕާޓްމެންޓްގައި ތިބި ތަޖުރިބާކާރު މުވައްޒަފުން ގެއްލުން އެކަށީގެންވޭ. މި ދާއިރާއަކީ ތަޖުރިބާކާރު ބޭފުޅުން ވެސް ބޭނުންވާނެ ދާއިރާއެއް. އަދި އަބަދު ތާޒާ މުވައްޒަފުންތަކެއް އާވަމުންދަންޏާ މި ދާއިރާ ހީނަރުވާނެ،" ސިވިލް އޭވިއޭޝަން ޑިޕާޓްމެންޓުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި އެވެ. ރާއްޖޭގައި އޮޕަރޭޓްކުރާ އެއާލައިންތަކަށް ހުއްދަދޭ ވަރަށް ކެޕޭސިޓީ ނެތް ނަމަވެސް ބޭރުގެ އެއާލައިންތައް ރާއްޖޭގައި ޖެއްސުމަށް ހުއްދަ ދިނުމަށް ދަތިނުވާނެ ކަމަށް ވެސް އެ ޑިޕާޓްމެންޓުން ބުންޏެވެ. އަދި ތުރުކީއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ހަފުތާ އަކު ތުރުކީ އާއި ރާއްޖެއާ ދެމެދު 14 ފުލައިޓް ބޭއްވޭނެ ކަމަށާއި ދެ ގައުމުގެ ފުލައިޓްތަކަށް ވެސް މި އެއްބަސްވުމުގެ ދަށުން ދަތުރުތަތައް ފެށުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ. ރާއްޖޭގައި ހިންގުމަށް ފަސް އޭއާލައިނަކަށް ސިވިލް އޭވިއޭޝަނުން ހުއްދަ ދީފައިވެ އެވެ. އެއީ ޓްރާންސް މޯލްޑިވިއަން އެއާވޭސް، މޯލްޑިވިއަން އެއާ ޓެކްސީ، މެގަ މޯލްޑިވްސް، އައިލެންޑް އޭވިއޭޝަން އަދި ވިލާ އެއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ