ދައުލަތުން ދެމުން ގެންދާ ސަބްސިޑީތައް ދިނުން ހުއްޓާ ނުލާނެ: ފިނޭންސް މިނިސްޓަރު

މާލިއްޔަތު ގާނޫނަށް 2010 ވަނަ އަހަރު ގެނައި އިސްލާހުތައް ގާނޫނައި ހިލާފު ނޫން ކަމަށް ސްޕްރީމު ކޯޓުން ކަނޑައެޅުމުން، ދައުލަތުން މިހާރު ދެމުން ގެންދާ ބައެއް އިނާޔަތްތައް ހުއްޓާލަން ޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް އެއިނާޔަތްތައް ހުއްޓާ ނުލާ ކުރިއަށް ގެންދަވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.
ސީއެންއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖިހާދު މިއަދު ވިދާޅުވީ، ސްޕްރީމު ކޯޓުގެ ހުކުމާއި ގުޅިގެން ސަބްސިޑީތައް ހުއްޓާލަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ރައްޔިތުންނަށް ދިނުމަށް ފާސްކޮށްފައިވާ ސަބްސިޑީތަކާއި އިނާޔަތްތައް ދެވިދާނެ ކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ކުރިއަށް އޮތްތަނުގައި އިނާޔަތްތަކާއި ސަބްސިޑީތައް ދޭ އިރު، މާލިއްޔަތު ގާނޫނަށް އަލަށް ގެނެސްފައިވާ އިސްލާހުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހުން ކަނޑައަޅާ އުސޫލަކުން ނުވަތަ ގާނޫނަކުން އެކަންތައްތައް ކުރުން ކަމަށް ޖިހާދު ވިދާޅުވިއެވެ.
"މިހާރު ދެމުން ގެންދާ ސަބްސިޑީތައް މިހިރީ ބަޖެޓުގައި ފާސްކޮށްފައި. އެހެންވީމާ އެސަބްސިޑީތައް ދެވިދާނެ ކަމަށް އޭޖީ ލަފާދެއްވާފައި އެބައޮތް" ޖިހާދު ވިދާޅުވިއެވެ.،
ސަބްސިޑީތައް ދެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާ އިރު، ސްޕްރީމު ކޯޓުގެ ހުކުމާއި ގުޅިގެން 65 އަހަރުން މަތީގެ މީހުންނަށް ދެމުން ގެންދާ އިނާޔަތް ނޫން އެހެން ހުރިހާ އިނާޔަތްތަކެއް ހުއްޓާލަން ޖެހޭނެ ކަމަށް ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ