ކޮންޓިންޖެންސީ ބަޖެޓުން 21 މިލިއަން ރުފިޔާ ހަރަދުކުރުމުގެ ހުއްދަ ދީފި

ދައުލަތް ހުއްޓަނަނުދިނުމުގެ ގޮތުން ކޮންޓިންޖެންސީ ބަޖެޓުން 21 މިލިއަން ރުފިޔާ ހަރަދުކުރުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ދީފި އެވެ.
ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ނޮޅިވަރަމް ދާއިރާގެ މެމްބަރ މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ފައިސާގެ ބައެއް ހަރަދުކުރުމަށް ހުއްދަދިނީ ޔުޓިލިޓީ ބިލްތަކަށް ފައިސާ ދެއްކުމަށް ކަމަށެވެ.
"ވަރަށް ގިނަ އަދަދެއްގެ ބިލަށް ފައިސާ ނުދައްކާ ހުރިކަމަށްވަނީ. އެބިލްތަކަށް ފައިސާ ދެއްކޭނެގޮތެއް ހެދުމަށްޓަކައި ކޮމެޓީން ވަނީ އެކަމަށް ހަރަދުކުރުމަށް ހުއްދަދީފައި. ސަރުކާރުން އިތުރު ކަންކަމަށް ފައިސާ ބޭނުންވެގެން ހުށަހެޅި. ނަމަވެސް މެމްބަރުންނިންމާފައިވަނީއިތުރު ތަފްސީލް ލިބިގެންނޫނީ އެކަމަށް ގޮތެއް ނުނިންމުމަށް،" ނަޝީދު ވިދާޅުވި އެވެ.
ކޮންޓިންޖެންސީ ބަޖެޓުން ފައިސާ ހަރަދުކުރުމަށް ކަނޑައަޅާފައިވަނީ މުސާރަ ކޮންޓިންޖެންސީ އަށާއި ޖެނެރަލް ކޮންޓިންޖެންސީ އަދި ޕީއެސްއައިޕީ ކޮންޓިންޖެންސީ އެވެ. އެއިން ކޮންމެ ބަޔަކަށް ކަނޑައަޅާފައިވަނީ 50 މިލިއަން ރުފިޔާ އެވެ.
ނަޝީދު ވިދާޅުވީ 150 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކޮންޓިންޖެންސީ ބަޖެޓުގައި ހިމެނޭ ފައިސާ އެހެން ކަންކަމަށް ހަރަދުކުރުމުގެ ހުއްދައަށް ވެސް އެދިފައިވާކަމަށެވެ.
ކޮންޓިންޖެންސީ ބަޖެޓަކީ ކޮރަޕްޝަނަށް މަގު ފަހިވާގޮތަށް އޮންނަ އެއްޗެއްކަމަށް ވިދާޅުވެ އޮޑިޓަރ ޖެނެރަލް ވަނީ އެބަޖެޓް އުވާލުމަށް ލަފާ އަރުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ