އޭ.ސީ.ސީ.ގެ ކުރީގެ އިންވެސްޓިގޭޝަން އޮފިސަރު އާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް އާދިއްތަ ދުވަހު ފަށަނީ

އެމް.އެމް.ޕީ.އާރު.ސީ. މެދުވެރިކޮށް ހިންގި ޚިޔާނާތާއި، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގ ކުށާ ގުޅިފައިވާ ފައިސާގެ ތެރެއިން 100،000 (އެއްލައްކަ) ޑޮލަރު ލިބުނުކަމަށް ތުހުމަތު ކުރެވޭ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި ޏ. ފުވައްމުލައް، ހޯދަޑު، މައުނާ، އަބްދުﷲ އާޒިމްގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާގެ އަޑުއެހުންތައް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލްކޮށްފިއެވެ.
އާޒިމްގެ މައްޗަށް އުފުލާފައިވާ، މަނީ ލޯންޑަރިންގ ކުށުގެ ދެ ދައުވާއާއި ރިޝްވަތު ހިފުމުގެ ކުށުގެ ދެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި ވަނީ އާދިއްތަ ދުވަހުގެ 09:00 އަށެެވެ.
އާޒިމްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް އެ މައްސަލަތައް ފޮނުވުމަށްފަހު، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އޭ.ސީ.ސީ.ގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި އާޒިމްއަށް އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން 100،000 ޑޮލަރު ލިބުނު މައްސަލަ ފުލުހުންގެ އިދާރާއިންނާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ތަހުގީގު ކުރުމަށްފަހު، ޕީޖީގެ އޮފީހަށް ހުށަހެޅުމުން، އާޒިމްގެ މައްޗަށް ހަތަރު ދައުވާއެއް ކުރުމަށް މިދިޔަ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
އާޒިމްގެ މައްޗަށް އުފުލާފައިވާ ފުރަތަމަ ދައުވާއަކީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ އުފުލާފައި ވަނީ، 12 އޮކްޓޯބަރު 2011އިން 14 އޭޕްރީލް 2016އަށް އޭ.ސީ.ސީ.ގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަގާމުގައި ހުރިއިރު، އެކޮމިޝަނުގައި އާޒިމް އިސްކޮށްހުރެ، ތަހުގީގުކުރަމުންދިޔަ އެމް.ޕީ.އެލް. އާއި އެމް.އެމް.ޕީ.އާރު.ސީ.އާ ދެމެދު ހިންގި ޑޮލަރުގެ މުޢާމަލާތާ ގުޅޭ ކޮރަޕްޝަން މައްސަލައާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމް.އެމް.ޕީ.އާރު.ސީ.ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި އަދި އޭރުގެ ސަރުކާރުގެ އިސްފަރާތްތަކުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާގޮތް ހިއްސާކުރުމަށާއި، ކޮމިޝަނުގެ ސިއްރު މައުލޫމާތު ދިނުމަށާއި، ތަހުގީގު ވަކި ގޮތަކަށް އަނބުރާލުމުގެ މުޤާބިލުގައި އަދީބާއި ޒިޔާތު މެދުވެރިވެގެން، 50،000 ޑޮލަރުގެ ރިޝްވަތު ދިނުމަށްޓަކައި އެސް.އޯ.އެފް. ކުންފުނީގެ އެކައުންޓުން ދޫކުރި ޗެކް، ބޭންކް އޮފް މޯލްޑިވްސް (ބީ،އެމް،އެލް)ގައި ހުޅުވާފައިވާ އެކައުންޓަށް 2 ޖޫން 2015 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާތީއެވެ.
އާޒިމްގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާއަކީ، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފުލާފައިވާ މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެވެ. މި ދައުވާ އުފުލާފައިވަނީ ވެސް، 2 ޖޫން 2015 ވަނަ ދުވަހު އާޒިމްގެ އެކައުންޓަށް ޖަމާކޮށްފައިވާ 50،000 ޑޮލަރުގެ މުޢާމަލާތާ ގުޅިގެންނެވެ.
އާޒިމްގެ މައްޗަށް އުފުލާފައިވާ ތިންވަނަ އަދި ހަތަރުވަނަ ދައުވާއަކީ ވެސް ރިޝްވަތުހިފުމުގެ ކުށުގެ ދައުވާއަކާއި މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެކެވެ. އެ ދެ ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ ވެސް، އޭރުގެ ސަރުކާރުގެ އިސްފަރާތްތަކުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާގޮތް ހިއްސާކުރުމަށާއި، ކޮމިޝަނުގެ ސިއްރު މައުލޫމާތު ދިނުމަށާއި، ތަހުގީގު ވަކި ގޮތަކަށް އަނބުރާލުމުގެ މުޤާބިލުގައި އަދީބާއި ޒިޔާތު މެދުވެރިވެގެން، އިތުރު 50،000 ޑޮލަރުގެ ރިޝްވަތު ދިނުމަށްޓަކައި އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދޫކުރި ޗެކް ބީއެމްއެލްގައި ހުޅުވާފައިވާ އާޒިމްގެ އެކައުންޓަށް 15 ޖޫން 2015 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާތީއާއި އަދި އެފައިސާއިން އިތުރު މުޢާމަލާތްތަކެއް ހިންގާފައިވާތީއެވެ.
އާޒިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދެ ދައުވާއާ ގުޅިގެން އޭނާގެ އެކައުންޓަށް އެސް.އޯ.އެފް. ކުންފުނިން ދެ ފަހަރެއްގެ މަތިން ޖަމާކުރި 100،000 ޑޮލަރު، ދައުލަތަށް ނަގައިދިނުމަށް ވެސް އެ ދެ ދައުވާގައި އެދިފައިވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމް.އެމް.ޕީ.އާރު.ސީ.ގެ ބޮޑު ޚިޔާނާތުގެ ތަހުގީގު ވަކި ގޮތަކަށް އަނބުރައިލަން، އޭސީސީގެ އިންވެސްޓިގޭޓަރެއްގެ ގޮތުގައި ހުންނަވައިގެން 100،000 ޑޮލަރުގެ ރިޝްވަތު ނެގިކަމުގެ ދައުވާ އުފުލާފައިވަނިކޮށް އާޒިމް ވަނީ އައިލެންޑް އޭވިއޭޝަން ސަރވިސް (އައި.އޭ.އެސް)ގެ ބޯޑު މެމްބަރު ކަމުން އިސްތިއުފާ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ