ސޫދާނުގެ ދެ ގަބީލާއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމުގައި 84 މީހުން މަރުވެއްޖެ

ސޫދާނުގެ ސަލާމަތީ ބާރުތަކުން ހުޅަނގު ދާރްފޫރްގެ އަލްޖަނީނާގައި ހަރަކާތްތެރިވަނީ ސޫދާނުގެ ދާރްފޫރު ސަރަހައްދުގެ ހުޅަނގުގައި އަރަބި ގަބީލާއަކާއި އަރަބި ނޫން ގަބީލާއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމުގައި މަރުވި މީހުން އަދަދު 84 އަށް އަރައިފިއެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ،
ދާރްފޫރުގެ ވެރިރަށް އަލްޖަނީނާގައި ހުންނަ ގެދޮރު ގެއްލިފައިވާ މީހުން ތިބޭ ކޭންޕެއްގައި ހުކުރު ދުވަހު ދެމީހެއްގެ ދެމެގައި ފެށުނު ތަޅައިފޮޅުން ދެ ގަބީލާއަށް ފުޅާވެ، އާދީއްތަ ދުވަހާއި ހަމައަށް އައި އިރުވެސް ދެ ފަރާތުގެ ދެމެދުގައި ދޭތެރެ ދޭތެރެއިން ހަމަލާތައް ބަދަލުކުރެވެމުން ދިޔައެވެ.
"އަލްޖަނީނާގައި ހިނގާ ލޭއޮހޮރުުވުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދުވަނީ ހޮނިހިރުދުވަހަށް ވުރެ އިތުރުވެ 84 އަށް އަރާފައި." ސެންޓްރަލް ކޮމިޓީ އޮފް ސޫދާން ޑޮކްޓާސް (ސީސީއެސްޑީ) އިން އިން ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ. އެ ޓުވީޓުގައި އިތުރަށް ބުނެފައި ވާގޮތުގައި 160 މީހުންނަށް އަނިޔާވެފައިވާ އިރު، އޭގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ މީހުންވެސް ހިމެނެއެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ އަރަބި ނޫން މަސާލިތު ގަބީލާގެ މީހުންނާއި، ގެރި ބަކަރި ހުއި ހެއްޕުމަށް އެއް ތަނުން އަނެއް ތަނަަށަް ދަތުރުކުރާ އަރަބިންނާ ދެމެދު ދާރުފޫރުގަ ހަމަނުޖެހުން ފެށިފައި މިވަނީ އދ. މެދުވެރިގެން ކުރި މަސައްކަތުން އެ ސަރަހައްދުގައި 13 އަހަރުއްސުުރެ ހިނގަމުން އައި ދާޚިލީ ހަނގުރާމަ ހުއްޓުނުތާ ދެ ހަފުތާ ފަހުންނެވެ.
ހަމަނުޖެހުން ފުޅާވެ، ދާރްފޫރުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތައް މި ހަމަނުޖެހުމުގެ ތެރެއަށް ވަދެފައިވާއިރު، ދެ ފަރާތުން ބަދަލުކުރި ހަމަލާތަކުގައި ގިނަ ގެެތަކެއްގައި ވަނީ ރޯކޮށް އަންދާލާފައެވެ.
ހަމަނުޖެހުން ކޮންޓުރޯލުކުރުމަށްޓަަކައި ދާރްފޫރުގައި ސަރުކާރުން މިހާރު ވަނީ ކާފިއު ހިންގާފައެެވެ. އަދި ބާޒާރުތަކަށް ނުކުމެ އުޅުމާ އެއްވެ އުޅުން މުޅިން މަނާކޮށްފައެވެ.
ސޫދާނުގެ ބޮޑުވަޒީރު ޢަބްދުﷲ ޙަމްދޫކު ވަނީ މައްސަލަ ބެލުމަށް މަތީ ފެންވަރުގެ ވަފުދެއް ދާރްފޫރަށް ފޮނުއްވާފައެވެ.
އދ.ން ބުނެފައިވާ ގޮތުގައި 2003 ވަނަ އަހަރުން ފެށިގެން ދާރްފޫރުގައި ހިނގަމުން ދިޔަ ހަނގުރާމައިގައި 3 ލައްކައެއްހާ މީހުން މަރުވެ 2.5 މީހުންގެ ގެދޮރު ގެއްލިފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ