ރާއްޖެ ޓީވީ ބަންދުކުރަން ރައީސް ޔާމީން އެންގެވި ކަމަށް ތުހުމަތުކުރައްވައިފި

ރާއްޖެ ޓީވީ ހަފްތާއަކަށް ބަންދުކޮށްދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންނެވި ކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު އިސްމާއީލް ސޮފްވާން އޭނާގެ ގާތުގައި ވިދާޅުވެފައިވާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަހީބް ވިދާޅުވީ އޮފީހުގައި އިންނަވަނިކޮށް ކޮމިޝަންގެ މެމްބަރު ސޮފްވާނާއި އޭނާ، ރައީސް ޔާމީން ބައްދަލުކޮށްލެއްވުމަށް އެދިވަޑައި ގަންނަވާ ކަމަށް ސޮފްވާން ވިދާޅުވި ކަމަށެވެ. ސޮފްވާން އެގޮތަށް ވިދާޅުވުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮމިޝަނުގެ ރައީސްއާ ބައްދަލުކުރައްވަން ބޭނުންފުޅުވާނަމަ ރައީސް އޮފީހުން ގުޅާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށާއި ރައީސް އޮފީހުގައި އޮންނަ ޕްރޮޓޮކޯލްގެ ތެރެއިން ގުޅުމުން ރައީސް އޮފީހަށް ދާނެ ވާހަކަ ދެންނެވިން ކަމަށް ޝަހީބް ވިދާޅުވި އެވެ.
އޭގެފަހުން ސޮފްވާން ގުޅުއްވާފައި ރައީސް ޔާމީން ދެއްވި ޚާއްސަ މެސެޖެއް އޮތްކަމަށް ސޮފްވާން ވިދާޅުވި ކަމަށްވެސް ކޮމެޓީގައި ޝަހީބް ވިދާޅުވި އެވެ.
"އަޅުގަނޑު ސިޓީ ގާޑަން ކައިރީގައި މަޑުކޮށްލީމަ ސޮފްވާން ވަޑައިގެން ފޯނުން ދެއްކީ މެސެޖެއް ރައީސުލްޖުމްހޫރިއްޔާ ޖަހާފައި އިނީ ދެން އަޅުގަނޑުކަށް ނޭނގެ އޭގެ އެއްވެސް ހަޤީޤަތެއް. މެސެޖް ދައްކާފައި ވިދާޅުވީ އެބައޮތޯ ވަރަށް މުހިއްމު ކަމެއް، ރައީސް ވިދާޅުވިއޭ ރާއްޖެ ޓީވީ ބަންދުކޮށް ދޭށޭ ހަފްތާއަކަށް. ދެން އެހެންވީމާ މިކަންތަކާ ހިނގާށޭ އުޅެން. އަޅުގަނޑު ދެންނެވިން ތީކީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫނޭ. ތިކަން ކުރެވޭނީ ކޮމިޝަންގެ މޭޒުގައި މަޝްވަރާ ކުރާށޭ. އަޅުގަނޑު އިންތިޒާމު ކޮށްދޭނަމޭ ބައްދަލުވުމެއް،" ޝަހީބް ވިދާޅުވި އެވެ.
ޝަހީބް ވިދާޅުވީ އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި އޭނާ ބައިވެރިވެފައި ނުވާ ކަމަށެވެ. އެ ބައްދަލުވުމުގައި ނިންމީ ރާއްޖެ ޓީވީ ބަންދުކޮށްދޭން އެމްއެންޑީއެފަށް ސިޓީއެއް ފޮނުވުމަށް ކަމަށްވެސް ޝަހީބު ވިދާޅުވި އެވެ.
މިކަންކަން ހިނގާފައިވަނީ މިދިޔަ އަހަރުގެ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށެވެ.
އަބުރުގެ ގާނޫނުގެ ދަށުން ބޮޑެތި އަދަދުތަކުން މީގެކުރިން ރާއްޖެ ޓީވީ ޖޫރިމަނާކުރި އެވެ. މީގެއިތުރުން ސަންގުޓީވީ އާއި ވީޓީވީ ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި ރާއްޖެ ޓީވީ ބަންދު ކުރުމަށް އެ ކޮމިޝަންގެ މެމްބަރުން މަސައްކަތް ކުރިކަން ކޮމިޓީގައި މެމްބަރުން ވެސް ވަނީ ވިދާޅުވެފަ އެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަހީބް ތަކުރާރުކޮށް ވިދާޅުވީ ވަކި ޗެނަލްތަކަކަށް އަމާޒުކޮށްގެން އެ ކޮމިޝަނުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެކަން ކުރީ އެކޮމިޝަންގެ މެމްބަރުން ހުށަހަޅައިގެން ކަމަށް ވާތީ އެކަމާ ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެ ކަންކަމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށާއި އޭނާ އަމަލުކުރެއްވީ ކޮމިޝަނުގެ އަގުލަބިއްޔަތުން ނިންމި ނިންމުންތަކަށް ކަމަށް ޝަހީބް ވިދާޅުވި އެވެ.
"ހުރިހާ ޓީވީ ޗެނަލްތަކުން ދައްކާ އެއްޗިއްސަށް ބަލައިގެން ކޮމިޝަންގެ މެމްބަރުން އެކަމަށް އަމަލު ކުރަން ޖެހޭނީ. ވަކި ޓީވީ ޗެނަލެއް ބަލައިގެން އެ ޓީވީ ޗެނަލް ފަހަތުން ދުވުން އެއީ ހަމަ ވަރަށް ދެރަކޮށް ވެފައި އޮތް ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ޝަހީބް ވިދާޅުވި އެވެ.
އެ ކަންކަން އެގޮތަށް ދިމާވީ އެ ކޮމިޝަންގެ މެމްބަރުންގެ އިހުލާސްތެރިކަމުގެ މައްސަލައެއްގެ ސަބަބުން ކަމަށް ޝަހީބް ވިދާޅުވި އެވެ. އަދި ބައެއް މެމްބަރުންނަށް ނުފޫޒު ފޯރުވާފައިވާކަމުގެ މައުލޫމާތު މިއަދު ލިބިވަޑައިގެންފައިިވާ ކަމަށްވެސް ޝަހީބު ވިދާޅުވި އެވެ.
ޝަހީބް ވިދާޅުވީ އޭނާ އަށް ވަކި ސިޔާސީ ނުފޫޒެއް ފޯރާފައި ނުވާ ކަމަށެވެ. ގޯސްތައް ހެދުނުއިރު އިސްތިއުފާ ނުދެއްވީ ކީއްވެތޯ ސުވާލުކުރުމުން ޝަހީބް ވިދާޅުވީ އިސްތިއުފާ ދެއްވުމަކީ ހައްލު ކަމަށް އޭނާ ގަބޫލުނުކުރައްވާ ކަމަށެވެ.
އެ ކޮމިޝަންގެ މެމްބަރުންނަށް ސިޔާސީ ނުފޫޒު ފޯރާފައިވޭތޯ ވަކިވަކި މެމްބަރުންނާ ސުވާލު ކުރުމުން ހުރިހާ މެމްބަރުންވެސް ވިދާޅުވީ ސިޔާސީ ނުފޫޒެއް ނުފޯރާ ކަމަށެވެ. ނަމަވެސް ކޮމިޝަންގެ މެންބަރު ޒީނާ ޒާހިރު ވިދާޅުވީ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޔާމީނާއި ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު މުބީން ގުޅުއްވައި ރާއްޖެ ޓީވީ ބަންދު ނުކުރަނީ ކީއްވެތޯ އޭނާއާ ސުވާލުކުރި ކަމަށެވެ. އަދި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ޖަވާބު ދެއްވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މަޖިލިސް މެމްބަރުން ގުޅުއްވައި ވަކިގޮތަކަށް އަމަލުކުރުމަށް އަންގާފައިވާ ކަމަށް ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާ އާއި ހަސަން ނަބާހުވެސް ވަނީ ކޮމިޓީގައި ވިދާޅުވެފަ އެވެ. ނަމަވެސް އެއީ ކޮން މެމްބަރުންތަކެއް ކަމެއް ވިދާޅެއް ނުވެ އެވެ.
ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ގަމު ދާއިރާގެ މެމްބަރު އަދި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް ވަނީ އޭނާ އަކީ ރާއްޖެ ޓީވީގެ ޖޫރިމަނާ ފައިސާ ދެއްކުމަށް ފަންޑު ފޮށި ހިފައިގެން 110 ރަށަށް ދަތުރު ކުރި މީހެއް ކަމަށް ވިދާޅުވެ މީގެ ކުރިން އެ ކޮމިޝަންގެ މެމްބަރުން އެ ނުފޫޒުތަކުގެ ވާހަކަ ނުދެއްކެވީ ކީއްވެގެންތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ވިސާމު ވަނީ އެ ކޮމިޝަންގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވުމަށްވެސް ގޮވާލައްވާފަ އެވެ.
ކޮމެޓީގެ މިއަދުގެ ބައްދަލުވުން ނިންމާލާފައިވަނީ އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް އެ ކޮމިޝަންގެ ނިންމުންތަކުގެ ތަފްސީލާއި ވޯޓު ދެއްވި ގޮތުގެ ތަފްސީލް އެ ކޮމިޓީއަށް ފޮނުއްވުމަށް އެންގުމަށްފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ