ޖޭއެސްސީގެ މެމްބަރުން މާދަމާ ރޭ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރަނީ

ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރުމަށް ފާސްކޮށްފި އެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މިއަދު ބައްދަލުވުމުގައި ޖޭއެސްސީގެ މެމްބަރުން އެ ކޮމިޓީއަށް ހާޒިރު ކުރަން ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެވެ. ޖޭއެސްސީ ހާޒިރު ކުރުމަށް ހުށަހަޅުއްވަމުން ހަސަން ލަތީފު ވިދާޅުވީ މިއީ ހާއްސަ ހާލަތެއް ކަމަށް ބަލައި މާދަމާ ރޭ ޖޭއެސްސީ ހާޒިރު ކުރުމަށް އެދޭ ކަމަށެވެ. އެ ހުށަހެޅުއްވުމަށް ކޮމިޓީގެ ހުރިހާ މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. ޖޭއެސްސީ ހާޒިރު ކުރަނީ އެ ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ހިސާބު ސާފު ކުރުމަށާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމްތައް ބާތިލު ކުރި މައްސަލާގައި ސާފު ކުރަންޖެހޭ ބައެއް ކަންކަން ސާފު ކުރުމަށް ކަމަށް ބުނެ އެވެ. ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު އަދީބު ހުކުމް ބާތިލުކޮށްފައިވަނީ ޗުއްޓީގައި ހުންނަވައި ކޯޓަށް ނުކުމެ ވަޑައިގެން ކަމަށް ބުނެ ބައެއް ވާހަކަތައް ދަނީ ދެކެވެމުންނެވެ. އެމައްސަލަ މިހާރު ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ޖޭއެސްސީއަށް ހުށަހަޅުއްވާފަ އެވެ. މިއަދު ޖުޑިޝަރީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ފަނޑިޔާރު ޝުޖާއު އުސްމާނު ޗުއްޓީގައި ހުންނަވައި ނުކުމެވަޑައިގެން ކުއްލިއަކަށް އެކަން ކުރެއްވީ ކީއްވެތޯ ބަލަން ޖެހޭ ކަމަށެވެ. "އެސުވާލުތައް އަޅުގަނޑުމެން ބޭނުމޭ ޖުޑިޝަލް ސާވިސް ކޮމިޝަނާ ކުރަން. ދެން އެތަނަށް މައްސަލަ ހުށަހެޅިފަތޯ ނޫންތޯ އެއީކީ އަޅުގަނޑުމެން މިހާރު ބަލަން ބޭނުން ކަމެއް ނޫން. އެބޭފުޅުން އަމިއްލައަށްވެސް މައްސަލަ ބެއްލެވޭނެ. އެއީކީ ކޮންމެހެން އެތަނަށް ހުށަހަޅަންޖެހޭ ކަމެއްވެސް ނޫން. ކީއްތޯ އެކުރައްވަނީ އެތާ ތިއްބަވައިގެން." މެމްބަރު ހަސަން ލަތީފު ވިދާޅުވި އެވެ. ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަން ކޮމިޓީއަށް ހާޒިރު ވުމަށް ލިޔުމުން ނޯޓިސް ފޮނުއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ