ޔާމީން ސަރުކާރުގެ ހޯމް މިނިސްޓަރު އަޒުލީން ހުޅުމާލެ ދާއިރާ އަށް ވާދަކުރަނީ

އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ހުޅުމާލެ ދާއިރާއަށް ވާދަކުރަން ނިންމައި، ފޯމް ހުށަހަޅުއްވައިފި އެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އަޒްލީން ވިދާޅުވީ އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ފޯމް ހުށަހަޅާފައިވާ ކަމަށެވެ.
އަޒްލީން ވިދާޅުވީ އިންތިހާބުގައި ވާދަކުރައްވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށާއި އެގޮތަށް ނިންމީ، ވަކި ސިޔާސީ ޕާޓީއެއްގެ ނުވަތަ ވަކި ސިޔާސީ ބޭފުޅެއްގެ ނިވަލުގައި ހުރެގެން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމަކީ މިއަދު ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.
"އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ، ވަކި ސިޔާސީ ބޭފުޅެއް ނުވަތަ ވަކި ސިޔާސީ ޕާޓީއެއްގެ ތާއީދާއެކު އިންތިހާބު ވާދަކޮށް، ކާމިޔާބު ވެއްޖެނަމަ، ރައްޔިތުންގެ ހައްގުގައި، ރައްޔިތުންގެ ބަސް މަޖިލީހުގައި އިއްވޭނެ ކަމަށް. އިރާދަ ކުރެއްވިއްޔާ އިންތިހާބު ކާމިޔާބު ކުރާނަން. ކެމްޕެއިން ހަރަކާތް ވަރަށް ފޯރީގައި ބާރަށް ކުރިއަށް އެބަދޭ،" އަޒްލީން ވިދާޅުވި އެވެ.
އަޒްލީން އަހުމަދަކީ ރައީސް ޔާމީންގެ ސަރުކާރު ނިމުނުއިރު ހުންނެވި ހޯމް މިނިސްޓަރެވެ. އަޒްލީނަކީ ރައީސް ޔާމީނަށާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ވަރަށް ބޮޑަށް ތާއީދުކޮށް، ސަރުކާރު ދިފާއު ކުރުމުގައި ވަރަށް އިސްކޮށް އުޅުއްވި މިނިސްޓަރެކެވެ. އަދި ޔާމީންގެ ސަރުކާރާއި ޕީޕީއެމްގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެފައި ވެއެވެ.
ހުޅުމާލެ ދާއިރާއަށް އަޒްލީން ކުރިމަތި ލައްވާފައިވާއިރު، އެމްޑީޕީން އެ ދާއިރާއަށް ކުރިމަތި ލައްވާފައިވަނީ އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮއްކޮ އަލީ ނިޔާޒު އެވެ. އަދި އިތުރު ކެންޑިޑޭޓުން ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާނެކަމަށް ބެލެވެއެވެ.
އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ހުޅުވާލި ފުރުސަތު މިއަދުގެ 16:00ގެ ނިޔަލަށް ހަމަވާނެ އެވެ.
އިއްޔެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި އިއްޔެއާ ހަމައަށް 366 ކެންޑިޑޭޓަކު ވާދަ ކުރުމަށް އެކޮމިޝަނަށް ވަނީ ފޯމް ހުށަހަޅުއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ