ބޭރު ޝެއިހުންނާމެދު ނަޝީދު ސުވާލު އުފައްދަވައިފި

ރާއްޖެއަށް ބޭރުންން އަންނަ ޝައިހުންނާމެދު ސުވާލު އުފައްދައި، އެކަމާގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަވަށްޓެރި ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި އިސްކޮށް ހުރި ޒަހްރަމް ހާޝިމް 2016 ވަނަ އަހަރު ދީނީ ދަރުސް ދިނުމަށް ކަމަށް ބުނެ އެހެން ނަމެއްގައި ރާއްޖެ އައިކަން ނުވަތަ ނޫންކަން ސާފު ނުވާ ކަމަށެވެ.
"ބޭރު ޝެއިހުންނަށް ހެދިގެން އަންނަ މީހުން ރަނގަޅަށް ސާފެއް ނުވޭ، އެފަދަ ފަރާތްތަކަށް ރާއްޖެ އައުމުގެ ވިސާ ދިނުމަކީ ބުއްދިވެރި ކަމެއް ނޫން،" ޝައިހުންނާއި ދީނީ ކަންކަމާ ގުޅޭ ގޮތުން ވަރަށް ގިނައިން ވާހަކަފުޅު ދައްކަވާ ކުރީގެ ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރޯދަ މަހާ ދިމާކޮށް ބޭރުގެ ބައެއް ޝެއިހުން ރާއްޖެ އަންނަމުންދާ ދަނޑިވަޅެއްގަ އެވެ. ބައެއް އަމިއްލަ ފަރާތްތަކުން ވެސް ރޯދަ މަހާ ދިމާކޮށް ރާއްޖެއަށް ޝެއިހުންނާއި ހާފިޒުން ގެނެސްފައި ވެއެވެ. އޭގެ ބައެއް ބޭފުޅުން އަދި އެއްކޮށް ރާއްޖެއެއް ނާދެ އެވެ.
ޒަހްރަމްއާ ގުޅޭ ގޮތުން ނަޝީދު ވާހަކަފުޅު ދެއްކެވިއިރު އޭނާ ރާއްޖެ އައި ކަމަށް ލަންކާގެ ޓީވީއަކުން ވެސް ރިޕޯޓްކުރި އެވެ. ނަމަވެސް އޭނާ އެއްވެސް އިރެއްގައި ރާއްޖެ އައިސްފައިނުވާ ކަމަށް އިމިގްރޭޝަނުން ވަނީ ޔަގީންކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ