ދިގުވެލިދޫގައި އެއާޕޯޓެއް އަޅަން ޔާމީން ވައުދުވެވަޑައިގެންފި

ށ.ދިގުވެލިދޫގައި އެއާޕޯޓެއް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވައުދުވެވަޑައިގެންފި އެވެ.
ޔާމީން މިކަމަށް ވައުދުވެވަޑައިގެންނެވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ ކެމްޕޭނަށް މިއަދު ކޮމަންޑޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ގިނަ އަދަދެއްގެ އާއްމުން ބައިވެރިވި މި ޖަލްސާގައި ޔާމީން ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގެ ވާހަކަ ދައްކަނީ އިންތިހާބެއް ކުރިމަތިވުމުން ނޫން ކަމަށާއި އެގޮތުން ޕީޕީއެމްގެ ސަރުކާރެއްގައި ދިގުވެލިދޫ އަކީ މާލެ އާއި އަދި ރާއްޖޭގެ އެހެން ރަށްތަކާއި ގާތްކޮށްދޭނެ ވައިގެ ބަނދަރެއް އޮންނާނެ ރަށަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.
"އަޅުގަނޑު ތި ބޭފުޅުންނަށް ނޫނީ ޕީޕީއެމްގެ ސަރުކާރުން ދިގުވެލިދޫގައި އިރާދަކުރެއްވިއްޔާ އެއާޕޯޓެއް ދޭނަން، ހަދިޔާ ކުރާނަން" ޔާމީން ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާ ހިމެނޭ ސަރަހައްދަކީ މަސްވެރި ސަރަހައްދެއް ކަމަށާއި އެގޮތުން ށ.ކީކިމިނި މަސްފެކްޓްރީގެ ފައިދާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ޕީޕީއެމްގެ ސަރުކާރެއްގައި މަސައްކަތް ކުރާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. އެގޮތުން ކުރީ ސަރުކާރުގެ ފަހު ދެ އަހަރު މަސްވެރިކަމުގެ ދާއިރާގައި ވަރުގަދަ މަސައްކަތްތަކެއް ކުރެވުނުު ކަމަށް ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ޔާމީން ވަނީ ކޮމަންޑޫ ދާއިރާ އަށް އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށާއި އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލަ ދެން ވެސް ހައްލުވާނީ ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށްވެސް ވިދާޅުވެފަ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭން ފޯރިއާއެކު ކުރިއަށްދާއިރު ސަރުކާރުން ވެސް ވަނީ އެ ދާއިރާ އަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ވައުދުވެފަ އެވެ. އެގޮތުން ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ ޕްރޮޖެކްޓު ސަރުކާރުން އިއްޔެ ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ