ހަމަލާއަށް 5 މަސް: ނަޝީދު ފިޓްކޮށް، ދުވާ މެޝިނެއްގައި

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ފިޓްކޮށް، ޓްރެޑްމީލް މަތީގައި ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.
މެއި ހަ ވަނަ ދުވަހު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނަށް ގިނަ ޒަހަމްތަކެއް ލިބިވަޑައިގަތެވެ. އެ އަނިޔާތަކުގެ ސަބަބުން ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު އަދިވެސް ހުންނެވީ ރާއްޖެއިން ބޭރުގައެވެ.
އެހަމަލާއަށް ފަސް މަސް ވެފައިާއިރު އިއްޔެ ފެނުނީ އެމަނިކުފާނު ޓްރެޑްމީލް މަތީގައި ދުވެވަޑައިގަންނަވަނިކޮށެވެ. އެމަނިކުފާނުގެ ކޮއްކޯފުޅު ނަޝާތު ސައްތާރު ޓްވިޓާގައި ހިއްސާކުރެއްވި އެވީޑިއޯއާއެކު އެމަނިކުފާނު އެނބުރި ވަޑައިގަތުމަށް ކުރައްވާ މަސައްކަތްޕުޅު މިވަނީ ފެނިގެންގޮސްފައެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި ނަޝީދު ދުވެވަޑައިގަންނަވާ އިރު ވެސް ކަނާތު ފައިގާ މަލަން ކޮޅެއް އަޅާފައި އޮތެވެ. އަދި އިތުރު ޒަހަމެއްގައި މަލަން އަޅާފައިވާ ތަނެއް ވީޑިއޯއަކުން ނުފެނެއެވެ.
މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން ނީލޯފަރު ހިނގުމުން ހިންގަވައި، މަޖީދީ މަގުގައި ހުންނެވި އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް ގޮއްވާލީ ކަންމަތީގައި ޕާކްކޮށްފައިވާ ސައިކަލެއްގައި ހަރުކޮށްފައި އިން އައިއީޑީއެކެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ 10 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހަމަލާދިނުމުގައި އިސްކޮށް އުޅުނު އަދި ރޭވުމުގައި އިސްކޮށް އުޅުނު މީހުންނާއި، އަމަލީ ގޮތުން ބައިވެރިވި މީހުން ހިމެނެއެވެ.
މިދިޔަ މޭ މަހުގެ ހަވަނަ ދުވަހު އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާއަށް ފަހު ނަޝީދަށް ފުރަތަމަ ފަރުވާކުރީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެ މަނިކުފާނުގެ ފުރާނަ ސަލާމަތްކުރުމަށް ވަގުތުން ކުރަން ޖެހުނު ގިނަ އޮޕަރޭޝަންތައްް އެ ހޮސްޕިޓަލްގައި ކުރުމަށް ފަހު އިތުުރު ފަރުވާއަށް ވަޑައިގަތީ ޖަރުނަމަށެވެ. އެއަށް ފަހު މިހާރު ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގަައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ