ބިދޭސީން ތިބޭ ފެސިލިޓީއެއްގައި ހަމަނުޖެހުން ހިންގަން އުޅުނީ ކެއުން ލަސްވުމުން: އެޗްޑީސީ

ބިދޭސީން ތިބޭ ކަރަންޓީން ފެސިލިޓީއެއްގައި ހަމަނުޖެހުން ހިންގައި، އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނަށް ހަމަލާދޭން މަސައްކަތް ކުރީ ކެއުން ލަސްވުމުން ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ސުހައިލް ވިދާޅުވީ ހުޅުމާލެ ލޭބާ ކުއާޓާގައި 100 އަށް ވުރެ ގިނަ ބިދޭސީން ތިބިއިރު އެމީހުންގެ ކެއުމުގެ ކަންކަން ހަމަޖައްސަމުން އައީ އަމިއްލަ ބަޔަކާ ހަވާލުކޮށްގެން ކަމަށެވެ. އަދި ރޯދަމަސް ނިމުން ކެއުން ގެންނަ ފަރާތްތަކަށްވެސް ގަޑިތަކަށް ބަދަލު އައުމުން ލަސްތަކެއް ދިމާވި ކަމަށެވެ. އެގޮތުން އިއްޔެ ހެނދުނުގެ ސަޔާއި ރޭގަނޑުގެ ކެއުން ލަސްވުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ހަމަނުޖެހުން ހިންގަން މަސައްކަތް ކުރީ ކަމަށެވެ.
ސުހައިލް ވިދާޅުވީ މިހާރު އެމައްސަލަ ހައްލު ކޮށްފައިވާ ކަމަށާއި ދެން އެމައްސަލަ ތަކުރާރު ނުވާނެކަމަށް ކާތަކެތި ތައްޔާރު ކުރާ ފަރާތުން ވެސް އެޗްޑީސީއަށް އަންގާފައިވާ ކަމަށެވެ.
ފުލުހުން ރޭ ބުނެފައިވަނީ، ހަމަނުޖެހުން ހިންގާފައިވަނީ ބިދޭސީންގެ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ހުޅުމާލެ އަމީން ހިޔާގައި ކަމަށެވެ. އެތަނުގައި ތިބި ބައެއް މީހުން ތަނުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުންނާ ދިމާލަށް ގޮނޑި ފަދަ ތަކެތި އުކާފައިވާ ކަމަށާއި ނަމަވެސް އެ ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. ރޭ 8:50 އެހާކަންހާއިރު ވާހަކަ ދައްކައިގެން އެ ހަމަނުޖެހުން ހައްލުކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއެކު، ތޮއްޖެހިގެން ބިދޭސީން އުޅޭ 33 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު އެތަންތަނުގެ ސެކިއުރިޓީ ބަލަހައްޓަނީ ފުލުހުންނެވެ. އެގޮތުން ހުޅުމާލެ އަމީން ހިޔާއަކީ އެންމެ ފުރަތަމަ ބިދޭސީން ގެންދިޔަ ފެސިލިޓީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ