ގާނޫނުއަސާސީ އިސްލާހު ކުރުމުގައި އެމްޑީޕީގެ މެމްބަރުން ވިސްނުން ދެކަފި ވެފައި

އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން، މިހާރު ތިބި ކައުންސިލަރުންނަނަށް މަގާމުގައި ދެމިތިބެވޭ ގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހާ މެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިއްޖެ އެވެ.
މިހާރު ތިބި ކައުންސިލަރުންގެ މަގާމުގެ މުއްދަތު އަންނަ ޖޫން ދެވަނަ ދުވަހަށް ހަމަވާއިރު، ކޮވިޑް-19 ގެ ސަބަބުން އިންތިޚާބު ބޭއްވެން ނެތުމުން ސަރުކާރުން ވަނީ މިހާރު ތިބި ކައުންސިލަރުންނަށް، އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން މަގާމުގައި ތިބެވޭނެ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅައިފަ އެވެ.
Majileehuge chamber gai jalsa fashai gaanoonuasaasee isslaahu kuran hushahalhaifi
Mihaaru
މަޖިލީހުގެ ކެމްބަރުގައި މިއަދުގެ ޖަލްސާ ފެށުންސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލް، ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) މަޖިލީހަށް ހުށަހެޅުއްވިއިރު، ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ވަކި ޚާއްސަ ގާނޫނެއް މި ބޭނުމަށް ފާސްކުރުމަށް ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ބިލް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން އަންނަނީ ދިރާސާ ކުރަމުންނެވެ.
ގާނޫނުއަސާސީގެ އިސްލާހު ކުރުމުގެ ބިލްގެ މިއަދުގެ ބަހުސްގައި ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ، ސަރުކާރުން ދެކެނީ އެ ދެ އިސްލާހު ވެސް އަންނަން ޖެހެނީ އެކީއެކައްޗަށް ކަމަށެވެ. ނަމަވެސް އެކަމުގައި ހިޔާލު ތަފާތުވުން އުފެދިފައިވާތީ މިވަގުތަށް އޮތް އެންމެ ރަނގަޅު ހައްލަކީ ގާނޫނުއަސާސީ އިސްލާހު ކުރުން ކަމަށް ނިޔާޒް ވިދާޅުވި އެވެ.
މެމްބަރު އަލީ ނިޒާމް މިއަދު ބަހުސް ކުރައްވަނީ: އޭނާ ވަނީ ގާނޫނު އަސާސީ އިސްލާހު ކުރަން ތާއީދު ކުރައްވާފައި-- ފޮޓޯ: މަޖިލިސް
މީގެ ކުރިން ވެސް ރާއްޖޭގައި ބައެއް އިންތިޚާބުތައް ބާއްވަން ޖެހޭ މުއްދަތަށް ވުރެ ފަސް ވެފައިވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ. އެގޮތުން 2008ގެ މަޖިލީހުގެ އިންތިޚާބާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭ ތާރީހުގައި ކުރިއަށް ނުގެންދެވުމުން އޭރު ވެސް އެކަން ފޫބެއްދީ އެއިރު އިންތިޚާބު ވެފައި ތިބި މީހުންގެ ދައުރު ދިގުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަހަރެއްގައި ވެދާނެ އެއީ ވަކި މުއްދަތަކަށް ރައްޔިތުން އިންތިޚާބު ކޮށްފައިވާ ބައެއް ކަމަށް ވެސް. އެހެން ނަމަވެސް އިންތިޚާބު ކޮށްފައި ތިބި ބައެއް އެކަން ކުރީ. އެހެންވީމާ އެ އަސާސް، އެ މަފްހޫމް ގާނޫނުއަސާސީގައި އޮތްކަން ސާފު،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު ނިޔާޒް ވިދާޅުވި އެވެ.
ކޮވިޑް-19 އިން އަރައިގަތުމަށް ކައުންސިލްތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އެ މީހުން މަގާމުތަކުގައި ބެއިތިއްބުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިޔާޒްގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވެސް އެ އިސްލާހް ގާނޫނުއަސާސީ އަށް ގެންނަން ތާއީދު ކުރެއްވި އެވެ.
ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ، ގާނޫނުއަސާސީ އިސްލާހު ކުރުމަކީ އެންމެ ފަހު މަރުހަލާގައި ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން އެހެން ގޮތަކުން ހައްލެއް ނުލިބިގެން ނޫން ގޮތަކަށް ގާނޫނުއަސާސީ އިސްލާހު ކޮށްގެން ނުވާނެ ކަމަށް ހިސާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގާނޫނުއަސާސީ އިސްލާހު ކުރުމާ ގުޅޭގޮތުން ބަހުސްކޮށްފިން. މަޝްވަރާ ކޮށްފިން. އަޅުގަނޑުމެންގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އެކަމުގައި އުފެދިއްޖެ،" ހިސާން
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްގެ މަގާމު ފުރުއްވާ ހިސާން ވިދާޅުވި ގޮތުގައި، މިހާތަނަށް މަޖިލީހުގައި ކުރި މަޝްވަރާތަކާއި ބަހުސްތަކުން ހައްލެއް ނުހޯދުނެވެ. އެހެންވެ، އެ ހިޔާލު ތަފާތުވުންތަކަށް އިސްލާހު ގެނެވެން އޮތީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން ކަމަށް ހިސާން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރު ހިސާން ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ހައްލަކީ ގާނޫނު އަސާސީ އިސްލާހު ކުރުން ކަމަށް-- ފޮޓޯ: މަޖިލިސް
ބައެއް މެމްބަރުންގެ ހުށަހެޅުއްވުމަކީ ސަންސެޓް ގާނޫނެއް ފާސްކުރުން
ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް ވަނީ ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ އެމެރިކާ ފަދަ ބޮޑެތި ޑިމޮކްރަސީތަކުގައި އާންމުކޮށް ކޮށް އުޅޭ ކަމެއް ނޫންކަން ފާހަގަ ކުރައްވައި، މި ހާލަތުގައި ކައުންސިލްތަކުގެ މުއްދަތު އިތުރު ކުރަން ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ޖެހޭތޯ ސުވާލު އުފައްދަވައިފަ އެވެ.
"މި ބިލް ހުށަހެޅުއްވި އިއްޒަތްތެރި މެމްބަރަކީ މިރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޅުބޯޅަ ކުޅުންތެރިޔާ. މެޗް ނިމެން ފަސް މިނެޓަށް ވީމާ މެޗްގެ ގަވައިދު ބަދަލު ކުރެވިދާނެތޯ؟ އެ ހިސާބުން ކިހިނެއްތޯ ދެން ކުޅުންތެރިންނަށް ވާނީ؟ މިއީ އަޅުގަނޑުމެން ކުރަން ޖެހޭނެ ސުވާލުތައް،" އިސްލާހާ މެދު ސުވާލު އުފައްދަވަމުން ސަލީމް ވިދާޅުވި އެވެ.
"ގާނޫނުއަސާސީ ބަދަލުކޮށްގެން ކައުންސިލަރުންގެ ދައުރު ދަމާލައިފި ނަމަ މެޗު ފެށިއިރު، އޮތް ރޫލެއް ނޫން އަޅުގަނޑުމެން މި ގެންނަނީ މެޗް ނިމެންވާ އިރަށް. އެހެން ކަމަށް ވާ ނަމަ އެބައުޅޭ ޕްރިންސިޕަލްތަކުގައި މައްސަލަތައް: ސަލީމް
ގާނޫނުއަސާސީއަށް ބަދަލު ނުގެނެސް، މައްސަލަ ހައްލު ކުރެވެން އޮތް ނަމަ އެކަން އެ ގޮތަށް ކުރަންޖެހޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ. ރައްޔިތުން ކައުންސިލަރުން އިންތިޚާބު ކުރީ ތިން އަހަރަށް ކަމަށް ވާއިރު، ގާނޫނުއަސާސީ އަށް ބަދަލު ގެނެސް. އެ މުއްދަތު އިތުރުކުރާ ނަމަ އޭގެ ފެށުން އޮޅުވައިލެވޭ ކަމަށް ސަލީމް ވިދާޅުވި އެވެ. އެހެންކަމުން މި މައްސަލަ އަށް ހައްލު ހޯދަން ޖެހޭނީ ސަންސެޓް ގާނޫނަކުން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ރައްޔިތުން އެ މީހުންގެ އަމިއްލަ އަތުން ނިންމާފައިވާ ނިންމުމެއް އަޅުގަނޑުމެންނަށް މިގޮތަށް މަޖިލީހުގެ މެޖޯރިޓީ އޮތީމާ ގާނޫނުއަސާސީ އަށް ބަދަލު ގެނެސް ނިންމުމަކީ ހަގީގަތުގައި އެކްސްޕައިރީ ޑޭޓާ ކުޅުން ކަހަލަ ކަމެއް،" ސަލީމް ވިދާޅުވި އެވެ.
މެމްބަރު ސަލީމް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަނީ: އޭނާގެ ހުށަހެޅުއްވުމަކީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ސަންސެޓް ގާނޫނެއް ފާސްކުރުން-- ފޮޓޯ: މަޖިލިސް
އޭނާގެ ހުށަހެޅުއްވުމަކީ ސަންސެޓް ގާނޫނެއް ހަދައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކައުންސިލްތަކުގައި ތިބޭނެ މީހުން ކަނޑައެޅުމުގެ ބާރު ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެޗްޖީއޭ) އަށް ދިނުމެވެ. އެގޮތުން، ވަގުތީ ކައުންސިލަރުން ނަގާއިރު، މިހާރު ތިބި ކައުންސިލަރުންގެ ތެރެއިން ކުރިއަށް އޮތް ލޯކަލް ކައުންސިލަތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ މީހުންނަށް އިސްކަން ދިނުން މުހިންމު ކަމަށް ސަލީމް ވިދާޅުވި އެވެ.
ކުރިން މާލޭ ސިޓީ ކައުންސިލްގެ މެމްބަރަކަށް ހުންނެވި، މައްޗަންގޮޅީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ، މިއީ ތިން އަހަރަށް އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ މުއްދަތު އިތުރު ކުރަންވީ ވަގުތު ނޫން ކަމަށެވެ. ކުރަންވީ ކަމަކީ މި ކަހަލަ ހާލަތެއް އަތުވެއްޖެ ނަމަ އަމަލު ކުރަންވީ ގޮތެއް ގާނޫނުއަސާސީގައި ހިމެނުން ކަމަށް މުހައްމަދު ވިދާޅުވި އެވެ.
"ސަންސެޓް ގާނޫނަކުން ވަރަށް ފުރިހަމައަށް މިކަން ކުރެވެން އޮވެ، އެކަން ނުކޮށް އަޅުގަނޑު ހިތައް އަރަނީ ކީއްވެގެން ބާއޭ މި ގާނޫނުއަސާސީ ބަދަލުކޮށްގެން ހަމަ ބައެއްގެ މުއްދަތު އިތުރުކުރުން ހަމައެކަނި ކުރަންވީ،" މުހައްމަދު ވިދާޅުވި އެވެ.
އެގޮތުން މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ބިލަށް ތާއީދު ކުރައްވައި ހައްލަކީ އެއީ ކަމަށް މުހައްމަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ