އެސްޑީއެފްސީގެ ލޯނުތައް ލަސްކުރަން އެދުމުގެ ފުރުސަތު އިތުރުކޮށްފި

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ފަސްކުރުމަށް އެދުމުގެ މުއްދަތު އިތުރުކޮށްފި އެވެ. އެސްޑީއެފްސީ އިން ބުނީ އެ ކުންފުނިން މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކުގެ މޮރިޓޯރިއަމްގެ މުއްދަތު އިތުރު ކުރުމަށް މީގެ ކުރިން ކަނޑައަޅާފައި އޮތް އެންމެ ފަހު ތާރީހަކީ ސެޕްޓެމްބަރު 25 ކަމަށާއި ނަމަވެސް މި މުއްދަތު އިތުރުކޮށްދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުރިން ކަނޑައެޅި ސުންގަނޑި ހަމަވިއިރުވެސް ސަބަބުތަކާއިހުރެ ގިނަ ކަސްޓަމަރުންނަށް މޮރެޓޯރިއަމްއަށް ހުށަނޭޅިވުމާއެކު، ދެވަނަ މޮރެޓޯރިއަމްއަށް ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ އަށެއްގެ ނިޔަލަށް އިތުރު ކޮށްދެން ވަނީ ނިންމައިފަ އެވެ. މޮރެޓޯރިއަމްއަށް އެދުމަށް ހަމަޖެހިފައިވަނީ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ކޮވިޑް19 އާއެކު އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާ ގުޅިގެން އެސްޑީއެފްސީ އިން ވަނީ މާޗު މަހުން ފެށިގެން ހަ މަސްދުވަހުގެ ނިޔަލަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކާއި އޭގެ އިންޓްރެސްޓް އަނބުރާ ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދީފައެވެ. އަދި މި ހަ މަސްދުވަހުގެ އިންޓްރެސްޓް ރޭޓް ހަތަރު ޕަސެންޓަށް ވަނީ ކުޑަކޮށްދީފަ އެވެ. އެސްއެމްއީ ބޭންކުން ލޯނު ދޫކުރަނީ މައިގަނޑު ފަސް ދާއިރާ އަކުންނެވެ. އެއީ ދަނޑުވެރިކަމާއި މަސްވެރިކަން އަދި ރަށު ފަތުރުވެރިކަމާއި އައިސީޓީ އަދި އުފެއްދުންތެރިކަމާ ގުޅުންހުރި ދާއިރާތަކެވެ. އަލަށް ފަށައިގަންނަ ވިޔަފާރިތަކަށް އެސްޑީއެފްސީ އިން ލޯނުގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދޫކުރެ އެވެ. ލޯނު އަނބުރާ ދެއްކުމަށް 18 މަހުގެ ގްރޭސްޕީރިއަޑަކާ އެކު 10 އަހަރެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ތަރައްގީކުރަން ބޭނުންވާ ލޯނުވެސް އެސްޑީއެފްސީ އިން ދޫކުރެ އެވެ. މިގޮތުން އެއް އަހަރުގެ ގްރޭސްޕީރިއަޑަކާއެކު 10 އަހަރުން ދައްކާ ގޮތަށް ގިނަވެގެން 500،000 ރުފިޔާގެ ލޯނު މި ކެޓަގަރީގެ ވިޔަފާރިތަކަށް ދޫކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ