ޕާކިސްތާންގެ އިދިކޮޅު ލީޑަރު ހައްޔަރު ކޮށްފި

ޕާކިސްތާން އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑާ ޝާހްބާޒް ޝަރީފް ހައްޔަރު ކޮށްފި އެވެ. އެމަނިކުފާނަކީ އިދިކޮޅުގައި އޮތް ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެލްއެން) ގެ ލީޑަރެވެ. ޝަރީފުގެ މައްޗަށް ކުރެވިފައި ވަނީ ހިޔާނާތުގެ ތުހުމަތުތަކެކެވެ. މިއީ ފަހަކަށް އައިސް ބޮޑު ވަޒީރު އިމްރާން ހާންގެ ސަރުކާރުން ހައްޔަރު ކުރި އިދިކޮޅު އެންމެ އިސް ފަރާތެވެ.
އެ މަނިކުފާނު ހައްޔަރު ކުރީ ޕާކިސްތާންގެ ލާހޫރު، ހައިކޯޓުގެ ތެރޭގައި ހުންނަވަނިކޮށެވެ. އެއީ ކަފާލާތުގެ ދަށުން މިނިވަންވުމަށް ހައި ކޯޓަށް ހުށައަޅާފައިވާ މައްސަލައެއް ކޯޓުން ގަބޫލު ނުކުރި ތާ ކުޑަ އިރުކޮޅެއްގެ ފަހުންނެވެ. ޝަރީފަށް ވަނީ މަނީ ލޯންޑެރިންގެ މައްސަލަ އެއްގައި ދައުވާ އުފުލާފަ އެވެ. ޝަރީފު ހައްޔަރު ކުރި އިރު އެމަނިކުފާނުގެ ސަޕޯޓަރުން ދިޔައީ ސަރުކާރާއި ނެޝަނަލް އެކައުންޓަބިލިޓީ ބިއުރޯ (އެންއޭބީ) އާއި ދެކޮލަށް އަޑު އުފުލަމުންނެވެ.
ޝަރީފު ވަނީ އެމަނިކުފާނަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ.
"ޝަހުބާޒް ޝަރީފަށް ކުރެވޭ ހުރިހާ ދޮގު ތުހުމަތަކާއި ކުރިމަތި ލައްވާނެ. އާނަ ވަނީ މީގެ ކުރިންވެސް އެންއޭބީ ބަންދުގައި 70 ދުވަސް ހޭދަކުރައްވާފައި... އަޅުގަނޑުމެން މިކަހަލަ ކަންތަކަށް ބިރު ގަންނާނެ ކަމަށް ބޮޑު ވަޒީރު އިމްރާން ހާން ގަބޫލުފުޅު ކުރައްވައިގެން ނުވާނެ،" ޕީއެމްއެލްއެންގެ ތަރުޖަމާން މަރިއަމް އައުރަންގްޒެބް، ރިޕޯޓަރުންނާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޝަރީފް ހައްޔަރު ކުރީ ދާދިފަހުން ބޭއްވި އޯލް ޕާޓީ ކޮންފެރެންސްގެ ސަބަބުން ކަމަށެވެ.
އިދިކޮޅު ޕާޓީ ތަކުން ބޭއްވި ކޮންފަރެންސް އެއްގައި ޕާކިސްތާން ޑިމޮކްރެޓިކް މޫވްމެންޓް (ޕީޑީއެމް) އުފެއްދުމަށް ވަނީ އެއްބަސް ވެފައެވެ. އެ އިއްތިހާދުގެ މަގުސަދަކަށް ވާނީ ބޮޑު ވަޒީރު އިމްރާން ހާން ވެރިކަމުން ދުރު ކުރުމެވެ.
ޝާހްބާޒް ޝަރީފުގެ ބޭބޭފުޅު އަދި ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވަނީ ތިން ފަހަރެއްގެ މަތީން ޕާކިސްތާން ގައި ބޮޑުވަޒީރުކަން ކުރައްވާފަ އެެވެ. ކޮންމެ ފަހަރަކުވެސް އެމަނިކުފާނު ވެރިކަމުން ދުރުކުރީ ބާރުގަދަ އަސްކަރިއްޔާއިން ހިޔާނާތުގެ ކުށު ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ