'ޒިކުރާ މިސްކިތުގެ މަސައްކަތް އެވޯޑު ކޮށްފައިވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް'

އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ މާލިއްޔަތު ގަވާއިދާއި އެއްގޮތަށްކަމަށް އެޑްވޮކަސީ ޗެމްބާޒް އިން ބުނެފި އެވެ.
އެ ލޯ ފާމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޕްރޮޖެކްޓު ހަވާލުކުރުމުގެ މުރުހަލާގައި ގާނޫނާއި ގަވާއިދާއި ހިލާފަށް އެއްވެސް ކަމެއް އެސްޖޭ ކުންފުނީގެ ފަރާތުން ކޮށްފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށެވެ.
އެގޮތުން ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަންއާ 9 ޖުލައި 2018 ގައި ހަވާލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.27 ވަނަ މާއްދާގެ ދަށުން ކަމަށްވާއިރު އެމާއްދާގައި "ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑްކުރުމާއި ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތްތަކާއި ހަވާލުކޮށްގެން އެމަޝްރޫއު ހިންގިދާނެ" ކަން ބަޔާންކޮށްފައިވާކަން ބަޔާނުގައި ފާހަގަކުރިއެވެ.
އަދި ލޯފާމުން ބުނި ގޮތުގައި އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން އެ ޕްރޮޖެކްޓު ހަވާލުކުރުމުގެ ކުރިން މިނިސްޓްރީގެ ފަރާތުން ހޯދަންޖެހޭ ހުއްދަތައް ހޯދާފައިވޭތޯ ބެލި ބެލުމުން، ބިޑް ކުރުމަކާއި ނުލައި ޕްރޮޖެކްޓު އެވޯޑު ކުރުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން 15 މާޗު 2015 ގައި މާލިއްޔަތު ގަވާއިދުގެ 10.27 ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް ރައީސް އޮފީހުގައި ދެންނެވުމުން ރައީސް އޮފީހުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ ގޮތުން ފިނޭންސް މިނިސްޓްރީގެ ބައެއް ހޯދާފައިވާ ވެއެވެ.
ފިނޭންސް މިނިސްޓްރީގެ ފަރާތުން ޕްރޮޖެކްޓަށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ދިރާސާ ކުރުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ދައުވަތަށް އެންމެ ފައިދާ ހުރި އަދި ބަޖެޓަށް ބުރަ ބޮޑު ނުވާގޮތަށް ޕްރޮޕޯޒަލް ހުށަހަޅާފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން އިން ކަމަށް ބަޔާންކޮށްފައިވާ ކަމާއި، އެސްޖޭ ކޮންސްޓްރަކްޝަން އަކީ ހައުސިންގް މިނިސްޓްރީގެ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ކެޓެގަރީގައި އަންލިމިޓެޑް ކޮށް ބިޑްކުރެވޭ ގޮތަށް ކެޓަގެރައިޒް ކުރެވިފައިވާ ކުންފުންޏެއް ކަމަށާއި އެސްޖޭ އަކީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު 200 މިލިއަން ރުފިޔާގެ އަގުހުރި ޕަބްލިކް ސެކްޓަރ އިންފްރާ ސްޓްރަކްޗާގެ މަސައްކަތްތައް ކާމިޔާބު ކަމާއިއެކު ނިންމާފައިވާ ކުންފުންޏެއްކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
އަދި މި ސަބަބުތަކާއި ހުރެ މާލިއްޔަތު ގަވާއިދުގެ 10.27 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕްރޮޖެކްޓު އެވޯޑުކުރުމަށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން، މިނިސްޓްރީގައި އެދިފައިވާ ކަމަށާއި މިނިސްޓްރީގެ ފަރާތުން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލަށް ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހެޅުމުން 31 މެއި 2018 ވަނަ ދުވަހު ބޭއްވުނު އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ބައްދަލުވުމުގައި ޒިކުރާ މިސްކިތުގެ ޕްރޮޖެކްޓު އެސްޖޭ ކޮންސްޓްރަކްޝަން އަށް އެވޯޑު ކުރުމަށް ނިންމާފައިވާކަން 3 ޖޫން 2018 ގައި ރައީސް އޮފީހުން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާކަމަށް އެޑްވޮކަސީ ޗެމްބާޒްއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ޕްރޮޖެކްޓުގެ މަސައްކަތް ކުރުމަށް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަންއާއި ދެމެދު 9 ޖުލައި 2018 ގައި ވެފައިވާ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރީގައި މި އެންމެހައި ކަންކަން އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ކަށަވަރުކޮށްފައި އޮތުމުން، އެ ޕްރޮޖެކްޓު އެވޯޑުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާއި އެއްގޮތަށްކަން ޕްރޮޖެކްޓު އެވޯޑު ކުރުމުގެ ކުރީގައި އެސްޖޭއިން ކަށަވަރުކޮށްފައިވާކަން މި ލޯފާމަށް ގަބޫލު ކުރެވެއެވެ.
- އެޑްވޮކަސީ ޗެމްބާޒް ގެ ބަޔާން
މީގެ އިތުރުން ބަޔާނުގައި ބުނީ ޒިކުރާ މިސްކިތް ޕްރޮޖެކްޓު އެވޯޑުކޮށްފައިވަނީ ކޮމްޕެޓިޓިވް ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ކަމަށް ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކޮށްފައިވީނަމަވެސް ކުރީ ސަރުކާރާއި މި ސަރުކާރުންވެސް ބިޑް ކުރުމަކާއި ނުލައި ސިންގަލް ސޯސްކޮށް ގިނަ ޕްރޮޖެކްޓުތަކެއް އެވޯޑުކޮށްފައިވާއިރު އެ ޕްރޮޖެކްޓުވެސް އެވޯޑުކޮށްފައިވަނީ ސިންގަލް ސޯސްކޮށް، އުސޫލުގެ ތެރެއިންކަން އެލޯ ފާމުން ބެލި ބެލުމުން ކަށަވަރު ވެފައިވާ ކަމަށެވެ.
އެހެންކަމުން އެ ލޯ ފާމުން ވަނީ އެސްޖޭ އިން ގާނޫނާ ހިލާފު ކަންތައްތަކެއް ކޮށްފައިވާކަން ދައްކައި އެ ކުންފުނީގެ ނަމަށް ހުތުރުވާ ގޮތަށް ވާހަކަ ނުދެއްކުމަށާއި ކަމުގެ ހަގީގަތް ހޯދުމަކާއި ނުލައި އެފަދަ ވާހަކަތައް ގަބޫލު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
އެޑްވޮކަސީ ޗެމްބާޒްއިން މިފަދައިން ބުނެ ބަޔާނެއް ނެރެފައިވާއިރު މިއަދު ވަނީ ޒިކުރާ މިސްކިތުގެ މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ބާގިރުގެ މައްޗަށް ދައުވާ ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ