ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކަށް ކޮވިޑް ޖެހިއްޖެ

ހދ. ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެ މީހާ އެރަށަށް ގޮސްފައިވަނީ މިމަހުގެ ހަވަނަ ދުވަހުއެވެ. އޭނާ އާއެކު އިތުރު ދެ މީހަކު ހޯމް ކަރަންޓީނުގައި އެއް ގެއެއްގައި ތިބި ކަމަށްވެއެވެ. ޕޮޒިޓިވްވި މީހާ ރަށަށް ދިއުމުގެ ކުރިން މާލެއިން ރެންޑޮމް ސާމްޕަލް ނެގުމުގެ ތެރެއިން އޭނާގެ ސާމްޕަލް ވެސް މީގެކުރިން ވަނީ ނަގާފައެވެ.
އެރަށު ކައުންސިލުން ބުނީ އޭނާ އާއި އެކުގައި ތިބި ދެ މީހުންވެސް މިހާރު ސާމްޕަލް ނަގާފައިވާ ކަމަށެވެ.
މީގެކުރިންވެސް މާލެއިން ހޯމް ކަރަންޓީނަށް ގއ. މާމެންދޫ އަށް ދިޔަ މީހަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ނޮޅިވަރަމްގައި ހޯމް ކަރަންޓީނަށް ދިޔަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވިއިރު މިއަދު ޕީޖީ އޮފީހުގެ އިދާރީ މުވައްޒަފަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އިއްޔެވެސް ރާއްޖެއިން ވަނީ 16 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ ދިވެހިންނެވެ. މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2517އަށް ވަނީ އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ