ދިވެހި ކުރުނބާ ފެނުން ސެނިޓައިޒާއެއް އީޖާދުކޮށްފި

"މި ސެނިޓައިޒާ އުފެއްދުމުގެ ފަހަތުގައިވާ މައިގަނޑު ހިޔާލަކީ، އެންމެ ދުވަހަކުން ފަސޭހައިން އުފެއްދާލެވޭ އެއްޗެއް އީޖާދުކުރުން. ރުކުރާ ކަހަލަ އެއްޗެއް މިއީ." އިޓަލީގެ ޔުނިވާސިޓީ އޮފް މިލާނޯ-ބައިކޯކާގެ މެރިން ބަޔޮލޮޖިސްޓް އަދި ފ. މަގޫދޫގައި ހުންނަ މެރިން ރިސާޗް އެންޑް ހައި އެޑިއުކޭޝަންސް ސެންޓަރު (މާރްހީ) ގެ އެންމެ އިސް އެއް ފަރާތްކަމުގައިވާ ޕްރޮފެސަރު ޕައޮލޯ ގަލީ ކިޔައިދެއްވި އެވެ. ކޮވިޑް-19 އާއި ހެދި އިޓަލީވިލާތުގައި މިވަގުތު ތިބި ޕްރޮފެސަރު ގަލީ އާއި އޭނާގެ ޓީމުން ވަނީ މި ދަނޑިވަޅުގައި ރާއްޖެއަށް ވަރަށްވެސް ބޭނުންތެރި އެއްޗެއް އީޖާދުކޮށްފަ އެވެ. އެއީ ގުދުރަތީ ގޮތުން ރާއްޖެއިން ފަސޭހައިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން އުފެއްދޭ ސެނިޓައިޒާ އެކެވެ. ޕްރޮފެސަރު ގަލީ ބުނިގޮތުގައި އޭނާއާއި އޭނާގެ ޓީމުން ބޭނުންވީ ކޮވިޑް-19އިން ލިބުނު ގެއްލުންތަކުގެ ބަދަލުގައި އިބުރަތެއް ހާސިލްކޮށް އެކަމުން ފައިދާހުރި އެއްޗެއް އީޖާދު ކުރާށެވެ. "އެންމެ ފުރަތަމަ ކޮވިޑް-19ގެ ކަންތައް ފެށިގެންދިޔައިރު، ފުރަތަމަވެސް ހިތަށް އެރީ އަހަރެމެންނަށް އަބުރާ މަގޫދޫއަށް ނުދެވޭނެއޭ. އެ ރަށުގެ ރައްޔިތުންނަކީ އާއިލާއެއް ކަހަލަ ބައެއް އަހަރެމެންނަށް. ވަރަށް އެކުވެރި އަދި ރަނގަޅު ބައެއް، ހީވަނީ އަހަރެމެން އެންމެންނަކީ ބޮޑު އެއް އާއިލާހެން،" ޕްރޮފެސަރު ބުންޏެވެ. "ސެނިޓައިޒާ އުފެއްދީ މިއީ ވަރަށް ފަސޭހައިން އުފައްދާލެވޭ އެއްޗަކަށް ވާތީ. ކުރުނބާ، ދެން އެއިން އުފެއްދޭ ސްޕިރިޓްތައް ބޭނުންކޮށްގެން އެކަނިވެސް މި އުފެއްދިދާނެ. ދެން އެ އޮތީ ނިމިފައި. ދެން މީރު ވަހެއް ހިމަނަން މި ލަނީ ފްރާންޖިޕާނީ ނުވަތަ ޕްލޫމޭރިއާ މާ. މިއާއި މިއާއި އެއްކޮށްލުމުން އެއޮތީ ސެނިޓައިޒާގެ ރެސިޕީ." މިއުފެއްދުމަކީ ކިހާ ފަސޭހަކަމެއްކަން ކިޔައިދެމުން ޕްރޮފެސަރު ގަލީ ބުންޏެވެ. ފ. މަގޫދޫގައި ހުންނަ މާރްހީ ސެންޓަރުން އުފެއްދި ސެނިޓައިޒާ -- (ފޮޓޯ/މާރްހީ) އޭނާ ބުނިގޮތުގައި އޭނާ އާއި އޭނާގެ ޓީމުން މިހާރުވެސް ތިބީ އެނބުރި މަގޫދޫއަށް ދިޔުމަށް ކެތްމަދުވެފަ އެވެ. އަދި ދެވުނުހާ އަވަހަށް ހުރިހާ ފަރާތްތަކަށްވެސް މި ސެނިޓައިޒާ އުފައްދާނޭ ގޮތް ދަސްކޮށްދޭނެކަމަށް އޭނާ ބުންޏެވެ. "މި ސެނިޓައިޒާ އުފައްދާލެވޭ މިކޮޅުގައިވެސް (އިޓަލީގައި). މިއީ ހަމަ ރާއްޖޭގައިވެސް އުފައްދާ ސެނިޓައިޒާ. އެންމެ އަވަހަށް ތިކޮޅަށް ދެވޭ ދުވަހަކުން އެހެން ފަރާތްތަކަށް މި އުފައްދާނޭ ގޮތް ކިޔައިދޭނަން. މިއީ ހަމަ ރުކުރާ ކަހަލަ އެއްޗެއް،" ގަލީ ވިދާޅުވި އެވެ. "ފުރަތަމަ ކުރުނބާ ފެނުކައްކާނީ ތެއްޔެއްގައި. އެޔަށްފަހު އޭގެން ގްލައިސެރިން އުފައްދައި ވަކި ކުރާނީ ޑިސްޓިލް ކުރަން ބޭނުންކުރާ އާލާތްތަކުން. އެންމެ ދުވަހެއް ތެރޭ މި ހުރިހާ ކަމެއް ކުރެވޭ، ގިނަ އަދަދެއްގެ ސެނިޓައިޒާ އުފެއްދޭނެ." އޭނާ ބުނި ގޮތުގައި ފަސޭހައިން ރާއްޖެއިން ލިބެން ހުންނަ އަގުހެޔޮ ތަކެތި ބޭނުންކޮށްގެން މިފަދަ އީޖާދެއް ކުރެވުމުން އެއީ ރާއްޖެއަށް ވަރަށްވެސް ބޭނުންތެރި އަދި ފައިދާ ހުރި ކަމެކެވެ. ފ. މަގޫދޫގެ އަތިރިމަތި. (ފޮޓޯ/މާރްހީ) ޕްރޮފެސަރު ގަލީ ބުނީ މިއީ ކޮވިޑް-19 އިން ނެގެން ހުރި ވަރަށް ބޮޑު ފައިދާއެއްކަމަށެވެ. "ހަމައެކަނި ގެއްލުމަށް ނުވިސްނައި އެކަމުން ޕޮޒިޓިވްކަމެއްވެސް ނެގޭތޯ އުޅުނީ،" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަގޫދޫގެ ރައްޔިތުންނަށް މި ސެނިޓައިޒާ އުފައްދައި ރިސޯޓު އަދި އެހެން ވިޔަފާރިތަކަށް ވިއްކައި ވިޔަފާރި ކުރެވުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށް ޕްރޮފެސަރު ގަލީ ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ސެނިޓައިޒާ އުފެއްދުމުގެ ވިސްނުމަކީ އެހެން ފަރާތްތަކަށް މި ދަތި ދަނޑިވަޅުގައި ވީހާވެސް ބޮޑަށް އެހީތެރިވެދިނުމެވެ. މަގޫދޫއަކީ ގުދުރަތީ ގޮތުން ވަރަށްވެސް ރީތި ރަށެކެވެ. އެރަށުގައި މަސައްކަތްކުރުމަކީ އޭނާއާއި އޭނާގެ ޓީމު އެކަމަށް ޓަކައި ފަހުރުވެރިވާ ކަމެއް ކަން ގަލީ ފާހަގަ ކުރެއްވި އެވެ. "އެއީ ވަރަށް އެކުވެރި ބައެއް. އެތައް އަހަރު މިގޮތަށް އެއްކޮށް އުޅުމުން ބުނެވިދާނެ މިއީ ވަރަށް ބޮޑު އާއިލާއެކޭ. ވަރަށް ހަދާންވޭ އެންމެން މަތިންވެސް،" ގަލީ ވިދާޅުވި އެވެ. "އެ ރަށަކީ ވަށައިގެން ގުދުރަތީ ގޮތުން ވަރަށް ރީތި ރަށެއް. އެންމެ ފުރަތަމަވެސް ވައިރަހުގެ ކަންތައް ފެށުނުއިރު، އޭރު އަހަރެމެން ތިބީ މިލާންގައި، އެ ރަށުގެ މީހުން އަހަރެމެންނަށް ގުޅާނެ، ދެން އަހާނެ، މިހެން މިގޮތަށް އަޑުއިވުނޭ، ދެން ކިހިނެތްހޭ މިލާންގައި ކަންތައް އޮތީ ވެސް. ވަރަށް ހަދާންވޭ. ކޮންމެ ދުވަހަކުހެން މިކޮޅުގައި އަހަރެމެން ވާހަކަދައްކަން މަގޫދޫއާއި ބެހޭ ގޮތުން. ކޮންއިރަކުންތޯ އަބުރާ ދެވޭނީ. އެއީ އާދަޔާޙިލާފް ތަޖުރިބާއެއް." ފ. މަގޫދޫގައި ހުންނަ މާރްހީ ސެންޓަރުގެ ޓީމެއް. -- (ފޮޓޯ/މާރްހީ) މިހާރުވެސް އެކި އެކި ރިސޯޓުތަކުން ސެނިޓައިޒާ އަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ފާހަގަ ކުރައްވާ ޕްރޮފެސާ ގަލީ ވިދާޅުވީ، އެގޮތުން ސޮނެވާ، ޑައިމަންޑްސް ތުނޑުފުށި އަދި އަތުރުގާ ފަދަ ރިސޯޓުތައް މީގެ ތެރޭގައި ހިމެނެ އެވެ. "އަދި ނުދެވިދާނެ އަބުރާ. އެކަމަކު ދެވުނު ދުވަހަކުން އެ އުފައްދާނެ ގޮތް ދަސްކޮށްދޭނަން." ޕްރޮފެސާ ގަލީ ވިދާޅުވި އެވެ. މާރްހީ ސެންޓަރުގެ ޓީމުން ތިބީ މި ސެނިޓައިޒާ އުފައްދާނޭ ގޮތް އުފަލާއިއެކު ކިޔައިދޭށެވެ. "އެންމެ ފުރަތަމަ ކޮވިޑުގެ ކަންތައް ފެށުނުއިރު، އަޅުގަނޑުމެން ހަދިޔާކުރިން މާސްކު ފަދަ ތަކެތި. ދެން އިތުރު ކަމެއް ކުރެވެން އޮތްތޯވެސް ބެލިން. އެތަނުން މި ވިސްނުނީ އަޅުގަނޑުމެންގެ ރިސާޗްއާއި އިލްމުގެ ބޭނުންތެރިކަން ހިފިދާނެކަމަށް." ޕްރޮފެސަރު ވިދާޅުވި އެވެ. މާރްހީ ސެންޓަރުން ކުރިޔަށްގެންދާ އިތުރު ޕްރޮޖެކްޓްތަކާއި ބެހޭގޮތުން ސުވާލުކުރުމުން ޕްރޮފެސަރު ގަލީ ވިދާޅުވީ މިހާރު އޭނާއާއި އޭނާގެ ޓީމުން ދަނީ މުރަކަ ހުދުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންކަމަށެވެ. އެގޮތުން ކަނޑުގެ މަތީ ފަށަލައިގައިވާ ހޫނުފެން ކަނޑުގެ އަޑީގައިވާ އެޔަށްވުރެ ފިނި ފެނާއި ބަދަލުކޮށް ސާކިއުލޭޓްވާ ފަދަ އީޖާދެއް ކުރުމުގެ މަސައްކަތް އޭނާ އާއި އޭނާގެ ޓީމުން ކުރަމުންދާކަމަށް ޕްރޮފެސަރު ގަލީ ވިދާޅުވި އެވެ. "މިއީ ކުރިން ދުވަހަކުވެސް ނުކުރާ ކަމެއް. ހީވެދާނެ މިއީ އާދަޔާޙިލާފް ކަމެކޭ އަދި ނުވެދާނެކަމެއްހެންވެސް، އެކަމަކު މިކަން ހަގީގަތަކަށް ވުމުގެ ފުރުސަތު އެބަ އޮތް." ޕްރޮފެސަރު ގަލީ ވިދާޅުވި އެވެ. ޕްރޮފެސާ ގަލީ ބުނިގޮތުގައި މާރްހީ ސެންޓަރު ގާއިމުކުރެވުމުގެ އެންމެ ބޮޑު ޝުކުރެއް ވަނީ ރާއްޖޭގެ ސަރުކާރަށާއި ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައެޅިފައި ހުންނަ އިޓަލީގެ އެމްބަސީ އަދި އެމްބެސެޑާ ޖޯޖިއާ މަރާޒީއަށެވެ. މިފަދަ ސެންޓަރެއް ނެތްކަން އެނގުމުން ކުރިޔަށް ގެންދެވުނު ވާހަކަތަކުގެ ފޮނި ނަތީޖާއަކީ މާރްހީ ސެންޓަރު ގާއިމުވެގެންދިޔުމެވެ. މިހާރު އެންވަޔަރަންމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަސީރުއާ އެކުގައި ވެސް އޭރު މިކަމާއި ގުޅޭ މަޝްވަރާ ކުރި ކަމަށް ޕްރޮފެސަރު ގަލީ ފާހަގަ ކުރެއްވި އެވެ. ފ. މަގޫދޫގައި ހުންނަ މާރްހީ ސެންޓަރު. --(ފޮޓޯ/މާރްހީ) މާރްހީ ސެންޓަރަކީ މެރިން ރިސާޗް ދާއިރާއަށް ޝައުގުވެރިވާ ކިޔަވާކުދިން، ދާއިރާގެ މަސައްކަތްތެރިން އިތުރަށް ކުރިއަރުވައި ތަފާތު ތަޖުރިބާތައް ދަސްކޮށްދީ އެ ދާއިރާގެ އިތުރު ކަންކަން ދަސްކޮށްދިނުމުގެ ނިޔަތުގައި ގާއިމުކުރި ސެންޓަރެކެވެ. ފާއިތުވެެދިޔަ 2019 ވަނަ އަހަރު އެކަނިވެސް އެ ސެންޓަރުގައި 43 ޕްރޮފެސަރަކު ވަނީ 223 ދަރިވަރުންނަށް ކިޔަވައިދީފަ އެވެ. ބައިނަލްއަގްވާމީ މަޖައްލާތަކުގައި އެ ސެންޓަރުގެ 12 ލިޔުން ޝާއިއުކުރި އިރު، 15 ސައިންޓިފިކް ކޮންގްރެސްއެއްގައި އެ ސެންޓަރުން ވަނީ ބައިވެރިވެފަ އެވެ. މީގެ އިތުރުންވެސް 23 މާސްޓާސް ތީސިސް އުފެއްދުމަށް އެ ސެންޓަރުން އެހީތެރިވެދިންއިރު 17 ގައުމީ އަދި ބައިނަލްއަގްވާމީ އިވެންޓްތަކުގައި އެ ސެންޓަރުގެ ފަރާތުން ވަނީ ބައިވެރިވެފަ އެވެ. މިފަދަ ސެންޓަރެއް މިއީ ރާއްޖެފަދަ ގުދުރަތީގޮތުން ވަށައިގެން ކަނޑު ލައްވާފައިވާ ގައުމަކަށް ނުހަނު ބޭނުންތެރި ސެންޓަރެކެވެ. ސެންޓަރުގައި ކުރެވޭ މަސައްކަތްތަކުގެ ސަބަބުން މި ސެންޓަރަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މުހިންމު އެއް ތައުލީމީ ސެންޓަރަސްވުމަކީ ވެސް އެކަށީގެންވާކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ