ޗައިނާއަށް ފާޑުވިދާޅުވުމަކީ ރައީސް ނަޝީދުގެ ސިޔާސީ އުކުޅެއް: ޑރ.ޖަމީލް

ޗައިނާއަށް ފާޑުވިދާޅުވުމަކީ ރައްޔިތުން މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސީ އުކުޅެއް ކަމުގައި އިދިކޮޅު ކޯލިޝަނުގެ މުސްތަޝާރު އަދި ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. ޖަމީލު އިތުރަށް ވިދާޅުވެފައިވަނީ ޗައިނާއަށް ހަމަލާދެއްވަނީ ބާރުވެރި ވަކި ބަޔަކު ރުއްސެވުމަށް ކަމުގައެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހުންނަވާ ޑރ.ޖަމީލް މިފަދައިން ވިދާޅުވީ ރައީސް ނަޝީދު މިއަދު ޢާންމުކުރެއްވި ހުޅުވާލެވިފައިވާ ސިޓީއަކާ ގުޅިގެންނެވެ. އެސިޓީގައި، ރައީސް ޔާމީނުގެ ވެރިކަމުގައި ޗައިނާއަށް ރާއްޖެއިން ގިނަ ޢަދަދެއްގެ ރަށް ދީފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް ރާއްޖެއިން ރަށްތަކެއް ޗައިނާއަށް ދީފައިވާ ކަމުގައި ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން ބުނެފައިނުވެއެވެ. ޖަމީލުގެ ބަޔާނުގައި ވިދާޅުވީ ޗައިނާއާއި މާލޭގައި ތިއްބަވާ އެޤައުމުގެ ޑިޕްލޮމެޓުންނާމެދު ރައީސް ނަޝީދުކުރައްވާ ތުހުމަތުތަކަކީ އަސާސެއް ނެތް ތުހުމަތުތަކެއް ކަމުގައެވެ. އަދި ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއް ކަމުގައާއި ހުޅުމާލެއާއި މާލެ ގުޅުވައިދޭ ބުރިޖު ފަދަ މުހިއްމު މަޝްރޫޢުތައް ހަގީގަތަކަށް ހަދައިދިނުމުގައި ޗައިނާގެ ބައިވެރިވުން ބޮޑުކަން ޖަމީލުގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ރައީސް ޔާމީނުގެ ވެރިކަމުގައި ޗައިނާގެ އެހީއާވެސް އެކީގައި ފައްޓަވައި ތަންފީޒުކުރައްވާފައިވާ އުމްރާނީ ގިނަ މަޝްރޫޢުތަކާއި ތަރައްޤީގެ މަަސައްކަތްތަކަކީ އެމަސައްކަތްތަކުގެ އިޖުތިމާޢީ އިޤުތިޞާދީ ފައިދާއަށްޓަކައި ގިނަ ރައްޔިތުން ބަލައިގަންނަ ކަންކަން ކަމުގައިވެސް ޖަމީލު ވިދާޅުވިއެވެ. ޗައިނާއާ ގުޅޭ ގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގެ އިތުރަށް މީޑިޔާގެ މިނިވަންކަމަށް ސަރުކާރުން ކުރިމަތިކޮށްފައިވާ ފިއްތުންތަކާއި ހުރަސްތަކުގެ ވާހަކަވެސް ޖަމީލުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ނަޝީދަށް ވަފާތެރި މަޖިލިސް މެންބަރުން އަންގަވައިގެން މީޑިޔާތައް ޖޫރިމަނާކުރަން އުޅޭ ކަމަށް ޖަމީލު ވިދާޅުވިއެވެ. ހަމައެހެންމެ މަޖިލިހުގައިވެސް އިދިކޮޅު ޚިޔާލަށް ޖާގަނުދެއްވައި އަނިޔާވެރި އަމަލުތަކަށް ޖާގަދެއްވި ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނާ ގުޅުން އޮންނަ ފަރާތްތައް ހިމާޔަތްކުރެއްވުމުގެ ގޮތުން ބޮޑެތި ތުހުމަތުތައް ރައްދުވާ މީހުންގެ ތަހުގީގުތަކަށް ނުފޫޒު ފޯރުއްވާ ކަމުގެ ތުހުމަތު ނަޝީދަށް ޖަމީލު ރައްދުކުރެއްވިއެވެ. ހަމައެހެންމެ ރައީސް ޔާމީނުގެ ޝަރީޢަތުގައި ޙުކުމް އިއްވަން އޮތް ދުވަހު މައްސަލަ ބެއްލެވި ފަނޑިޔާރު ބަދަލުކުރުމަކީ ޖުޑީޝަރީގެ މައްޗަށް އެމްޑީޕީގެ ނުފޫޒު އޮތް މިންވަރު ސާފުކޮށް ފެންނަ ކަމެއް ކަމުގައިވެސް ޖަމީލު ވިދާޅުވިއެވެ. ރައީސް ޔާމީނުގެ މައްޗަށް ހުކުމްކޮށްފައިވަނީ އަސްލެއް ނެތް ދައުވާއެއްކޮށް، ޤާނޫނާ ޚިލާފަށް ސަރުކާރުގެ އިސްވެރިން ނުފޫޒު ފޯރުވައިގެން ކަމުގައިވެސް ޖަމީލު ތުހުމަތުކުރެއްވިއެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ދަޢުވާ އުފުލި މައްސަލާގައި އެމްޑީޕީގެ އެތައް އިސްވެރިންނަކަށް ތުހުމަތުވާ ކަމުގައާއި އޭގެ ތެރޭގައި މަޖިލިހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ހިމެނިވަޑައިގަންނަވާ ކަމުގައި ޖަމީލު ވިދާޅުވިއެވެ. އަދި ފުޅާ ކޯލިިޝަނެއްގެ ތެރެއިން ބާރު ލިބުމަށްފަހު، އިންތިޚާބުގައި އިސްލާހުކުރުމަށްވީ ވަޢުދުތަކަށް އެމްޑީޕީން އިހުތިރާމުކޮށްފައިނުވާ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. އަދި މަޖިލިހުގެ ރައީސަކީ ޢަމަލީ ގޮތުން މިވަގުތު ދައުލަތުގެ 3 ބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔާ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. ޤާނޫނުގެ ހުކޫމަތާއި ހެޔޮ ވެރިކަމުގެ ހުރިހާ އުޞޫލުތައް މިހާރުވަނީ މުގުރިފައި ކަމަށްވެސް ޖަމީލުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެގޮތުން މިނިވަން މުއައްސަސާތަކަށް ޕާޓީގެ އެކްޓިވިސްޓުން ލައްވާފައިވާ ކަަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ