ދިރާގު ފިންޓެކްގެ އީ ވޮލެޓް, "ދިރާގުޕޭ" ގެ އައު ޕްލެޓްފޯމް ލޯންޗުކޮށްފި ދިރާގު ފިންޓެކްގެ އީ ވޮލެޓް, "ދިރާގުޕޭ" ގެ އައު ޕްލެޓްފޯމް ލޯންޗުކޮށްފި

ދިރާގުގެ ސަބްސިޑިއަރީ ކުންފުނި، ދިރާގު ފިންޓެކްގެ އީ ވޮލެޓް "ދިރާގުޕޭ"ގެ އައު ޕްލެޓްފޯމް މުޅިން އައު ފީޗާސްތަކަކާ އެކު މިއަދު ލޯންޗްކޮށްފި އެވެ.
އެ ޕްލެޓްފޯމް ލޯންޗުކުރެއްވީ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު އެވެ.
އެ ރަސްމިއްޔާތުގައި ގަވަރުނަރު ވިދާޅުވީ އެމްއެމްއޭ އާއި ދިރާގު އެއްކޮށް މަސައްކަތް ކޮށްގެން، ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ޒަރިއްޔާއިން ދިވެހިރާއްޖެ އަންނަ އިންވެސްޓްމަންޓްތައް އިތުރުކުރެވިދާނެ ކަމަށެވެ.
ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީގެ އިތުރުން ދިރާގު ފިންޓެކްގެ ޗެއާމަން އިސްމާއިލް ރަޝީދު ވިދާޅުވީ ކުރިން ހަމައެކަނި އީ-ވޮލެޓެއްގެ ގޮތުގައި ބޭނުންކުރެވޭ ދިރާގުޕޭގެ ޕްލެޓްފޯމް މިހާރު މިވަނީ ސޮފިސްޓިކޭޓެޑް ޕޭމަންޓް ސިސްޓަމަކަށް އަޕްގްރޭޑްކޮށްފައި ކަމަށެވެ.
މިގޮތުން ދިރާގުގެ ނެޓްވޯކްއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ނެޓްވޯކް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ދިރާގުގެ ދެން އޮތް އަމާޒަކީ، ކަސްޓަމަރުންނާ، ވިޔަފާރިތަކާ، މުޖުތަމައުއަށް، އިތުރު ޑިޖިޓަލް ހިދުމަތްތައް ތައާރަފްކޮށް، އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ތަނަވަސްކޮށްދީ، ގައުމު އިތުރަށް ކުރި އެތުވުން. އެހެންކަމުން، ދިރާގުޕޭ އަށް މި ގެނައި ބަދަލުތަކަކީ ދިރާގުން ބޭނުންވާ މިސްރާބަށް ދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.
ދިރާގުޕޭ އަށް ގެނެސްފައިވާ ބަދަލުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ދިރާގު ފިންޓެކްގެ އެމްޑީ ފަޒްލީނާ ފާކިރު ވިދާޅުވީ ދިރާގުޕޭ އަށް ގެނައި އަޕްގްރޭޑަކީ ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރަމުންދާ ގޮތަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ކަމެއް ކަމަށެވެ.
އަދި ދިރާގުޕޭ އަކީ ކަސްޓަމަރުންނަށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ވެސް ބޭނުން ކުރެވޭނެ ޕްލެޓްފޯމެއްކަމަށް އޭނާ ވިދާޅުވި އެވެ. ދިރާގުޕޭގެ ތަސައްވުރަކީ ފިންޓެކް ސޮލިއުޝަންތައް އެއްވެސް ބަޔަކު ބާކީ ނުކޮށް، ހުރިހާ ފަރާތްތަކަށް ވެސް ފޯރުކޮށްދިނުންކަމަށް ވިދާޅުވި އެވެ.
އަޕްގްރޭޑް ކޮށްފައިވާ ދިރާގުޕޭގެ އައު ޕްލެޓްފޯމުން މިހާރު ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ، ބިލަށް ފައިސާދެއްކުން ހިމެނެ އެވެ. އަދި، ކުރީގެ ޕްލެޓްފޯމް ބޭނުން ކުރަމުން ދިޔަ ފަރާތްތަކުގެ އެކައުންޓްގައި ބާކީ ހުރި ފައިސާ، ރައްކާތެރިކަމާއެކު އާ ޕްލެޓްފޯމަށް މައިގްރޭޓް ކުރެވިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ