ޓީއެމްއޭ މުވައްޒަފުންގެ އިހުތިޖާޖަކީ ސަރުކާރުގެ ގޯސް ސިޔާސަތުތަކުގެ ނަތީޖާ، އަވަސް ހައްލެއް ހޯދައިދޭން ޖެހޭ: ފައްޔާޒު ޓީއެމްއޭ މުވައްޒަފުންގެ އިހުތިޖާޖަކީ ސަރުކާރުގެ ގޯސް ސިޔާސަތުތަކުގެ ނަތީޖާ، އަވަސް ހައްލެއް ހޯދައިދޭން ޖެހޭ: ފައްޔާޒު

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ޑޮލަރުގެ ތާށިކަން ބޮޑުވެ، ރުފިޔާއިން މުސާރަ ދޭން ނިންމުމާ ގުޅިގެން، ޕައިލެޓުން ހިމެނޭހެން އެ ކުންފުނީގެ ހުރިހާ މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރާ ހިސާބަށް ދިޔައީ ސަރުކާރުގެ ގޯސް ސިޔާސަތުތަކުގެ ސަބަބުން ކަމަށް ވިދާޅުވެ އަވަސް ހައްލެއް ހޯދައިދިނުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގޮވާލައްވައިފި އެވެ.
މި މަހުގެ މުސާރަ ދޭއިރު، ރުފިޔާއިން މުސާރަ ދީފި ނަމަ އިހުތިޖާޖު ކުރަން ޓީއެމްއޭގެ މުވައްޒަފުން ތައްޔާރު ކަމަށް ބައެއް މުވައްޒަފުން އަންނަނީ ބުނަމުންނެވެ. ޕައިލެޓުންނާއި މުވައްޒަފުންގެ ޑިމާންޑާ އެއްގޮތަށް ޓީއެމްއޭގެ މެނޭޖުމެންޓުން އަމަލު ނުކޮށްފި ނަމަ މި މަހުގެ 29 ގައި އުދުހުން ހުއްޓާލަން ތައްޔާރަށް އޮތް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެނައި ސިޔާސަތުތަކުގެ ސަބަބުން އިގުތިސޯދު ނުރައްކަލެއްގެ ތެރޭގައި އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
"ސަރުކާރަށް ފައިސާ ނުހޯދުމާއި، މުހިންމު ސިޔާސަތުތަކަށް އިރުއިރުކޮޅާ ބަދަލު ގެނައުމާއި، ލިބިފައިވާ މަދު ވަސީލަތްތައް ބޭކާރު ގޮތުގައި ބޭނުން ކުރުމުގެ ސަބަބުން ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލި، އެތެރޭގެ ބާޒާރުގައި ޑޮލަރުގެ ދަތިކަން ކުރިމަތިވެ، ސަރުކާރުގެ ފެއިލިޔާތަކުގެ ނަތީޖާ އުފުލަން ޖެހިފައިވަނީ އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް،" ފައްޔާޒު ވިދާޅުވި އެވެ.
މިހާރު އޮތް އިންޑަސްޓްރިއަލް ރިލޭޝަންސްގެ ގާނޫނުގައި މަސައްކަތްތެރިންނާ މަޝްވަރާ ކުރުމުގެ ދެފުށްފެންނަ ނިޒާމެއް ގާއިމުކުރެވިފައިވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެ ބިލު ފާސްކުރީ އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުންނެވެ.
"މި ކަމަށް އަވަސް ހައްލެއް ގެނައުމަށްޓަކައި މަސައްކަތްތެރިންނާ އެކު މަޝްވަރާކުރުމަށް ސަރުކާރަށް ގޮވާލަން،" ފައްޔާޒު ވިދާޅުވި އެވެ.
ސަރުކާރުން ތަންފީޒުކުރަން ފެށި ޑޮލަރުގެ ސިޔާސަތާ ގުޅިގެން 20 ޕަސެންޓު ޑޮލަރު މާރުކުރަން މަޖުބޫރުވާތީ، ޓީއެމްއޭއިން އެމްއޭސީއެލްއަށް ދައްކާ ބިމު ކުއްޔާއި ތެލުގެ އަގު ރުފިޔާއިން ގަބޫލު ކުރަން އެދުނު ކަމަށް، އެ މައުލޫމާތު އެނގޭ ބައެއް މީހުން ބުންޏެވެ.
ނަމަވެސް ސަރުކާރުން އެ ހުށަހެޅުން ބަލައިނުގަތެވެ. އެކަމުގެ ނަތީޖާއަކީ މުވައްޒަފުންނަށް ރުފިޔާއިން މުސާރަ ދޭން މަޖުބޫރުވުން ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް ޓީއެމްއޭގެ ސީނިއާ އޮފިޝަލަކު ބުންޏެވެ.
މުސާރަ ރުފިޔާއަށް ދޭން ޖެހިދާނެ ކަމަށް ބުނެ ޓީއެމްއޭގެ މެނޭޖުމެންޓުން މުވައްޒަފުންނަށް ފުރަތަމަ ސިޓީއެއް ފޮނުވީ މިދިޔަ ޖޫން 22، ވަނަ ދުވަހު އެވެ. އެއަށް ފަހު ޖޫން 30، ގައި ވެސް އެ މައުލޫއުގައި ސިޓީއެއް ފޮނުވި އެވެ.
ފަސްދޮޅުހަށް ވުރެ ގިނަ ސީޕްލޭން އޮޕަރޭޓުކުރާ ޓީއެމްއޭގައި 1500 އަށް ވުރެ ގިނަ މުވައްޒަފުން އެބަ ތިއްބެވެ. އެ ކުންފުންޏަކީ ރާއްޖޭގައި އޮތް އެންމެ އަގު ބޮޑު އަދި ތަނަވަސް އެއް ކުންފުންޏެވެ. އަދި ރިސޯޓެއް އޮޕަރޭޓު ނުކުރާ ވިޔަފާރިތަކުގެ ތެރެއިން އެންމެ ގިނައިން ޑޮލަރު ލިބޭ އެއް ވިޔަފާރި ވެސް މެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ