އަންނަ ހޮނިހިރު ދުވަހު ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވާނެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަށަވަރުކޮށްދީފި އެވެ.
ރައީސް އޮފީހުން ބުނީ މޯދީ ރާއްޖެ ވަޑައިގަންނަވާނީ ޖުލައި 25، އިން ޖުލައި 26، އަށް ކަމަށެވެ. މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުގައި މަތީ ފެންވަރުގެ މަޝްވަރާ ބައްދަލުވުންތަކެއް ކުރައްވައި، އިންޑިއާ އާއި ރާއްޖެއާ ގުޅިގެން ކުރިއަށްގެންދާ ބައެއް ޕްރޮޖެކްޓުތައް އިފުތިތާހުކޮށްދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މޯދީގެ ދަތުރުގައި، ދެ ގައުމުގެ ދޭތެރޭގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރަން އެމްއޯޔޫތަކެއްގައި ދެ ގައުމުން ސޮއި ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މޯދީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވީ ރައީސް މުހައްމަދު މުއިއްޒު އޮކްޓޯބަރު 7، 2024، ގައި އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ. އޭގެ ފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު އިންޑިއާއަށް ވަޑައިގެންނެވި ދަތުރެއްގައި ވެސް މޯދީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވި އެވެ.
އިންޑިއާއާއެކު ގުޅުން ބަދަހިކޮށް، އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސް މުއިއްޒު ދައުވަތު ދެއްވިއިރު، އެމަނިކުފާނު ނޮވެމްބަރު 17، 2023، ގައި ވެރިކަމަށް ވަޑައިގަތީ "އިންޑިއާ އައުޓް" ގެ ނަމުގައި ހިންގި ކެމްޕެއިނަކުން ތާއީދު ހޯއްދަވައިގެންނެވެ.
ކެމްޕެއިނުގައި ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވީ، ބަލި މީހުން އުފުލުމަށާއި ކަނޑަށް ގެއްލޭ މީހުން ހޯދަން ދިވެހި ސިފައިންގެ ބެލުމުގެ ދަށުން އިންޑިއާއިން ދުއްވަމުން އައި ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.
ވެރިކަމަށް ވަޑައިގަތުމަށްފަހު ޖެނުއަރީ، 2024، ގައި ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރަށްފަހު ވެސް އިންޑިއާއަށް ބަހުގެ ހަމަލާތަކެއް ދިނެވެ. އިންޑިއާއަކީ ރާއްޖެ ބުލީ ކުރާ ގައުމެއް ކަމަށް ވެސް އިންޑިއާގެ ނަން ވިދާޅުނުވެ ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެއްޗާއި ބޭސް އިންޑިއާއިން ގެންނާތީ އެއީ ވެސް ބޮޑު މައްސަލައެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވި އެވެ. އަދި އިންޑިއާއަސް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރަންޖެހެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް އޭގެ ފަހުން އިންޑިއާއާއެކު އޮތް ގުޅުން ބަދަހި ކުރަން ދިވެހި ސަރުކާރަށް މަޖުބޫރުވީ ރާއްޖޭގެ މާލީ ހާލަތު މެނޭޖު ނުކުރެވި، މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާން ފެށުމުންނެވެ. އެއިރު، ރާއްޖެ ޒިޔާރަތް ކުރާ އިންޑިއާގެ ފަތުރުވެރިން އަދަދު އޮތީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ.
އިންޑިއާގެ ފަތުރުވެރިންގެ އަދަދު ވެއްޓުނީ، އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ސަރުކާރުގެ އޮފިޝަލުންތަކެއް މަލާމާތްކޮށް، ސޯޝަލް މީޑިއާގައި މެސެޖުތަކެއް ޝާއިއު ކުރުމުން، އެއާ ވިއްދައި އިންޑިއާގެ އާންމުން ކުރި ކެމްޕެއިނަކަށްފަހެވެ.
މިނިވަން ދުވަހުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގަންނަވާ ކަން ސަރުކާރުން ކަށަވަރުކޮށްދީފި މިނިވަން ދުވަހުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގަންނަވާ ކަން ސަރުކާރުން ކަށަވަރުކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ