ތޭރަވަނަ ބަޔާ ގުޅޭ
"އިވާން؟" އިވާންގެ އަތުގައި މައިރާ ހިފައިލީ ކިހިނެއްވީހޭ އަހައިލާ ފަދައަކުންނެވެ. އިވާންއާމެދު އޭނާގެ ހިތުގައި ހިސާބެއްގެ ކަންބޮޑުވުމެއްވެސް އުފެދުނެވެ. ވާނީވެސް އެހެންތާ އެވެ. މި ނޫނިއްޔާ އިވާން ދުވަހަކުވެސް ކަމަކާމެދު ފަސްޖެހި ޖެހިލުންވެފައިހުރި ތަނެއް މައިރާއަކަށް ފެނިފައެއް ނުވެ އެވެ. ނަމަވެސް މައިރާ ގޮވައިލުމުންވެސް އިވާންއަކަށް ބުނަން އުޅުނު ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. އޭނާ މައިރާގެ އަތުގައި ހިފައިގެންގޮސް ކޮޓަރިއަށް ވަނުމަށްޓަކައިހުރި ބިއްލޫރި ދޮރުފަތް ކަހައިލި އެވެ. އެތެރެއިން ފެނުނު މަންޒަރުން މައިރާގެ ދެފައިގައި ހިލިހިލާޖެހުނު ކަހަލަ އެވެ. އޭނާގެ އަތަށް އިވާން ދަމައިލުމުންވެސް ކުރިއަށް ހަމަ އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ. އޮރެންޖު އުއްބަތީގެ އަލިން އެކީ އެކައްޗަކަށް ދިއްލާލެވިފައިވާ އިވާންގެ ކޮޓަރީގެ މެދުގައި ބަހައްޓާފައިހުރި މޭޒަކާއި ދެގޮނޑި ބަހައްޓާފައިވާއިރު މޭޒުމަތީގައި ބާއްވައިފައި އޮތް ރަތް ފިނިފެންމަލުގެ ގުލްދަސްތާއާއި ހިތުގެ ބައްޓަމަށް އޮތް ޕިއްޒާއިން އިވާން ބުނެދޭން އެ އުޅެނީ ކީކޭކަން މައިރާއަށް ނުހަނު ސާފުކޮށް ފަހުމުވި އެވެ. ދެއަތް އަނގަމަތީގައި އަޅައިލައިގެންހުރެ މައިރާއަށް ފެންކަޅިވެފައިވި ދެލޮލުން ކައިރީގައިހުރި އިވާންއަށް ބަލައިލި އެވެ.
"މައި.. އެނގިއްޖެދޯ.. އަހަން މި އުޅެނީ ކީކޭކަން؟ އެނގޭ އަދި ވަރަށް އަވަސްކަންވެސް އެކަމަކު.. އަހަރެންނަށް މި ވާހަކަ ނުދެއްކެނީސް މައި މިރަށުން ފުރައިގެން ގޮސްފިނަމަ.. ދެން އެ ފުރުސަތު ލިބޭނެހެން އަހަރެންނަކަށް ހިއެއްނުވޭ.. މައި ވިސްނާލާފަ ފަހުން ޖަވާބެއްދިނަސް އެންމެ ރަނގަޅު. ކޭންޑަލްސް ނިވާލާފަ ލައިޓް ޖައްސާފަ.. ވީ ކޭން ޖަސްޓް ޕްރިޓެންޑް އިޓްސް އަ ނޯރމަލް ޑިނަރ"
އިވާން ހާސްވެފައިހުރެ ފާރުގައިހުރި ސްވިޗްބޯޑާ ދިމާލަށް ހިނގައިގަތްވަގުތު މައިރާ އިވާންގެ އަތުގައި ހިފެހެއްޓި އެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިހިނދު މައިރާއަށް އިވާންގެ ދެލޮލުން ފެންނަމުންދިޔައީ އިންތިޒާރެވެ. އާދޭހެވެ. އުއްމީދެވެ. ސިކުނޑީގައި ބިންވަޅުނެގިފައިވާ މަލަކްގެ ތަސްވީރުން އޭނާ ދޭން ބޭނުންވި ޖަވާބަށް ހުރަސްއެޅުނު ނަމަވެސް އިވާންގެ އުއްމީދުގައި ކޮޅުފައިން ޖަހަން މައިރާގެ ހިތް ނުކުޅެދުނެވެ. އެހެންނޫނަސް އޭނާގެ މަގްސަދު އެންމެ ފަސޭހައިން ހާސިލްވާނީ އިވާންއާ ވިހާވެސް ގާތުގައި ހުރެގެންކަން އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. މަޑުމަޑުން އިވާންއަށް ގާތަށް ޖެހިލުމަށްފަހު ކުޑަކޮށް ކޮރައިލަމުން އިވާންގެ ކޮލަށް ދޮނެއްދިނެވެ. އެއާއެކު އިވާންގެ މޫނަށް މަޑުރަތްކަމެއް ވެރިވިހެން ހީވެ މައިރާއަށް ސިއްރުސިއްރުން ހިނިތުންވެވުނެވެ.
“އިވާން.. ޔޫ އަރ ޖަސްޓް މައި ޓައިޕް” މައިރާ ހާމަކުރީ ހަގީގަތެވެ. މައިރާ ގަޔާވާ ހުރިހާ ސިފައެއް އިވާންގެ ގައިގައި އެބަހުއްޓެވެ. ހަޔާތުގެ ބައިވެރިޔާގެ ފަރާތުން އުއްމީދުކުރާ ހުރިހާކަމެއް އިވާންގެ ކިބައިގައި ފުރިހަމައެވެ. އެދެމެދުގައިވަނީ ހަމަ އެންމެ ޝައްކެކެވެ. ވަހުމެކެވެ. އެ ވަހުމަށް ބީރުކަންފަތެއް ދިނުމަށްފަހު މިފަހަރު މައިރާ އެހީ ހިތުގެ އަޑެވެ.
"ތިބުނީ.. ތިބުނީ ކީކޭ؟" އިވާންއަށް އަހައިލެވުނެވެ.
"ކީކޭތަ މި ބުނެވުނީ.. އަޅެ ހަނދާން ނެތިއްޖެ.. އިވާން ކީކޭތަ އެހީ އޭރު؟" މައިރާ ބޭނުންވީ އިވާންގެ ދުލުން އެ ސުވާލު އަޑުއަހައިލާށެވެ. އިވާންއަށް އެކަން އެނގުނުހިނދު ހިނިތުންވެލަމުން އެރޭގެ ބޮޑު ސުވާލު މައިރާއާ ކޮށްލި އެވެ.
"މައި.. ކޭން ވީ ޓްރައި ދިސް.. ވިލް ޔޫ ބީ މައިން.. ޕްލީޒް..؟" ސުވާލު ނުނިމެންދެން މައިރާ ބޯ ޖަހައިލިތަން ފެނި އިވާންއަށް ދަތްޕިލަ އެކީ ފެންނަވަރަށް ހިނިތުންވެވުނެވެ. އުފަލާއެކު މައިރާގެ ގައިގައި ބައްދައިލުމަށްފަހު ކުޑަކުޑަކޮށް މައިރާގެ ފައި ބިމުން މައްޗަށް ހިއްލައިލައި ވައިގެ ތެރޭގައި އަނބުރައިލި އެވެ. އޭނާ ހުރީ އެއްވެސް ވަރަކަށް މައިރާގެ އާނބަސް ލިބޭނެކަމަށް ހީކޮށްގެނެއް ނޫނެވެ. ހިތުގެ ހާލަތު މައިރާއަށް އަންގައިދިނުމަށެވެ. އުއްމީދުވެސް ނުކޮށް ހުއްޓައި މައިރާ އޭނާގެ މިލްކަކަށްވުމުން އިވާންއަށް ހީވީ ލިބުނު އުފަލުގައި އުދުއްސައި ގަނެވިދާނެހެނެވެ.
"ގޯޝް އައިމް ސޯ ހެޕީ.. ނޭނގޭ ބުނެދޭކަށްވެސް.. ތެންކްޔޫ" މައިރާގެ ނިއްކުރީގައި ނިއްކުރި ޖައްސާލައިގެންހުރެ އިވާން މައިރާގެ އަތްތިލައިގައި ބޮސްދިނެވެ.
"ދެން ޕިއްޒާ ނުކާނަންތަ؟" މައިރާގެ ސުވާލާއެކު ދެމީހުންނަށް އެއްފަހަރާ ހެވުނެވެ. މޭޒުކައިރިއަށް ދިޔުމަށްފަހު މައިރާ ވަކިންހުރި ގޮނޑީގައި އިށީންނަން އުޅުމުން މިފަހަރު އިވާންއަކަށް އެގޮތް ކަމަކުނުދިޔަ އެވެ. މައިރާގެ އަތުގައި ހިފައިލައިގެން ގެނެސް ބޭންދީ އޭނާގެ އުނގުގަ އެވެ.
"ފުރަތަމަ ޑޭޓަށްވެސް ޕިއްޒާ؟" މައިރާ ފޮށިން ނެގި ޕިއްޒާ ފޮތީގައި ދަތްއަޅައިލަމުން ބުންޏެވެ.
"ދެން ކޯއްޗެއް ބަހައްޓަންވީ؟ ކަޕް ނޫޑުލްސްތަ؟ ނޫނީ ބަތާއި ގަރުދިޔަތަ؟" މައިރާ ދިއްކޮށްލި ފޮތީގައި ދަތްއަޅައިލަމުން އިވާން ބުންޏެވެ.
"އުހޫން ދެން އަހަރެން ހިއެއްނުކުރަން އިވާން އެހާ ރޮމޭންޓިމް ކަމަކަށް.. މިވަރަށް ޕްލޭންކޮށްފަ ދެން ޕިއްޒާ ބެހެއްޓީމަ ހަމަ އަހާލީ" މައިރާ ބުންޏެވެ.
"މިރަށުން ލިބެން އޮތް އެންމެ ފޭންސީ މީލްއަކީ ތިއީ.. މައި ގޮވައިގެން މާލެ ގޮސްފައެއްނު ދެން މައިމެންގެ ފޭންސީ ރެސްޓޯރަންޓްގަ ފޭންސީ މީލްއެއް ކާލެވޭނީ" އިވާންގެ ވާހަކައިން މައިރާއަށް ސިހުމެއް ލިބުނެވެ.
"މައިމެންގެ ރެސްޓޯރަންޓޭ.. އި.. އިވާންއަށް ކިހިނެއް އެނގުނީ؟" މައިރާގެ އަތުގައި އޮތް ޕިއްޒާފޮތި ފޮށިތެރޭގައި ބާއްވައިލަމުން ކައިރީގައި ހުރި ފެންތަށިން ކޯވަރެއް ދަމައިލި އެވެ. އޭނާގެ އާއިލާއާގުޅޭ އެއްވެސް މައުލޫމާތެއް އިވާންއަށް ނުވަތަ އައިލީންއަށްވެސް ދެވުނު ހަނދާނެއް އޭނާގެ ނެތެވެ.
"ދެން ގެއަށްއައި ވަގުތީ މެހެމާނެއް ގެއިން އެހާބޮޑު ވައްކަމެއް ކުރީމަ އަހަރެންވެސް އެމީހަކާ ގުޅުވާ ޑިޔު ޑިލިޖެންސް ހަދާނެތާ ދޯ؟" އިވާންހުރީ ނިކަން ހަމަޖެހިލައިފަ އެވެ.
"ވައްކަމެކޭ؟" މައިރާއަށް އަހައިލެވުނެވެ. އޭނާގެ މޫނަށް ހާސްކަމުގެ ކުލަވަރު ވެރިވާންފެށި އެވެ. ރޫމީ ކުރަމުންދިޔަ ވައްކަންތައް އަނެއްކާ އިވާންއަށް ފަޅާއެރީބާ އެވެ؟ އިވާން އެކަންތައް އެ އަޅުވަނީ އޭނާގެ ބޮލުގައި ހެއްޔެވެ؟ އެހެންވިއްޔާ އިވާން މި ހުރިހާ ކަމެއް މި ރޭވީ އޭނާއަށް އެކަންތައް އަންގައި އޭނާގެ ކިބައިން ބަދަލުހިފަން ހެއްޔެވެ؟ މިއީ އޭނާ ތަޅުވާލައި އޭނާގެ ކިބައިން ބަދަލުހިފަން ކުރި ކަމެއްބާ އެވެ؟
"ހްމްމް. އަހަރެންގެ ހިތް ވަގަށްނެގީ" އިވާންގެ ޖަވާބާއެކު މައިރާއަށް ފުން ނޭވާއެއް ދޫކޮށްލަމުން އިވާންގެ ކޮނޑުގައި އަތްއަޅައި ކޮށްޕައިލެވުނެވެ.
"ދެން އައްޗީޑި އިވާން.. ސޯ ކްރިންޖް. އެހެންނޫނަސް އަހަރެން އެއްވެސް މީހެއްގެ ހިތެއް ވަގަކަށް ނުނަގަން. އެމީހަކު ހެޔޮހިތުން ދިން ހަދިޔާއެއްވީމަ ގަބޫލުކުރީ.. ހަދިޔާ ގަބޫލުނުކޮށް ރައްދުކުރުމަކީ އެހާ ރީތި އާދައެއްނޫނެއްނު؟" މައިރާވެސް ވަކި އިވާންއަކަށް ދުލެއް ނުދިނެވެ.
"ތިކަން ކުރިން އެނގުނުނަމަ ދޯ؟ ރޭގަވެސް ކުރި ހުރިހާކަމެއް ފެނަށް ދުއްވާނުލާ އަހަން ކެރުނީސް.." އިވާންއަށް ބުނެވުނެވެ.
"ކީކޭ؟ އެކްސްކިއުޒް މީ މިސްޓަރ.. ތިބުނީ ރޭގަ ނިދުނީކީ ނޫނޭތަ؟ ފަހު ވަގުތު ފިނޑިވީ ދޯ؟ އިވާން ތިހާ ފިނޑިވާނޭ ހީކުރާނީ ކާކު؟" މައިރާ ދިމާކޮށްލި އެވެ.
"ޝްޝްޝް. ތިކަހަލަ ވާހަކަ މާ ބާރަށް ނުދައްކަމާ" މައިރާގެ ކަންފަތްދޮށުގައި އިވާން ސިއްރުސިއްރުން ބުނެލި އެވެ. މައިރާ ދެންވެސް ފިނޑިއެކޭ ބުނެ އިވާންއާ ދިމާކޮށްލި އެވެ.
އުފާވެރިކަމުން ފުރިގެންވި ރެއަކަށްފަހު އެ ދެޒުވާނުން ވަކި ވެގެންދިޔައީ ހަޔާތުގެ މުޅިން އާ ބާބަކުން އެކަކު އަނެކަކަށް ޖާގަދީފަ އެވެ. އެ ދެހިތުގައި އެކަކު އަނެކަކަށްޓަކައި އުފެދެމުން އައި ލޯތްބަށް ފުރުސަތެއް ދިނުމަށް ދެމީހުންވެސް ވައުދާއި އަޙުދުތައްވި އެވެ. އައިލީންއަށް ހޭލެވުމުގެ ކުރިން މައިރާ އަވަސް އަވަހަށް ކޮޓަރިއަށްވަދެ އެނދުގައި އޮށޯވެލިއިރު އިވާންވެސް ކޮޓަރިތެރެ ހަމައަކަށް އަޅުވާލައިފައި ނިދަން އޮށޯތެވެ. އެހެނަސް އާ ދުވަހަކަށް އިރު ފެނުން ތޮޅިލިއިރުވެސް އެ ލޯތަކުގައި ނިންޖެއް ނެތެވެ. ކެތްތެރިކަމެއްނެތި އިންތިޒާރު ކުރެވެމުންދިޔައީ އަނެއްކާވެސް އެކަކުއަނެކަކާ ބައްދަލުވާނެ އިރަކަށެވެ.
----
ހެނދުނުގެ ނާސްތާ ނިންމައިލުމަށްފަހު މައިރާ ސޯފާގައި މަޑުކޮށްލައިގެން އިނީ ފޯނަށް ގެއްލިފަ އެވެ. ފިހާރައަކަށް ދާން ތައްޔާރުވެލައިގެން އަންނާނަމޭ ބުނެ އައިލީން މައްޗަށް ދިޔަތާ އޭރު މާ ގިނަ އިރެއްނުވެ އެވެ. ސިޑި މަތިން ފިޔަވަޅުތަކެއްގެ އަޑު އިވިލިހެން ހީވެ މައިރާ އެދިމާ ބަލައިލީ އެއީ އައިލީންކަމުގައި ހީކުރަމުންނެވެ. ފުލުހުންގެ ޔުނީފޯމުގައިހުރެ ސިޑިން ފައިބައިގެން ހަލުވި ފިޔަވަޅުތަކެއްގައިގޮސް ގޭގެ ދޮރުން ނުކުތް އިވާންފެނި މައިރާއަށް ކަށްޓެއް ޖެހި ފަދައިން އޭނާ އިށީނދެ އިންތަނުން ތެދުވެވުނެވެ. އޭނާ ފެންނަކަމަށްވެސް ހަދާނުލައި އިވާން އެހާ އަވަސްއަރުވާލައިގެން އެތަނުން ދިޔުން މައިރާއަކަށް ކަމަކު ނުދިޔަ އެވެ.
"އިވާން.. ދަނީތަ؟" މައިރާ މަޑު މަޑުން ދުވެލާފައިގޮސް ގޭގެ ދޮރާށިން ނުކުމެ ނުކުމެހުރި އިވާންއަށް ގޮވައިލި އެވެ.
"ލައްބަ. ކިހިނެއްވީ؟" ކިތަންމެ ލަސްވެފައިހުރި ނަމަވެސް އިވާން ދުރު ފިޔަވަޅުތަކެއްގައި އައިސް މައިރާގެ ގާތަށް ހުއްޓިލަމުން އަހައިލިއެވެ. އިވާންއާ ގާތަށް ފިޔަވަޅެއް އަޅައިލުމުގެ ކުރިން މައިރާ ވަށައިގެން ހޯދައިލި އެވެ.
"މިއަދު ވަރަށް ލަހުންތަ ނިމޭނީ. އަހަރެންނަށް ވަގުތުކޮޅެއް ނުލިބޭނެތަ؟" އިވާންގެ އަތުގައި އޮތް ތޮފި އަތުލުމަށްފަހު މައިރާ އެ ތޮފި އިވާންގެ ބޮލުގައި އަޅުވައިލައިދިނެވެ. އޭނާއަށް އިވާން ޔުނީފޯމުގައި ހުރިތަން އެ ފެނުނީ މުޅިން އަލަށެވެ. އެ ޔުނީފޯމުން ދެކޮނޑަށް އަރާފައިވާ ރޭންކުތަކާއި ޖީބާއި ދިމާލުގައިހުރި ކުލަތަކުން ސިފަވަނީ އިވާންގެ ހައިބަތުހުރި ޝަހްސިއްޔަތެވެ.
“އަދި ވަރަށް ބިޒީކޮށް ޝެޑިއުލް އޮތީ.. ކޮން ވަގުތެއް ހުސްކޮށްލަދޭންވީ؟” މައިރާ އަޅުވައިދިން ތޮފީގައި އެއް އަތުން ހިފަހައްޓައިލަމުން އިވާން އަނެއް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލި އެވެ.
"ފަސްޓް ޑޭ އޭޒް އަ ކަޕްލް ވީމަ އަހަރެން އުޅުނީ އެއްކޮށް ސަންސެޓް ބަލާލަން ދާންވެގެން. އެކަމަކު އިވާންއަށް ނާދެވެންޏާ އޯކޭ." މައިރާ ބުންޏެވެ.
"ސަންސެޓް ދޯ. ޓްސްސް އާނ ތިއީ ވަރަށް ބިޒީ ގަޑިއެއް.. ހަވީރު ސީޕީ މިކޮޅަށް އަންނާނެ.. އެކަމަކު ވަރަށް މަސައްކަތްކުރާނަން އެނގޭ ވަގުތުކޮޅެއް ހޯދާލައިގެން އާދެވޭތޯ. ރެޑީވެގެން ހުންނައްޗޭ.. ޔެސް އެންޑް ވަން މޯރ ތިންގް..ދޯސް ކްރޭޒީ ތިންގްސް ޔޫ ޑޫ… ދަންވަރު ގަސްގަހުން ފޭރު ބިނުން.. އެކަނިމާއެކަނި މީހުން ނޫޅޭ ސަރަހައްދުތަކަށް ދިޔުން ކަހަލަ ކަންކަން. ނަން އޮފް ދެޓް އެނީމޯރ އޯކޭ؟ އަހަރެންނަށް ނާދެވުނަސް ދާ ތާކަށް ދާންވާނީ ލީން ނޫނީ ޝޯން ގޮވައިގެން.. އާރ ވީ ކްލިއަރ؟” އިވާން ބުންޏެވެ.
"ވަޓް ހެޕެންޑް ހްމްމް؟ މައި ހެންޑްސަމް ހީރޯ އިޒް ޓަޔަޑް އޮފް ސޭވިންގް މީ؟" އިވާންއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން މައިރާ އިވާން ލައިގެން ހުރި ޔުނީފޯމްގެ ގޮށްފަތީގައި ހިފަހައްޓައިލި އެވެ. އިވާންއަށް ހުރެވުނީ އެތެރެއަށް ދަމައިލި ނޭވާ ދޫކޮށްލަންވެސް ހަނދާން ނެތިފައެވެ. މައިރާގެ ބެލުމުގައިވާ އަސަރުން އިވާންގެ ހިތުގެ ހިނގުން އަވަސްވެލި އެވެ. މައިރާއަށް ރައްދުދޭން އަނގަހުޅުވައިލި ނަމަވެސް މައިރާ އެހާ ފާޅުގައި އޭނާއަށް ތައުރީފު ކުރުމުން އިވާންގެ ދުލުގައިވަނީ ގޮށެއްޖެހިފައި ކަހަލަ އެވެ. އާވާރާ ވެފައިހުރި އާޝިގެއްފަދައިން މައިރާއަށް ބަލަހައްޓައިގެން ހުރުން ފިޔަވައި އިތުރު ކަމެއް ނުކުރެވުނެވެ. އޭނާގެ ކޮންމެ ވިންދެއް، ކޮންމެ ނޭވާއެއް އަދި ކޮންމެ ލަފްޒެއްގެ މައްޗަށް މައިރާ ބާރު ފޯރުވަމުން މިދަނީ ކިހިނެއް ކަމެއް އިވާންއަކަށް ވިސްނައި ވިސްނައިވެސް ނޭނގުނެވެ.
"މައި..."
ކުއްލިއަކަށް އިވުނު އައިލީންގެ އަޑާއެކު އިވާން ސިއްސައިގެންދިޔައިރު މައިރާއަށްވެސް ސިހިފައި އިވާންއާ ދުރަށް ޖެހިލެވުނެވެ.
“އިޓްސް އޯކޭ.. އައި ވިލް ޓޭކް ކެއަރ” އިވާންއަށް ޔަގީންކަން ދިނުމުގެ ގޮތުން މައިރާ ބޯ ޖަހައިލިއެވެ. މީގެ ކުޑަ ދުވަސްކޮޅެއްކުރިން މީހަކު އޭނާއަށް އެފަދަ ނަސޭހަތެއް ދިން ނަމަ މައިރާ އެމީހެއްދެކެ އަންނާނީ ރުޅި އެވެ. އެމީހަކު މައިރާ ކޮންޓްރޯލްކޮށް ހިފަހައްޓަން މަސައްކަތްކުރަނީއޭ ހީވީހެވެ. ނަމަވެސް މިއަދު އެ ނަސޭހަތްތަކުން މައިރާގެ ހިތަށް ލިބުނީ އުފާވެރިކަމެވެ. އިވާން އޭނާއާމެދު ބަހައްޓާ އަޅާލުން އެނގި މައިރާގެ ހިތުގައި އިވާންއަށްޓަކައިވާ އިޙްސާސްތައް އިތުރަށް ފުންވިއެވެ.
އައިލީން އެތަނަށް އައުމުން އިވާން ދިޔުމުގެ ކުރިން ފުންނަޒަރަކުން މައިރާއަށް ބަލައިލިއެވެ. އޭނާ ހުރީ އެވަގުތު އެތަނުން ދާން ބޭނުން ނުވެފައިކަން އެ ބެލުމުން އެކަނިވެސް އެނގޭހާވެއެވެ. ސިއްރު ސިއްރުން އައިލީންއަށް ނުފެންނާނޭހެން އިވާންގެ އަތުގެ އިނގިލިތަކުން މައިރާގެ އަތުގެ އިނގިލިތަކުގައި ބީހިލާފައި ދިޔައީ ވަދާއި ސަލާމެއް ކޮށްލާ ފަދައިންނެވެ. މައިރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ. އައިލީންއާއެކު ފިހާރައަށްދާން ހިނގައިގަނެވުނު އިރުވެސް މައިރާއަށް ހުރެވުނީ އެ ހިނިތުންވުމުގަ އެވެ.
އިވާން އެދުނު ފަދައިން މައިރާ ހަވީރު ބޭރަށްދާން ތައްޔާރުވެލައިގެން ނުކުމެ ގޯތި ތެރޭގައިހުރި އުނދޯލިގޭގައި އިށީނދެލައިގެން އިނެވެ. އޭރު ގަޑިން ފަސްގަޑި ބައި ވަނީ އެވެ. ނަސީބަކުން އޭނާ ބޭރަށް ދާ ވާހަކަ ބުނުމުން އައިލީންވެސް އެކަން މާބޮޑު ކަމަކަށް ނެހެދި އެވެ. މީހުން ނޫޅޭ ހިސާބަކަށް ނުދާށޭ ބުނެފައި އިތުރަކަށް އެއްޗެކޭ ނުބުންޏެވެ. ދެރަމިނުން މައިރާއާއެކު ދާންވެސް ހުށަހެޅީކީ ނޫނެވެ. މައިރާއަށް އެކަމާ މެދުގައިވެސް ވިސްނެމުން ދިޔަ އެވެ. މިފަހަކަށް އައިސް އައިލީންގެ ހުންނަނީ އެކަހަލަ ގޮތެކެވެ. ކޮންމެހެން މަޖުބޫރުވެގެން ނޫނީ ގެއިން ބޭރަށް ނުކުންނަން ބޭނުން ނުވާއިރު ވަށައިގެން ހިނގާ މާހައުލުގެ ކަންކަމާމެދުވެސް މާބޮޑު ޝައުގުވެރިކަމެއް ނުހުރެ އެވެ. އައިލީން ކިތަންމެ ވަރަކަށް އެހެން މީހުނާއެކު ހީނ ސަމާސާކޮށް އުޅުނު ނަމަވެސް އައިލީންގެ ދެލޮލުން މައިރާ އެންމެ ފުރަތަމަ ދުވަހުވެސް ދުށީ އެކަނިވެރިކަމެވެ. ނަމަވެސް މިހާރު އެ އެކަނިވެރިކަމާއެކު އިތުރު ހިތްދަތިކަމެއްވެސް ފެންނަމުންދާހެން މައިރާއަށް ހީވެ އެވެ. އެކަމާ މާ ގިނަ ސުވާލުތައް ކުރަން ނުކެރެނީ އެއީ އައިލީންއަށް ކަމުދާ މައުޟޫއުއަކަށް ނުވެދާނެތީ އެވެ.
ހައެއް ޖަހަން ގާތްވި އިރުވެސް އިވާންގެ ހަބަރެއް ނުވުމުން މައިރާ ދެތިން ފަހަރަކު އިވާންއަށް މެސެޖު ކޮށްލައިފި އެވެ. ޖަވާބެއް ނުލިބި ގިނައިރު ވާން ފެށުމުން މައިރާގެ މޫނަށް ފޫހިކަން ވެރިވި އެވެ. އެންމެފަހުން އިވާން ނާންނާނެކަމަށް ވިސްނާފައި އޭނާ ގެއިން ނުކުތުމަށް ހިނގައިގަތްވަގުތު މީހަކު އޭނާގެ އަތުގައި ހިފައިލިހެން ހީވެ މައިރާއަށް ފަސްއެނބުރި ބަލައިލެވުނެވެ. އުޅަނބޮއްޓާ ހަމައަށް އަތުކުރި އޮޅާލާފައިހުރި ހުދުކުލައިގެ ލިނެން ގަމީހާއި ބެއިޖްކުލައިގެ ސޯޓެއްގައިހުރި އިވާންގެ ހިތްގައިމުކަމަށް މައިރާ ހިތާހިތުން ތައުރީފުކޮށްލިއެވެ. އިވާން ލައިގެންހުރި އަތަރުން މުޅި މާހައުލު އެއްވަސް ވެގެން ދިޔަހިނދު މައިރާއަށް ފުންނޭވާއެއް އެތެރެއަށް ދަމައިލެވުނެވެ.
"ހިނގާ ދާން" މައިރާގެ އަތުގައި ހިފައިލަމުން އިވާން ކުރިއަށް ހިނގައިގަތްއިރު މައިރާއަށް އާދައިގެމަތިން ހުރެވުނީ އަމިއްލަ އިޙްތިޔާރުގައި ހަރަކާތެއްވެސް ކޮށްލަން ނޭނގިފަ އެވެ. އެއީ މައިރާއަކަށް އާ ކަމެއް ނޫނެވެ. ނޭނގުމެއްގެ ތެރޭގައިވިޔަސް އިވާން ގާތްވެލާ ކޮންމެހިނދަކު ނަފްސުގެ ބާރު އިވާންގެ މައްޗަށް ދޫކޮށްލެވެނީ އަލަކަށް ނޫނެވެ.
"މައި؟ އޯކޭތަ؟" މައިރާ ގޮވައިގެން ސައިކަލާ ހަމައަށް ގޮސްފައި އިވާންއަށް އަހައިލި އެވެ.
"ޔެސް.. އަމް.. މިއީ.. އެއްކޮށްތަ ދާނީ؟ މީހުން ކީކޭ ކިޔާނީ؟" އެއްފަހަރު އިވާންއަށް އަނެއްފަހަރު ސައިކަލަށް ބަލައިލަމުން މައިރާ އެއްސެވެ.
"މައި ކޮންއިރަކުތަ މީހަކު ކިޔާ އެއްޗަކަށް ވިސްނަންފެށީ؟ އެހެންނޫނަސް އަހަރުމެން ދެމީހުންނޭ ކިޔައިގެން މިރަށު މީހުން ކިޔާނެ އިތުރު އެއްޗެއް އެބައޮތްތަ؟ އެމީހުންގެ އަނގައިން ނަމަ މިހާރު މިއުޅެނީ މެރީ ކުރާކަށްނު؟" އިވާން އެއްމިޔަކަނިން ހިނިތުންވެލި އެވެ. އަދި ސައިކަލަށް އަރައި އިސްޓާޓުކޮށްލުމަށްފަހު ސައިކަލުގެ ފަހަތަށް އެރުމަށް މައިރާއަށް ލޮލުން އިޝާރާތްކޮށްލި އެވެ.
ދޮންވެލި ތުނޑީގެ ރާޅުޖަހާ ފަށުގައި މައިރާއާއި އިވާން އެކުއެކީ ހިނގާލާފައި ދިޔައިރު ހަވީރު ފިންޏަށް ތުނޑިއަށް އައިސްއުޅޭ އެހެންމީހުންގެ ނަޒަރުތަށް އެމީހުންނާ އަމާޒު ވަމުންދިޔަ އެވެ. އިވާންއަކީ އެރަށު ހުރިހާ އުމުރެއްގެ މީހުންނާވެސް ގުޅޭ އެކުވެރި ހެޔޮލަފާ ޒުވާނެއްކަމުން އާދައިގެމަތިން އޭނާ ބައެއް މީހުންނަށް ހިނިތުންވެލަ އެވެ. އެމީހުންވެސް ހިނިތުންވެލާފައި އެމީހެއްގެ އަމިއްލަ ކަންތައްތަކުގައި މަސްއޫލުވަނީ އެވެ.
"އިވާން ހާދަ މަޤްބޫލޭ ދޯ މިރަށު މީހުންގެ މެދުގަ. ވަކި އުމުރެއްނެތް. މިވަރުން އަހަރެން ކިހިނެއް މެރީ ކުރިޔަސް އިވާން މާލެ ގެންދާނީ. މިރަށު އެންމެން އަހަރެންދެކެ ރުޅި އަންނާނީ.. އަހަރެން ކަންނޭނގެ މިރަށަށް ބަދަލުވާން ޖެހޭނީ" މައިރާ ހިނިއައިސްފައިހުރެ ބުންޏެވެ.
"ތިކަހަލަ ދުވަހެއް އައިއްޔާ.. މައި މިރަށަށް ބަދަލުވެދާނަންތަ؟" އިވާން އަހައިލި އެވެ.
"ދެން އެދުވަހެއް އައިމަ ދޯ އެނގޭނީ.. އިވާން ހުރިއްޔާ އަހަރެން ފޫހިވާނެހެން ހިއެއްނުވޭ" މައިރާ ދެކޮނޑު އަރުވައިލި އެވެ.
"ވަރަށް އުފާވެއްޖެ" އިވާން ބުންޏެވެ.
"އެއީ ކީއްވެ؟" މައިރާ އެއްސެވެ.
"އަހަރެންނާ މެރީ ކުރަން މައި ހިޔާލުކުރާތީ.. ކުޑަކޮށްވިޔަސް" އިވާންގެ އަތުތެރޭގައި އޮތް މައިރާގެ އަތަށް ފިތައިލަމުން އިވާން މައިރާގެ ކަންފަތްދޮށުގައި ބުންޏެވެ.
"ދެން އިވާން."” މައިރާގެ މޫނު ލަދުން ރަތްވި އެވެ. އެކަން އިވާންއަށް ފޮރުވައިލުމަށްޓަކައި މައިރާ ދުރުން ފެންނަން އޮތް އުދަރެހާ ދިމާލަށް މޫނު އަނބުރައިލި އެވެ. އޭނާ އިވާންއާ އެފަދަ ވާހަކައެއް ދެއްކީ ސަމާސާއެއްގެ ގޮތުންނެވެ. މާ ފުންކޮށް ވިސްނާފައެއް ނޫނެވެ. އޭނާގެ މުސްތަގްބަލްގެ ސަފްހާތަކުގައި އިވާންގެ ނަމަކީ އޮންނާނެ ނަމެއް ކަމާމެދުވެސް މައިރާއަށް ޝައްކެވެ. އެކަން އެނގިހުރެ އިވާންގެ ހުށަހެޅުމަށް އާނބަސް ބުނެވުނީތީ މައިރާ އަމިއްލަ ނަފްސަށް އަޑުލި އެވެ. އިވާންއާ ދުރުވުން އޭނާއަށް ފަސޭހަ ނުވާނޭކަންވެސް މައިރާއަށް އެނގެ އެވެ. އިވާންގެ މިޒާޖު ދަސްވާ ވަރަކަށް އެދެވެނީ އިތުރު ގާތްކަމަކަށެވެ. އެ ގާތްކަން ނިމުމަކަށް އަންނާކަށް މާ ގިނަ ދުވަހެއް ނެތްކަން އެނގިހުރެވެސްމެ އެވެ.
"ބަލާބަ ސަންސެޓް.. އިޓްސް ސޯ ބިއުޓިފުލް އިޒްންޓް އިޓް؟" ޖަޒުބާތުގައި ބެހިގެން ނުދަނީސް މައިރާ އަވަސްއަވަހަށް މައުލޫ ބަދަލުކޮށްލި އެވެ.
"ހްމްމް. ވަރަށް ރީތި" އިވާން ޖަވާބުގައި ބުންޏެވެ. އޭރު އޭނާގެ ނަޒަރު ސީދާވެފައިވަނީ މައިރާ އެ އިޝާރާތްކުރި މަންޒަރަށްވުރެން ބޮޑަށް މައިރާއަށެވެ. އޮއްސެމުންދިޔަ އިރުގެ އަލި މައިރާގެ މޫނުގައި ބޮސްދެމުންދިޔައިރު އެ އިސްތަށިގަނޑުގައިވާ މުށި ކުލައިގެ ހައިލައިޓްތަކަށް ރީތި ވިދުމެއް ގެނުވަ އެވެ. އިވާންގެ ހިތުގައި ހިނގަމުންދިޔަ ޝުއޫރުތަކުގެ ހިލަމެއް ނުވާހާލު މައިރާ އިވާންއަށް ބަލައިލަމުން ހިނިތުންވެލި އެވެ. އެ ރީތިކަން އެތައް ގުނައަކަށް ފުރިހަމަވެލިއެވެ. އިވާންއަށް ހިނިތުންވެލަމުން މައިރާގެ އަތުގައި ބޮސްދެވުނީ އަމިއްލަ ނަސީބާމެދު ޝުކުރު ކުރާ ހާލުގަ އެވެ.
----
ސިޓިންގްރޫމްގެ ސޯފާގައި އޮށޯވެލައިގެން އޮތް އައިލީންއަށް އިރު އިރުކޮޅާ ފޯނަށް ބަލައިލެވެނީ އޭނާ ނަދާލްއަށް ކޮށްފައިވާ މެސެޖުތަކުން އެއްވެސް މެސެޖެކަށް ރައްދެއް ލިބިދާނެކަމުގެ ހަނި އުއްމީދުގަ އެވެ. ނަދާލްއާ އެންމެފަހުން ބައްދަލުވިތާ ހަފްތާއެއް ވެގެންދިޔައިރު އަދިވެސް ހަބަރެއް ނުވާތީ އައިލީންވަނީ އިންތިހާއަށް މާޔޫސްވެފަ އެވެ. އެ ގުޅުމާމެދު އުއްމީދު ކަނޑާލަން ބޭނުންވި ނަމަވެސް އައިލީންއަށް ކުރެވެނީ އިންތިޒާރެވެ. ނަދާލްއާއެކު ޖެޓްސްކީއެއްގައި އިނދެ ނަގައިފައިވާ ފޮޓޮއަށް ބަލަން އިނދެ ފެންކަޅިވި ވަގުތު ގެއަށްވަތް ޝާވިން ފެނި އައިލީންއަށް ކަރުނަތައް ހިންދައިލަން މަޖުބޫރުވިއެވެ. އެފަދަ މަންޒަރެއް ފެނިއްޖެނަމަ ޝާވިންގެ ސުވާލުތަކަށް ނިމުމެއް ނާންނާނެކަން އެނގޭތީ އެވެ.
"ލީން.. ކިހިނެއްތަ؟" ސަލާން ގޮވުމެއްވެސް ނެތި ޝާވިން އައިސް އެތަނުގައި އެކަކަށް އިށީނދެވޭނެހެން ހުރި ސޯފާގައި އިށީނެވެ.
"ރަނގަޅު. ޝޯން ކޮންއިރަކުތަ މީހުންގެ ހާލުއަހުވާލު އަހަން ފެށީ؟" އައިލީންގެ އަޑުގައިވަނީ ރުންކުރުކަމެވެ. މިފަހަކަށް އައިސް ޝާވިން އުޅޭގޮތުން އޭނާ ހުންނަނީ ބޮލަށް އުނދަގޫވެފަ އެވެ. އިވާން ނެތް ވަގުތު ތަކުގައިވެސް ގެއަށް އައިސް އުޅެނީ މާ ގިނައިންނެވެ. ގެއަށް ނާންނަ ދުވަހަކިއްޔާ ހުންނާނީ ކޮންމެވެސް ކޫސަނި ކަމެއްގައި އައިލީންއަށް މެސެޖެއް ކޮށްލަކޮށްލަ އެވެ.
"ދެން އަހާލެވިދާނެއްނު. ލީން ބިޒީ ނޫނިއްޔާ ހިނގާބަލަ ފިހާރައަކަށް.. އިވާން ގުޅާފަ ފާޑެއްގެ ބާބެކިޔު އެއްޗެހިތަކެއް ގަންނަން ހަވާލުކޮށްގެނޭ މި އުޅެނީ" ޝާވިން ބުންޏެވެ. އެވަގުތުވީ އާޒިމާއާ ވާހަކަދައްކަން އިނުމަށްފަހު މައިރާވެސް އެކޮޓަރިން ނުކުތް ވަގުތަށެވެ. އިވާންގެ ނަން އިވުމާއެކު އޭނާ އަވަސް އަވަހަށް އެދިމާލަށް ދިޔަ އެވެ.
"ބާބެކިޔުއެކޭ؟ ކޮން ބާބެކިޔުއެއް" ސޯފާގައި އޮތް އައިލީންގެ ފައި އުނގުގައި ބާއްވައިލަމުން މައިރާ އިށީނެވެ. އެބުނާ ބާބެކިޔުއެއްގެ ވާހަކަ އިވާން އޭނާގާތު ދައްކާފައި ނުވާތީ މައިރާ ހައިރާންވި އެވެ.
"ހީވަނީ ސީޕީ ފުރާތީ ބާއްވާ ކުޑަ ކަމެއްހެން.. އަހަރެންނަކަށްވެސް ނޭނގެއޭ މާ ބޮޑަކަށް.. ބުނިހާވެސް އެއްޗަކީ މާދަމާ ހަވީރަށް ހުރިހާ އެއްޗެއް ހަމަކޮށްލަ ދޭށޯ. ދޭން މާދަމާ ބިޒީ ވެދާނެތީ މިރޭ އެކަމާ މި އުޅެނީ" ޝާވިން ކުރުގޮތަކަށް ކިޔައިދިނެވެ.
"ވަރަށް ބޮލުގަ ރިއްސާތީ މިއުޅެނީ.. އަހަރެންނަކަށް ނުދެވޭނެ" އައިލީން މަޑު މަޑުން ތެދުވެ ގޮނޑީގައި އިށީނެވެ.
"ބޭރަށް ނުކުމެލީމަ ތި ރިހުން ހިނގައިދާނެ. ކުޑަކޮށް ދުއްވާލާފަ އަންނާނީ.. ހިނގާބަ-"
"ބުނެފީމެއްނު ނުދެވޭނޭ. މި ބޮޑު ރަށުން ޝޯންއާ އެއްކޮށް ދާން އަހަރެން ނޫން މީހެއް ނުލިބުނުތަ؟" ޝާވިންގެ ވާހަކަ މެދުކަނޑައިލަމުން އައިލީން ބުންޏެވެ. އެ އަޑުގައި ހިތްހަމަނުޖެހުމުގެ އަސަރު ހުއްޓެވެ.
"ނުލިބިގެންތަ؟ ބޭނުން ނުވާތީ ދޯ ކޮންމެ ކޮންމެ މީހަކާއެކު ދާން" ޝާވިންގެ އަޑަށް ވެރިވި ހިމޭންކަން ފާހަގަވި ހިނދު މައިރާއަށް ޝާވިންގެ މައްޗަށް ހަމްދަރުދީ ވެވުނެވެ. އައިލީންއާމެދު ޝާވިން ދެކޭގޮތް އިވާން ވަނީ މައިރާއަށް ކިޔައިދީފަ އެވެ.
"މިތާނގަ މީނީނު މައިވެސް. މައި ގޮވައިގެން ދޭބަލަ. ކޮންމެ ކޮންމެ މީހެއް ނޫނެއްނު" އައިލީން ބުންޏެވެ.
"އާދޭ މައި" މިފަހަރު ޝާވިން އިތުރަށް އައިލީންއާ ޖަދަލުކުރާކަށް ނޫޅުނެވެ. މައިރާ އާދޭތޯ ފަހަތް ބަލައިލުމެއްވެސްނެތި އަވަސް ފިޔަވަޅުތަކެއްގައި އެގެއިން ނުކުތެވެ. ގޭގެ އިންފާރު ކައިރީގައި ބަހައްޓާފައިހުރި ސައިކަލާ އަރައި ހަމަވުމުން ޖީބުގައި އޮތް ތަޅުދަނޑި ނެގިއެވެ. އެ ތަޅުދަނޑި ސައިކަލުގެ ތަޅުވަޅާ އަމާޒުކޮށްލުމުގެ ބަދަލުގައި އަތުގެ ތެރޭގައި ބޮނޑިކޮށްލުމަށްފަހު މުށްކަވައިލި އަތުގެ ދެތިން ހަމަލާ ފާރާ އަމާޒުކޮށްލި އެވެ. އެއީ ވެފައިހުރި ދެރައިގެ މައްޗަށް ކުރިހޯދަން އޭނާ ޚިޔާރުކުރި ގޮތެވެ. އޭނާ ހުއްޓައިލީ އެވަގުތު ގެއިން ނުކުތް މައިރާ އޭނާއަށް ގޮވައިލުމުންނެވެ.
"ޝޯން؟ މޮޔަވީތަ؟ އަރ ޔޫ ރިއަލީ ދިސް ޕެތެޓިކް؟" ޝާވިންގެ ގާތަށް ހުއްޓިލަމުން މައިރާ އަހައިލި އެވެ.
"އަހަރެންނަކަށް ނޭނގޭ ތި ކިޔާ އެއްޗެއް" ހުށިޔާރުކަމާއެކު މޫނުމަތީގައިވި ހިތާމައިގެ ކުލަވަރު ޝާވިން ފޮރުވައިލި އެވެ.
"ނޭނގޭކަމަށް ހެދެނީނު ތިއީ. އަހަރެންނަށް އެނގެޔޭ ޝޯން ލައިކްވާކަން ލީންދެކެ. އިވާން އަހަރެންގާތު ބުނި. އެންޑް ބިފޯރ ޔޫ ސޭ އެނީތިންގް ޔެސް. އައި ނޯ ޝޯންއަށް އަހަރެން އިވާންއާ ޑޭޓް ކުރާކަންވެސް ޝޯންއަށް އެނގޭކަން" މައިރާ ބުންޏެވެ.
"ކީކޭ ކިޔަން ތި އުޅެނީ؟" ސައިކަލަށް އަރައި ހަމަޖެހިލަމުން ޝާވިން އަހައިލި އެވެ.
"ބުނަން މި އުޅެނީ.. ޝޯންގެ އަމިއްލަ ނަފްސަށް ތިހެން ގެއްލުން ދޭވަރުގެ އެއްޗެއް ލީން އަދި ޝޯންއާ ދިމާލަށް ބުނީކީވެސް ނޫނޭ.. އަހަރެންނަށްވެސް އެނގޭ ދެންމެ ލީން ވާހަކަދެއްކީ ރުޅިއައިސްފަކަން އެކަމަކު އެ ވެދާނެ ދޯ މިއަދު ހަމަ މޫޑް ގޯސް ދުވަހަކީ ކަމަށްވެސް. ކޮބާ ތިހެން ކަންތައް ކުރުމުގެ ބޭނުމަކީ" ސައިކަލުގެ ހުންގާނުގައި އަޅުވާލެވިފައި އޮތް ޝާވިންގެ ލޭކޮށިފައިވާ އަތަށް ނަޒަރެއްދެމުން މައިރާ ބުންޏެވެ.
"އައި ޑޯންޓް ނޯ މައި އައި ޑޯންޓް ނޯ! އަހަރެން ކިހާ ވަރަކަށްތަ މި މަސައްކަތް ކުރަނީ؟ އަދިވެސް ކުރިއެރުމެއް ނުފެނެޔޭ. ލީން އަހަރެން ބަހައްޓާފަހުރި ފްރެންޑް ޒޯނުން ބޭރަށް ނުކުމެވޭނެ ގޮތެއް ހޯދާ ހޯދާ އަހަރެންގެ ބޯ އެބަ ގޮވާ" ޝާވިން އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލަމުން ޝާވިން ބުންޏެވެ.
"ލީންއަށް އަދި ވަގުތު ދީ ޝޯން.. ޝީ އިޒް އޮންލީ ޓްވެންޓީއެއްނު" މައިރާ ބުންޏެވެ.
"އެނގެޔޭ އެކަމަކު ބިރުގަންނަނީ. އިވާންގާތު ކިތަންމެ ޔަގީންވެފަ ވާހަކަދެއްކިޔަސް ވަރަށް ވަރަށް ބިރުގަނޭ.. އަހަރެން މާ ލަސްވިއްޔާ އަހަރެންނަށް ލީން ގެއްލިދާނެތީ" ޝާވިން ބުންޏެވެ. މައިރާއަށް ރައްދުދޭނެ ގޮތެއް ނޭނގިފައި ހުރެވުނީއެވެ. މެޗު އޮތް ދުވަހު އައިލީންއާ ދެކެވިދިޔަ ވާހަކަތަކާމެދު މައިރާއަށް ވިސްނައިލެވުނެވެ. އައިލީންގެ ހިތް މިހާރު އެހެން މީހެއްގެ މައްޗަށް ދޫވެއްޖެކަން އެނގުނުނަމަވެސް އެވާހަކަ ޝާވިންގާތު ބުނާނީ ކޮން ދުލަކުން ކަމެއް މައިރާއަކަށް ނޭނގުނެވެ. މިހާރުވެސް މާ ލަސްވެއްޖެއޭ ބުނާނެ ގޮތެއް ނޭނގުނެވެ. "ދެން އަޅާނުލާ.. ހިނގާ އިވާން އެބުނި ކަންތައް މިރޭ ނިންމާލަން" އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލުމަށްފަހު ޝާވިން ބުންޏެވެ.
----
އިވާން އަންނާނެ އިރެއްގެ އިންތިޒާރުގައިހުރެ ބެލްކަނީގައި ދެކޮޅަށް ކުރުކާލި ކަނޑަމުންދިޔަ މައިރާ އަނެއްކާވެސް ފޯނުން ގަޑި ބަލައިލިއެވެ. މިހާރު މެންދަމުން އަލިވެ ދޭއްޖަހައިފިއެވެ. އިވާން ދުށުމަށް ބޭގަރާރުވެފައިވާ މައިރާގެ ދެލޮލަކަށް ނިންޖެއް ނާދެ އެވެ. ވަރުބަލިކަމެއްނެތި ކުރަމުންދިޔަ އިންތިޒާރަށް ނިމުމެއް އައީ ގޭގެ މައި ދޮރާށި ހުޅުވައިލުމަށްފަހު އެތެރެއަށްވަތް އިވާން ފެނުމުންނެވެ. މައިރާ ނިކަން އުފާވެފައި ހަނާ އަޅައިލި ނަމަވެސް އިވާން އިސްއުފުލާލައި ބަލައިނުލީތީ އެ މަންޒަރެއް ނުފެނުނެވެ. މައިރާ ފޫހިގޮތަކަށް ތުން އަނބުރައިލުމަށްފަހު އިވާންއަށް ކޮޓަރިއާ ހަމައަށް ދެވެންދެން މަޑުކޮށްލި އެވެ. ޖެހިގެންހުރި ބެލްކަންޏަށް އިވާންގެ ކޮޓަރީގެ އަލި އެޅުމާއެކު މައިރާ ސިކުންތެއްވެސް ލަސްނުކޮށް އިވާންއަށް ފޯނު ކުރި އެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އިވާން ފޯނު ކަންފަތުގައި ޖަހާލައިގެންހުރެ ބެލްކަންޏަށް ނުކުތެވެ. މީގެ އިރުކޮޅެއްކުރިން އޭނާ ލައިގެންހުރި ގަމީސް މިހާރުވަނީ ގަޔާ ވަކިކޮށްލެވިފަ އެވެ. މައިރާ ފެނުމާއެކު ރީތި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ފޯނު ކަނޑައިލި އެވެ.
"އާދެބަ.." އަތް ދަމައިލަމުން އިވާންގާތު މައިރާ އެދުނީ އެ ބެލްކަންޏާ ކައިރިއަށް އައުމަށެވެ. އިވާން އައިސް މައިރާގެ އަތުގައި ހިފައިލުމުން މައިރާ ބެލްކަނީގެ ރެއިލިންގައި ފައި އަޅުވައިލި އެވެ. މައިރާ ކުރަން މިއުޅެނީ ކީއްކަން ނަގައިގަނެވުނު ހިނދު އިވާންގެ ފަރާތުން ލުއި ހީނލުމެއްގެ އަޑު އިވުނެވެ. ކުރީ ރެއެކޭވެސް އެއްފަދައިން އިވާންގެ އެހީއާއެކު މައިރާ އެ ބެލްކަނީގެ ތެރެއަށް ފުންމައިލި އެވެ.
"ގުޑް ޖޮބް ކޮޕް.. ޔޫ ކޯޓް މީ އަގައިން" އިވާންގެ ކޮނޑުގައި ދެތިން ފަހަރަކު ޖަހައިލަމުން މައިރާ ބުންޏެވެ.
"ޔޫ އަރ ސޯ ކިއުޓް" މައިރާގެ ނޭފަތުގެ ކުރީގައި މަޑުމަޑުން ހިފައިލަމުން އިވާން ހެވިފައިހުރެ ބުންޏެވެ. އެދެމެދުގައިވާ ޖާގަ ނައްތައިލަމުން މައިރާ އިވާންގެ ގައިގައި ބައްދައިލި އެވެ. އެއީ މައިރާ އިސްވެ އެފަދަކަމެއް ކުރި ފުރަތަމަ ފަހަރުކަމުން އިވާންއަށް ހިނދުކޮޅަކު ހުއްޓުން އަރާފައި ހުރެވުނު ނަމަވެސް ފަޅި ސުކުންތެއްގެ ތެރޭގައި އޭނާވެސް މައިރާގެ މެދުހަށީގައި ދެއަތް ވަށައިލުމަށްފަހު މައިރާގެ ކަނދުރާގައި މޫނު ފޮރުވައިލި އެވެ.
"ގޯޝް އައި ކުޑް ގެޓް ޔޫސްޑް ޓު ދިސް" މައިރާގެ އިސްތަށިގަނޑުން ދުވި ލުއިލުއި މީރުވަސް ނޭފަތުގައި ޖެހުމާއެކު އިވާން ފުންނޭވާއެއް ދަމައިލިއެވެ. "މަސައްކަތް ނިންމާލާފަ އައިމަ ތިގޮތަށް ހަގެއް ދެންޏާ ސައުވީސް ގަޑިއިރު ހުއްޓާނުލާވެސް މަސައްކަތް ކުރެވިދާނެ" މިނެޓެއްހާއިރަށް ދެމިގެންދިޔަ ވަގުތުކޮޅަކަށްފަހު މައިރާ އިވާންއާ ދުރުވެލުމުން އިވާން ބުންޏެވެ.
"އަދިވެސް ގިނައިރު މަސައްކަތް ކުރާ ވާހަކައެއްނު ތި ދައްކަނީ.. އަހަރެންނަށް ދޭނެ ވަގުތެއް ނެތް ދޯ؟ އެއްފުރާޅެއްގެ ދަށުގައޯ މި އުޅެވެނީ.. އެކަމަކު އިވާން އަހަރެންގެ ލޮލަށް ނުފެންނަތާކު އަޑު ނީވޭތާތާވެސް މިހާރު ތަރޓީ-ޓޫ އަވާޒް ވީ" މައިރާ ޝަކުވާކުރި އެވެ.
"ރުޅި އައީތަ؟" އިވާން މައިރާގެ އަތުގައި ހިފައި ގާތަށް ދަމައިލިއެވެ. "އައި މިސްޑް ޔޫ ޓޫ އޭ… މަޑު ކުރައްޗޭ އެބަ އަންނަން އެނގޭ. މައިއަށް ދައްކަންޖެހޭ އެއްޗެއް އެބައޮތް" މައިރާ އެތަނުގައި ބަހައްޓާފައި އިވާން ވަނީ ކޮޓަރިއަށެވެ. އިވާން ކުރަނީ ކީއްތޯ ބަލައިލަން މައިރާ ދޮރުން އެތެރެއަށް ބޯ ދިއްކޮށްލި ނަމަވެސް ހުއްދަނެތި ކޮޓަރީގެ ތެރެއަށް ވަންނާކަށް ނުކެރުނެވެ.
"ބަލާބަ" އިވާން އައިސް މައިރާގެ އަތަށް ދިނީ ފުލުހުންގެ ނިޝާނެއް ޖަހާފައިވާ ހަރުކަރުދާހުގެ ފޯލްޑަރެކެވެ. ވާނުވާ ނޭނގިފައިހުރެ މައިރާ އެ ފޯލްޑަރު ހުޅުވައި ބަލައިލި އެވެ. އަދި އޭގައި އޮތް ސެޓްފިކެޓުގައިވާ ލިޔުން ކިޔައިލި އެވެ.
"ވަޓް؟ ޔޫ ގޮޓް އަ ޕްރޮމޯޝަން؟ ކޮންގްރެޓްސް އިވާން.. މިއީ މިރޭތަ؟" މައިރާގެ މޫނުމަތި ވަގުތުން އުޖާލާވި އެވެ.
"ހްމްމް. ސީޕީ މިކޮޅަށް އައިސްފަ ބައެއް މީހުންގެ ރޭންކް މަތިކޮށްދޭ ގޮތަށް ހަމަޖެހިފަ އޮތީ.. އެ ހަފްލާގެ ކަންތަކާ އުޅުނީމަ ކުޑަކޮށް ބިޒީވީ.. އަދި އެބައޮތް އެހެން ހަބަރެއްވެސް. މައި މާބޮޑަށް އުފާވާނެ ކަންނޭނގެ އެ ހަބަރު އިވިފަ" ފަޓުލޫނުގެ ދެޖީބަށް އަތްޖަހާލައިގެންހުރެ ބެލްކަނީގެ ރެއިލިންގައި ލެގިލަމުން އިވާން ބުންޏެވެ.
"ކޮން ހަބަރެއް؟ ދެން ހިތް ނުތަޅުވާ ބުނެބަލަ" މައިރާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އިވާން ވަގުތުން މައިރާގެ އުޅަނބޮށީގައި ހިފައި އޭނާއާއި ގާތަށް ދަމައިލަމުން އަނެއްއަތުގެ ޝަހާދަތް އިނގިލި މައިރާގެ ތުންފަތުގައި ޖައްސައިލީ އަޑުމަޑު ކުރާށޭ ބުނާ ފަދައަކުންނެވެ.
"މާލެއަށް ޓްރާންސްފާ ވާން މި އުޅެނީ.. މިބުނީ.. މިއަދު އެޕްލައި ކޮށްފިން ޓްރާންސްފާއަށް.. ލިބޭނެކަން ޔަގީން.. އެކަމަކު ދުވަސްކޮޅެއް ނަގާނެ.. ފަހަރެއްގާ ދެތިން މަސްވެސް ނަގާފާނެ.. ގުޑް ނިއުސް އިޒް މައިގެ ކޯސް ނިންމާފަ އަންނައިރު އަހަރެން ހަމަގައިމުވެސް ހުންނާނީ މާލޭގަ" އިވާންގެ އަޑުގައިވި އުފާވެރިކަން ސިއްރެއްނުވި އެވެ. އެމީހުންގެ ގުޅުމާމެދު އިވާން ކުރާ ދުރު އުއްމީދުތަކުގެ ވާހަކައިވި މައިރާގެ ހިތުގައި ރިއްސައިލިއެވެ. އޭނާ ހުރީ އެ ވާހަކައަށް ރައްދު ދޭނެގޮތެއް ނޭނގިފަ އެވެ.
"ކިހިނެއްވީ އެއްޗެކޭ ނުބުނީ؟ ވެއިޓް.. މާ ބޮޑަށް ސަޕްރައިޒް ވީ ދޯ އިއްޔެ މަލް މިރަށަށް އަންނަ ވާހަކަ ދައްކާފަ މިއަދު އަހަރެން މާލެ ދާ ވާހަކަ ދެއްކީމަ" މިފަހަރު މައިރާއަށް ސިހުން ލިބުނީ އިވާން ދެއްކި ވާހަކައަކުން ނޫނެވެ. އެ ވާހަކައިގެ ތެރެއިން އިވުނު ނަމަކުންނެވެ.
"މަ- މަލް؟" އިވާންއަށް ބުނެވުނީ ކީކޭކަން ރޭކައިލީ މައިރާ އެހެން އެހުމުންނެވެ. މިއަދު މަލަކްގެ ވާހަކައެއް ޝާވިންއާ ދައްކާފައި އައުމުން އޭނާގެ ދޫ އޮޅުނީ އެވެ.
"ސޮރީ.. ދޫ އޮޅުނީ.. މައި.. މައި މިރަށަށް އަންނަން ކިޔާފަ މިހާރު އަހަރެން މާލެ ދާތީ ސަޕްރައިޒް ވި ދޯ އޭ އަހަރެން ބުނީ. ދެން އަޅާނުލާ..މުޅިރޭ މިތާ ކޮޅަށްތަ ތިބޭނީ.. އާދެބަ އިށީނދެލަން" އިވާން ބެލީ މައިރާއަށް ކަމެއް ޝައްކުވުމުގެ ކުރިން އެހެން ދިމާލަކަށް ސަމާލުކަން އަނބުރައިލެވޭތޯ އެވެ. މައިރާ ގޮވައިގެންގޮސް ބެލްކަނީގެ ކަނުގައި ބަހައްޓާފައިހުރި އެއް ޖާގައިގެ ޖޯލީގައި އިށީނދެ އިވާން އޭނާގެ އުނގުގައި މައިރާ ބައިންދައިލި އެވެ. އަދި އިސްޖެހިފައިވި މައިރާގެ މޫނަށް ބަލަން އިނދެ އިވާން ލަސްލަހުން މައިރާގެ އިސްތަށިގަނޑާ ކުޅެމުންދިޔަ އެވެ.
"އިވާން.. މާލެ ގޮސްފަ އިވާން އަހަރެންނަށް ނުގެއްލެއްޗޭ" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު މައިރާ ބުންޏެވެ.
"މައި ދައްކާ ވާހަކަ.. އަހަރެން ކޮންތާކަށްތަ ގެއްލޭނީ" އިވާންގެ ފަރާތުން އިވިލީ ލުއި ހީނލުމެއްގެ އަޑެވެ.
"ދެން ނޭނގެއެއްނު. އަހަރެން ކޯސް ނިންމާފަ އަންނަންވާއިރަށް އިވާން އެހެން ކުއްޖަކު ނުހޯދާނެކަމެއް" މައިރާ ތުން ދަމާލައިގެން އިނދެ ބުންޏެވެ.
"ބަލަ މިހާ ދުވަހުވެސް ކުއްޖަކު ނުހޯދާ މިހިރީ ތި ސްޕެޝަލް ކުއްޖާއާ ދިމާވަންދެން ދޯ.. ދެން ތިކުއްޖާ ލިބުނީމަ ކީއްކުރަން އެހެން ކުއްޖަކު ހޯދަންވީ.." އިވާންގެ ޖުމްލައާއެކު މައިރާއަށް އިސް އުފުލައިލުމަށްފަހު އިވާންއާ ހަތަރުކަޅި ހަމަކޮށްލެވުނީ އެއީ ކިހާވަރުގެ ދޮގެއްކަން އޭނާއަށް އެނގޭތީ އެވެ.
"އަހަރެންނަށް ހާދަ ގަބޫލު ނުކުރެވެޔޭ އިވާން މިހާ ދުވަސްވިއިރު ކުއްޖަކާ ނުގުޅި ހުންނާނެ ކަމާމެދު. ހަމަ އެންމެ އެކްސްއެއްވެސް ނުހުރޭތަ؟ މާމަ ބުނި އަޑު އެހިން.. ސްކޫލުގަ އުޅުނު އިރުވެސް އަބަދު ދެތިން ކުއްޖެއްގެ އަތުގަ ހިފައިގެނޭ އުޅެނީ" މައިރާ ސުވާލުކުރީ ސަމާސާ ޒާތަކަށް ނަމަވެސް އޭނާ ހުރީ އެ ސުވާލުގެ ޖަވާބު އެނގެން ނުހަނު ބޭނުންވެފަ އެވެ.
"އަހަހަހަހަ. ތި ދައްކަނީ ޕްރީ ސްކޫލް ޒަމާނުގެ ވާހަކައެއްނު" އިވާން ހިނިގަނޑެއް ޖަހައިލުމަށްފަހު މައިރާއާ ދުރަށް ނަޒަރު ހިންގައިލި އެވެ.
"ދެން އެހެނެއްނޫނޭ މިބުނީ.. ވަރަށް ފޫހިވޭ.. ކޮންމެ ކަމެއް ސަމާސާއަކަށް" މައިރާ ފޫހި ގޮތަކަށް ތުން އަނބުރައިލި އެވެ.
"އަހަހަހަ.. އަހަރެން ސަމާސާ ކުރަންވެސް ރުޅިއަރުވަންވެސް ހުރި މީހަކީ ތީއެއްނު.. އެކަމަކު މައި ތިހާ ސީރިއަސް ވަންޏާ ބުނެފާނަން.. މައިގެ ކުރިންވެސް އަހަރެން ކުއްޖަކާ ވާހަކަދެއްކިން" އިވާން އެއްބަސްވިއެވެ. މައިރާއަށް އެއްވެސް ކަމެއްގެ ހަގީގަތް އޮޅުވާލާފައި ބޭއްވުމަކީ އޭނާ ބޭނުން ގޮތެއް ނޫނެވެ.
"މީގެ އަހަރެއް ދެ އަހަރެއްވަރު ކުރިން ސަފާޔާގެ އެކަޑަމީއެއްގަ ކޯހެއް ހެދިއިރުވެސް ވާހަކަދެއްކިން ކުއްޖަކާ… އެއީ އެކަމަކު އެކުއްޖާ ހަމަ ބޮލުގަ ކޮށާވަރުން ނުކުޅަދާނަ ވެގެން.. މީޓްވެސް ނުވެ ފޯނުން ވަރަށް ދުވަހު ޗެޓްކުރިން.. ދެން މީޓްވާން ބުނިރޭ... ލެޓްސް ޖަސްޓް ސޭ އިޓް ޑިޑިންޓް ގޯ ވެލް. އަހަރެންނަށްވެސް އެކުއްޖާއާ ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން ކަންނޭނގެ. ބަޓް ޓްރަސްޓް މީ.. އައި ނެވަރ ލައިކްޑް ހަރ.. ނޮޓް އިވަން ހާފް އޭޒް މަޗް އޭޒް އައި ލައިކް ޔޫ.." އިވާން ޔަގީންކަން ދިނެވެ.
"ދެން.. ދެން މިހާރު އެކުއްޖާ ކޮބާ؟" މައިރާގެ ހިތުގެ ތެޅުން ހިނދެއް ހިނދަކަށް ބާރުވަމުން ދިޔަ އެވެ. އިވާންގެ ވާހަކަތަކުން އޭނާގެ ހިތުގައިވި ޝައްކާއި ވަހުމުގެ ބޮޅުފައްޗަށް އިތުރު ބޮޅެއް އިތުރުވި އެވެ.
"ފަހަކުން ހަބަރެއްނުވޭ.. އަހަރެންވެސް ފަހުން ނޫޅެން އޭނަ ހޯދާކަށް. ދެން އިޓް ވޯޒް ނަތިން ސީރިއަސްއޭ މައި" އިވާން ހިކުރީ މައިރާ އޭނާދެކެ ހިތްހަމަ ނުޖެހުނީ ކަމުގައެވެ. "މައި." އިވާން ގޮވައިލި އެވެ.
"ޔެސް.. ޔެސް އަމް މީ.. އަހަރެން ދެން މިރޭ ދަނީ އެނގޭ.. އައިލީންވެސް ހޭލަފާނެ" މައިރާ ބޭނުންވީ އޭނާ އިވާންއަށް އިތުބާރު ނުކުރާކަން އިވާންއަށް ބޭޒާރުވުމުގެ ކުރިން އެތަނުން ދާށެވެ.
"ރުޅިއައީތަ.. ދޮގުހަދަން ބޭނުން ނުވާތީ" މައިރާގެ މޫނުމަތީގައިވި ހާސްކަމުގެ އަސަރު އިވާންއަށް ނެގުނީ މުޅިން އެހެން މާނައެއްގަ އެވެ.
"ނޫނެކޭ ލީން-"
"ދެން އިހަށް މަޑުކޮށް ނުލެވޭނެތަ؟ ލީން ނުހޭލާނޭ.. ލީންއަކަށް ނޭނގޭނެ ނިދާފަ އޮއްވާ މީހަކު ގޮސް ލީންގެ ކަންފަތް ކަނޑާލައިގެން ގެންދިޔަސް. އެހެންނޫނަސް އަސްލު އަހަރެންގެ މައްސަލައެއްނެތޭ މީހަކަށް އެނގުނަކަސް. މިހާ ލޯބި ކުއްޖެއް ސެޓުވީމަ ކީއްކުރަން ސިއްރުކުރަންވީ. މައިއަށް އަދި ޓައިމް ބޭނުންވާނެތީއޭ އަހަރެން އެއްވެސް މީހެއްގާތު މިވާހަކަ ނުދައްކާ މިއުޅެނީ" މައިރާގެ ކޮލުގައި ހިފައިލަމުން އިވާން ބުންޏެވެ. މައިރާ އިވާންއަށް ރައްދުކޮށްލީ ލޯބިން ފުރިގެންވާ ނަޒަރެކެވެ. އިވާންގެ އެ ބަސްތަކާއި އަމަލްތަކާމެދު ނުހަނު ގަޔާވެވިފައި ހުރި ފަދައަކުންނެވެ.
"އިވާން… އަހަރެންގެ މައްސަލައެއް އޮތީކީ ނޫން.. އެނގޭ ކޮންމެ ކަމެއްވެސް ކުރަނީ އަހަރެން ބޭނުންވާގޮތަށްކަން.. ހުރިހާ ފިރިހެނުންވެސް އިވާންހާ ރަނގަޅުނަމަ... ދަ ވަރލްޑް ވުޑް ބީ އަ ބެޓަރ ޕްލޭސް ވިތް މޯރ މެން ލައިކް ޔޫ.." އިވާންއާ ހަތަރުކަޅު ހަމަކުރުން އުނދަގޫވެ މައިރާ އަނެއްކާވެސް އިސް ޖަހައިލި އެވެ.
"ތިބުނާ ރެސްޓް އޮފް ދަ ވަރލްޑް އަހަރެންނަކަށް މެޓަރއެއްނުވޭ. އަހަރެންނަށް މެޓަރ ވާ ހަމަ އެކަނި ކުއްޖަކީ ތިއީ. މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ މައިއަށް ފުލީ އަހަރެންނަށް އެހާ އިތުބާރު ނުކުރެވިދާނެކަން އަހަރެން ގަބޫލުކުރަން.. އެކަން އެނގޭތީ އަހަރެން މި ގުޅުން ލަސްކޮށް ގެންދަންވެސް ބޭނުންވަނީ.. އެހެންނޫންނަމަ އަހަރެން އަސްލު އެހާ ބޭނުންވާ ގޮތެއްނޫން ރައްޓެހިވެގެން މާ ގިނަ ދުވަހު އުޅުމަކީ.. ޔެސް ޔޫ ކޭން ކޯލް މީ އޯލްޑް ފެޝަންޑް އެކަމަކު މައި އޯކޭ ދިނިއްޔާ އަހަރެން މިހާރުން މިހާރަށްވެސް މައިއާ މެރީ ކޮށްފާނަން" އިވާންގެ ވާހަކައިން މައިރާއަށް ލިބުނީ ސިހުމެކެވެ. އިވާން އޭނާދެކެ ހަމަ ހަގީގަތުގައިވެސް އެވަރަށް ލޯބިވޭބާއޭ ހިތުގައި ސުވާލު އުފެދުނެވެ.
"ހަމަ އަސްލު؟ އެކަމަކު އިވާންއަކަށް އަދި އަހަރެން ރަނގަޅަށް ދަސްވެސް ނުވޭނު" މައިރާ ބުންޏެވެ.
"އެއީ ކޮންމެހެން ލާޒިމު ކަމެއްތަ؟ މައި.. އަހަރެން މައިދެކެ ލޯބިވޭ.. ވަރަށް ވަރަށް.." މިފަހަރު އިވާންގެ ދުލުން އިވުނު ޖުމުލައާއެކު މައިރާގެ ހިތުގެ ތެޅުންވެސް ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. އިވާން އޭނާއާމެދު ބަހައްޓާ ގާތްކަމާއި އޯގާތެރިކަމަށް ދެވޭނެ އެންމެ ފުރިހަމަ ނަމަކީ ލޯބިކަން ޙުދު މައިރާއަށްވެސް އެނގެއެވެ. އެހެނަސް އިވާންގެ ދުލުން އެކަމަށް އިގުރާރުވުމުން މައިރާއަށް ކުރެވުނު އިހުސާސް ވަރަށްވެސް ތަފާތެވެ.
- ނުނިމޭ -
ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ