އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައިން ޑޮލަރުން ދޭ ބައި ކަނޑަން އުޅޭ ވާހަކަ ދޮގުކޮށްފި

އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައިން ޑޮލަރުން ދޭ ބައި ކަނޑާލަން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި ފެތުރި ހަބަރު އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ.
ވީ ކިހިނެއް؟ - ސޯޝަލް މީޑިއާގައި ފެތުރި ވާހަކާގައި ބުނެފައި އޮތީ ލޯނު ދައްކަން ޑޮލަރުގެ ބޭނުން މިހާރަށް ވުރެ ރަނގަޅަށް ހިފުމަށް މުވައްޒަފުންގެ މުސާރައިން ޑޮލަރު ބައި އުނިކުރަން ވެރިންގެ ފެންވަރުގައި ވާހަކަ ދައްކާފައިވާ ކަމަށެވެ. އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައިގެ ދެބައި ކުޅަ އެއްބައި ޑޮލަރުން ދޭން ފެށީ ޖީއެމްއާރުން އެއާޕޯޓް ހިންގި އިރު އެވެ. ފަހުން އެމްއޭސީއެލްއިން ވެސް އެގޮތަށް އެކަން އަންނަނީ ކުރަމުންނެވެ.
ތަފުސީލު - ސޯޝަލް މީޑިއާގެ އެ އަޑުތަކާ ގުޅިގެން އެމްއޭސީއެލްއިން ނެރުނު ބަޔާނެއްގައި ބުނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ގެންނަން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި ފަތުރަަނީ ދޮގު ވާހަކައެއް ކަަމަށެވެ.
"މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި މި ކުންފުނީގެ މުވައްޒަފުން ރެޔާއި ދުވާލު ކުރަމުން އަންނަ ބުރަ މަސައްކަތަށް ހުރަސްއެޅުމަށާއި މި ކުންފުންޏާ މެދު މުވައްޒަފުންގެ އިތުބާރު ގެއްލުވާލުމަށްޓަކައި ގަސްތުގައި ފަތުރަމުން އަންނަ ހަގީގަތާ ޚިލާފު ވާހަކަތަކެކެވެ،" އެ ބަޔާނުގައި ބުންޏެވެ.
"މިފަދަ އެއްވެސް ކަމެއް ކުރުމުގެ އެއްވެސް މަޝްވަރާއެއް އެއްވެސް އިރެއްގައި މި ކުންފުނިން ކޮށްފައި ނުވާ ކަމާއި އެފަދަ ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއް މި ކުންފުނިން ނުގެންގުޅޭ ވާހަކަ ދަންނަވަމެވެ."
އެމްއޭސީއެލްއިން ބުނީ މިހާރު ވެސް މުސާރަ އާއި އިނާޔަތްތައް ދެމުން އަންނަ އުސޫލާއި ހަމަތަކަށް އެއްވެސް ބަދަލެއް ނުގެނެސް ކުރިއަށް ދާނެ ކަމަށެވެ.
"މި ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމުގައި ވާހިނދު، މި ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ ކުންފުނީގެ މުއައްޒަފުންގެ ލާބަ އާއި މަންފާއަށްޓަކައި ކަމަށް ވެސް މި ފުރުސަތުގައި ޔަގީންކޮށް އަރުވަމެވެ،" ބަޔާނުގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ