ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް، ބަލިތައް ފެތުރޭ މިންވަރު އިތުރުވެފައިވާތީ ހުން އައުމާއި ބައްޔެއްގެ އެއްވެސް އަލާމާތެއް ފެންނަނަމަ ބޭރުތެރެެއަށް ނުނުކިތުމަށާއި ހަރަކާތްތަކުގައި ބައިވެރިނުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން މިއަދު އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެޗްޕީއޭން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިދުސްވަރު ޑެންގޫ، އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާ ފަދަ ބަލިތައް ފެނުން އިތުރުވެފައިވާ ކަމަށެވެ. އަދި، މާލެ ސަރަހައްދުން ހިމަ ބިހީގެ ކޭސްތަކެއް ވެސް ފެނިފައިވާތީ ބަލިތައް ފެތުރުން ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށް ބުންޏެވެ.
ބުނީ ކީކޭ؟ - "މީގެ އިތުރުން ކުރިއަށް އޮތީ އީދު ބަންދު ދުވަސްވަރު ކަމުން ރާއްޖެއިން ބޭރާއި އަތޮޅުތެރެއަށް ދަތުރުކުރުން އިތުރުވުމާއި ގޭގެއަށް ޒިޔާރަތްކުރުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރުވެގެންދާނެތީ ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމެވެ،" އެޗްޕީއޭގެ ބަޔާނުގައިވެ އެވެ.
ބަލިތަކުން ރައްކާތެރިވެތިބުމަށްޓަކައި ސަމާލުކަން ދޭންވީ ކަންކަން ވެސް އެޗްޕީއޭން ފާހަގަކުރި އެވެ. އޭގެތެރޭގައި:
ހުން އައިސް ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމަތްތައް ފެންނަ ނަމަ ގޭގައި މަޑުކުރުމާއި އާންމު އެއްވުންތަކާއި ހަރަކާތްތަކުގައި ބައިވެރިނުވުން
ހާލަތު ގޯސްވާނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުމާއި ފަރުވާ ހޯދަން ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިއުން
އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުން
ހިބަ ބިހަށް ޝައްކުވެގެން ޓެސްޓު ހަަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވުން
ދަތުރުފަތުރުކުރުމަށް ދާއިރާއި އާންމުކޮށް މީހުން ގިނައިން އެއްވެ އުޅޭ ބަންދު ތަންތަނުގައި މާސްކު އެޅުން
ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއެކު ބަލިން ރައްކާތެރިވުމަށް އަދި ބޮޑުވަރުވިޔަ ނުދިނުމަށް ވެކްސިން ފުރިހަމަކުރުން
މަދިރިން ރައްކާތެރިވުމަށް މަދިރި ލޯޝަން ބޭނުންކުރުމާއެކު ނިވާކަން ބޮޑު ހެދުން އެޅުމާއި މަދިރިއަށް ވަދެވޭގޮތަށް ހުންނަ ތަންތަން ބަންދުކުރުން؛ އަދި މަދިރި އާލާވާ ތަންތަން ނައްތާލުން
ބަލިތައް ފެތުރުން އިތުރުވެފައިވާކަމަށް އެޗްޕީއޭން ބުނިއިރު، މިފަހަރުގެ އީދު މާލޭގައި ވެސް ކުލަގަދަކޮށް ބޭއްވުމަށްޓަކައި ގިނަ ހަރަކާތްތަކެއް އޮތީ ރާވާފަ އެވެ. މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށާއި ބަލާލަން ގިނަ ބަަޔަކު އީދުގައި އެއްވެ އެވެ.
އެނގުން މުހިންމު - ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ހިމަބިހި(މީސަލްސް)ގެ ކޭސްތަކެއް މިފަހުން ރާއްޖެއިން ވަނީ ފެނިފަ އެވެ.
ވަރަށް ފަސޭހަކަމާ އެކު ގައިންގަޔަށް އަރާ އެ ބަލީގެ ކޭސްތަކުން، ޖުމްލަ 74 އަށް ވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެޗްޕީއޭން ވަނީ ބުނެފަ އެވެ.
ބަލިތައް ފެތުރުން އިތުރު؛ އީދު ބަންދުގައި ސަމާލުވާން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ