ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ކިޔަން އެއާޕޯޓަށް ދިޔަ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހަތް މުވައްޒަފަކު ވަޒީފާއިން އެކަހެރިކޮށްފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ސަސްޕެންޑު ކުރީ ގއ. މާމެންދޫއަށް ނިސްބަތްވާ ހަތް މީހެކެވެ. އެމީހުން 14 ދުވަހުގެ މުއްދަތަކަށް ވަޒީފާއިން އެކަހެރިކޮށްފައިވާކަން މިއަދު ވަނީ އަންގައިފަ އެވެ. ސަސްޕެންޑު ކުރީ މިފްކޯގައި މަސައްކަތް ކުރާތާ އެތައް އަހަރެއް ވެފައިވާ މުވައްޒަފުންނެވެ.
އެއާއެކު، ސިޔާސީ ކަމެއްގައި މިހަފުތާގެ ތެރޭގައި ވަޒީފާއިން ވަކިކުރި/ސަސްޕެންޑު ކުރި މީހުންގެ އަދަދު ހަތަކަށް އެރީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އިންތިހާބު ކާމިޔާބު ކުރި އަބްދުﷲ ސޯދިގު (ސޯބެ) އާއެކު ފޮޓޯއެއް ނެގި މައްސަލައިގައި މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ސޯބެއަށް ކެމްޕެއިންކޮށްދިން ކަމަށް ބުނެ ވެމްކޯގެ މުވައްޒަފަކު ވެސް ވަނީ ވަކިކޮށްފަ އެވެ. އަދި އެ ކުންފުނިން ގާނޫނާ ހިލާފަށް ޕެންޝަންގެ ފައިސާ ހިފަހައްޓާތީ މުޒާހަރާ ކުރި ދެ މީހަކު ވެސް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.
އޭގެ އިތުރުން، ނަޝީދަށް ގދ. ފިޔޯރީން މަރުހަބާ ކިޔަން ނުކުތް ބަޔަކަށް ވެސް ސަރުކާރުން ވަނީ ވަޒީފާގެ ބިރު ދައްކައިފަ އެވެ. އެ މައްސަލައިގައި ނަޝީދު ވަނީ ސަރުކާރަށް ރައްދެއް ދެއްވައިފަ އެވެ.
"މާލެއިން މި އަންގަނީ ކައުންސިލަށާއި ފިޔޯރީ ރައްޔިތުންނަށް އަޅުގަނޑުމެންނަށް މަރުހަބާ ކިޔަން ނުކުމެގެން ނުވާނޭ. ދެން އެވަރުން ވެސް ފިޔޯރީ މީހުން ނުކުންނާނެތާ، ނުކުތީމާ ރަށުގައި ތިބި ސަރުކާރުގެ މީހުން އަތިރިމައްޗަށް ނުކުމެ ތިބި މީހުން ގެންގޮސް މި ގޭގެއަށް ވައްދަނީ،" ނަޝީދު ވިދާޅުވި އެވެ
ސަރުކާރުން ވަޒީފާގެ ބިރު ދައްކާތީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.
"ޑިމޮކްރަސީ ގަބޫލުނުކުރާ މުއިއްޒުގެ ސަރުކާރުން ސޯބެ ކެމްޕޭނުގައި އުޅުނު މުވައްޒަފުން ވަކިކުރުމަކީ ކަންބޮޑުވުމެއް. އަދި ވެމްކޯއިން ޕެންޝަން ފައިސާ ޖަމާނުކުރާތީ ހައްގުުތައް ހޯދުމަށް އަޑުއުފުލި ދެ މުވައްޒަފަކު ވެސް ވަނީ މި އަނިޔާވެރި ސަރުކާރުން އަންގައިގެން ވަޒީފާއިން ކަނޑާލާފައި،" އޭނާ ވިދާޅުވި އެވެ.
ވަޒީފާގެ ބިރު ދެއްކުން އިތުރުވެ ނަޝީދަށް މަރުހަބާ ކިޔަން އެއާޕޯޓަށް ދިޔަ ހަތް މީހަކު ކޫއްޑޫގެ ވަޒީފާއިން އެކަހެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ