އިންސްޓަގްރާމް ގްރިޑްގެ ތަރުތީބު ބަދަލުކުރެވޭ ފީޗާ އާންމުކޮށްފި

އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށް އެ މީހެއްގެ ޕްރޮފައިލް ގްރިޑްގައި ހުންނަ ފޯސްޓްތައް ބޭނުން ގޮތަކަށް ފަރުމާކޮށް، ތަރުތީބުކޮށްލުމުގެ ފުރުސަތު މެޓާ އިން އެންމެ ފަހުން ހުޅުވާލައިފިއެވެ. މިއީ އިންސްޓަގްރާމްގެ ވެރިޔާ އެޑަމް މޮސޭރީ މިފަދަ ފީޗާއެއް ތައާރަފްކުރާނެ ކަމަށް އިއުލާނުކުރިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން ދުނިޔޭގެ ހުރިހާ ހިސާބަކަށް އާންމުކުރި ފީޗާއެކެވެ. މެޓާ އިން ހާމކުރި ގޮތުގައި މިއީ ގިނަ ބަޔަކު އެދެމުންދިޔަ، އަދި ފުރިހަމައަށް ތައްޔާރުކުރުމަށްޓަކައި ގިނަ ދުވަސްތަކެއް ހޭދަވި ފީޗާއެކެވެ. މި އައު ފީޗާގެ އެހީގައި، ފޯސްޓްތައް ކުރި ތާރީޚަށް ބެލުމެއްނެތި، ޕްރޮފައިލްގެ ކޮންމެ ދިމާލަކަށްވެސް ފޯސްޓްތައް ބަދަލުކޮށްލުމުގެ އިޚްތިޔާރު ޔޫޒަރުންނަށް ލިބެއެވެ. މި ބަދަލާއެކު، ކުރިން ހަމައެކަނި ފޯސްޓް ކުރާ ތަރުތީބުން ފެންނަން ހުންނަ ގްރިޑް، މިހާރު ތިމާ ބޭނުންވާ ޚާއްސަ ތީމަކަށް ނުވަތަ ރީތި "އެސްތެޓިކް" ޑިޒައިނަކަށް ފެންނާނެހެން ބަދަލުކޮށްލުމުގެ ފުރުސަތު ލިބިގެންދެއެވެ. https://sun.mv/222814 ޕްރޮފައިލްގެ ތަރުތީބު ބަދަލުކުރުމަށްޓަކައި، ފުރަތަމަ ތިމާގެ ޕްރޮފައިލް ސަފުހާ އަށް ދިއުމަށްފަހު ކޮންމެސް އެއް ފޯސްޓަކަށް ފިއްތާލައިގެން (ލޯންގް ޕްރެސް) ހިފަހައްޓާލަން ޖެހެއެވެ. އޭރުން މީގެ ކުރިން ފެންނަން ހުންނަ "ޕިން ޓު މެއިން ގްރިޑް" އަދި "އާކައިވް" ގެ އިތުރުން "ރީއޯޑާ ގްރިޑް" ގެ ނަމުގައި އައު އޮޕްޝަނެއް ފެންނާނެއެވެ. ދެން އެ އޮޕްޝަނަށް ފިއްތާލުމުން ހުޅުވޭ އައު ވިންޑޯއެއްގައި، ފޯސްޓްތަކުގައި ހިފައި ދަމާލައިގެން (ޑްރެގް ކޮށްގެން) ބޭނުން ތަރުތީބަކަށް ފޯސްޓްތައް އަތުރާލެވެއެވެ. މިގޮތަށް ތަރުތީބު ބަދަލުކުރިޔަސް ޕްރޮފައިލްގެ އެންމެ މަތީގައި ޕިންކޮށްފައި ހުންނަ ފޯސްޓްތައް ހުންނާނީ ހަމަ އެ ގޮތުގައެވެ. ގްރިޑްގެ ތަރުތީބު ބަދަލުކުރާ ވިންޑޯއިން އެ ފޯސްޓްތައް ފެންނާނީ ކަޅުކޮށް (ބްލެކް އައުޓް ވެފައި) ކަމުން، ޕިންކޮށްފައި ހުންނަ ފޯސްޓްތަކަށް މި ބަދަލުގެ އަސަރެއް ނުކުރާނެއެވެ. މި ބަދަލަކީ އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކުން އެމީހުންގެ ޕްރޮފައިލް ސަފުހާ އިތުރަށް ފުރިހަމަކޮށް، އަމިއްލަ ގޮތްތަކަކަށް ފަރުމާކޮށްލުމަށް ލިބުނު ބޮޑު ފުރުސަތެކެވެ. މީގެ ކުރިން އިންސްޓަގްރާމްގައި ފޯސްޓްތައް ފެންނަން ހުންނަނީ ހަމައެކަނި އެ ތަކެތި ހިއްސާކުރި ތާރީޚީ ތަރުތީބުން (ކްރޮނޮލޮޖިކަލް އޯޑަރުން) ކަމަށްވުމުން، ވަކި ޚާއްސަ ތީމަކަށް ނުވަތަ "އެސްތެޓިކް" ޑިޒައިނަކަށް ޕްރޮފައިލް ބަހައްޓަން ބޭނުންވާ ޔޫޒަރުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން ގްރިޑްގެ ތަރުތީބު ރީތިކޮށް ބެހެއްޓުމަށްޓަކައި ބައެއް ފޯސްޓްތައް ޑިލީޓްކުރަން ޖެހުމާއި ނުވަތަ އާކައިވްކުރަން ޖެހުން ފަދަ ކަންކަން ކުރަންޖެހުނެވެ. މި ފީޗާގެ ސަބަބުން ކުރީގެ ފޯސްޓްތައް ވެސް ބޭނުން ދިމާލަކަށް ދަމާލައިގެން (ޑްރެގް ކޮށްގެން) ފަސޭހަކަމާއެކު އަތުރާލުމުގެ މިނިވަންކަން މިހާރު ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ