ކޮންގޯގައި އެބޯލާ ކޮންޓްރޯލް ނުވެ މަރުވި މީހުންގެ އަދަދު 100 އަށް

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރުސީ) އިން އެބޯލާ ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 101 އަށް އަރައިފި އެވެ.
އެ ގައުމުގެ ސަރުކާރުން ވަނީ ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އިތޫރީ ޕްރޮވިންސްގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކުގެ ސަބަބުން، ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅެމުންދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ހޯމަ ދުވަހު އާންމުކުރި އެންމެ ފަހުގެ ރިޕޯޓުގައި ޑީއާރުސީގެ ސަރުކާރުން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އަލަށް 35 މީހަކަށް ބަލިޖެހިފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި ބަލީގައި އިތުރު 10 މީހަކު ވަނީ މަރުވެފަ އެވެ.
މި އަދަދުތަކާއެކު، އެ ގައުމުން މިހާތަނަށް އެބޯލާ ޖެހުނު މީހުންގެ ޖުމްލަ އަދަދު 550 އަށް އަރާފައިވާ އިރު، ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 101 އަށް އަރާފަ އެވެ.
ޑީއާރުސީގައި "ބުންޑިބުގްޔޯ" ނަމަކަށް ކިޔާ އެބޯލާގެ ވައްތަރެއް ފެތުރެން ފަށާފައިވާކަން ރަސްމީކޮށް އިއުލާން ކުރީ މެއި މަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް، އޭގެ ހަފުތާތަކެއް ކުރިން ބަލި ފެތުރެން ފަށާފައިވާކަން ފާހަގަނުކުރެވި އޮތުމުގެ ސަބަބުން، ބަލި ކޮންޓްރޯލް ކުރުމުގައި ސިއްހީ އިދާރާތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.
މި ބަލިމަޑުކަން ބޮޑަށް ފެތުރެމުންދަނީ ދާޚިލީ ހަމަނުޖެހުންތައް ބޮޑު ތިން ސަރަހައްދެއް ކަމަށްވާ އިތޫރީ، ނޯތު ކީވޫ އަދި ސައުތު ކީވޫގަ އެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެ ތިން ޕްރޮވިންސްގައި 120 އަށް ވުރެ ގިނަ ހަތިޔާރު އެޅި ޖަމާއަތް ހަރަކާތްތެރިވެ އެވެ. މި ސަރަހައްދުތަކުގައި ހަމަނުޖެހުންތައް އިތުރުވަނީ ނަސްލީ ތަފާތުކުރުންތަކާއި، ސިޔާސީ ވާދަވެރިކަމާއި، ކޮރަޕްޝަންގެ އިތުރުން ގުދުރަތީ މުއްސަނދިކަން ހޯދުމަށް ކުރާ ހަނގުރާމަތަކުގެ ސަބަބުންނެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ނެތުމާއި ބަލި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ނުދިނުމަކީ ވެސް ޑީއާރުސީގައި އެބޯލާ ހުއްޓުވުމަށް އޮތް ބޮޑު ހުރަހެކެވެ.
ސަތޭކަ މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ޑީއާރުސީގައި މިހާރު ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމަކީ، 1976 ވަނަ އަހަރު އެންމެ ފުރަތަމަ މި ވައިރަސް ފެނުނު ފަހުން އެ ގައުމުގައި ބަލި ފެތުރުނު 17 ވަނަ ފަހަރެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މެއި މަހުގެ މެދުތެރޭގައި ވަނީ މި ބަލިމަޑުކަމާ ގުޅިގެން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އެ ޖަމިއްޔާގެ ޑައިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ވިދާޅުވީ، ބަލި ފެތުރޭ ސަރަހައްދަކީ މައިނިން މަސައްކަތް ކުރާ އަދި މީހުން ގިނައިން ދަތުރުފަތުރު ކުރާ ސަރަހައްދަކަށް ވުމުން، އެހެން ސަރަހައްދުތަކަށާއި ގައުމުތަކަށް ބަލި ފެތުރުމުގެ ބިރު ބޮޑު ކަމަށެވެ.
މީގެ 20 އަހަރު ކުރިން ޔުގެންޑާގެ ހުޅަނގުން ފެނުނު "ބުންޑިބުގްޔޯ" ވައްތަރަކީ މީގެ ކުރިން އެންމެ ދެ ފަހަރު ފެނިފައިވާ ވައްތަރެކެވެ. 2014 ވަނަ އަހަރު ހުޅަނގު އެފްރިކާގައި 11,300 އަށް ވުރެ ގިނަ މީހުން މަރުވި "ޒައިރޭ" ވައްތަރާ ޚިލާފަށް، ބުންޑިބުގްޔޯ ވައްތަރަށް މިހާތަނަށް އެއްވެސް ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައެއް ނުވެ އެވެ.
މި ބައްޔަށް ތައްޔާރުކުރަމުންދާ ދެ ވެކްސިނެއްގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް، އެ ވެކްސިންތައް އިންސާނުންގެ ހަށިގަނޑުގައި ޓެސްޓުކުރުމުގެ މަރުހަލާއަށް އަދި ތައްޔާރެއް ނުވެ އެވެ.
އަވަށްޓެރި ޔުގެންޑާއިން މިހާތަނަށް 19 މީހަކަށް ބަލިޖެހި، ދެ މީހަކު ވަނީ މަރުވެފަ އެވެ. މީގެ ތެރެއިން ގިނައީ ބޯޑަރު ހުރަސްކޮށް ޔުގެންޑާއަށް އެތެރެވި ކޮންގޯގެ ރައްޔިތުންނެވެ. ޔުގެންޑާއިން ބަލިޖެހުނު އެކަކީ ޔުގެންޑާއަށް ދިއުމުގެ ކުރިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދަތުރުކުރި ކޮންގޯގެ ރައްޔިތެކެވެ.
މި ހާލަތާ ގުޅިގެން ޔޫއޭއީން ވަނީ ޑީއާރުސީ، ޔުގެންޑާ އަދި ސައުތު ސޫދާނުން އަންނަ ދަތުރުވެރިން އެ ގައުމަށް އެތެރެވުން މަނާކޮށްފަ އެވެ. މޮރިޝަސްއިން ވެސް މި ތިން ގައުމުގެ މީހުން އެތެރެވުން މަނާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، ޔުގެންޑާއިން ވަނީ ޑީއާރުސީއާ ގުޅޭ ބޯޑަރު ބަންދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ