ލިލް، ފްރާންސް (ޖޫން 9) - ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗެއްގެ ގޮތުގައި، ޑިޑިއޭ ޑެޝޯމްޕްސް ހުރެ، އެ ގައުމުގައި ކުޅުނު ފަހު މެޗުން، މައިކަލް އޮލީސޭގެ ހެޓްރިކަކާ އެކު 3-1 އިން ނޮދަން އަޔަލެންޑް އަތުން ފްރާންސް މޮޅުވެއްޖެ އެވެ.
ޑެޝޯމްޕްސް، މި ވަގުތު، ފްރާންސް ޓީމުގެ ކޮންޓްރެކްޓްގައި ހުރީ މި މަހު، އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ފަށާ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށެވެ. ޑެޝޯމްޕްސް ވަނީ އެ މުބާރަތަށް ފަހު ފްރާންސް ދޫކޮށްލާނެކަން އިއުލާނުކޮށްފަ އެވެ.
ޑެޝޯމްޕްސް، 2012 ވަނަ އަހަރު ފްރާންސްގެ ކޯޗުކަމާ ހަވާލުވިއިރު، 2018 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2021 ވަނަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބުކޮށްފައިވެ އެވެ. އެންމެ ފަހުން 2022 ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފައިނަލަށް ވެސް ފްރާންސް ގެންގޮސްދިން ޑެޝޯމްޕްސްއާ އެކު 2024 ވަނަ އަހަރުގެ ޔޫރޯގައި ފްރާންސްގެ ނަތީޖާތަށް އެންމެ ރަނގަޅެއް ނޫން ކަމަށް ބުނެ، ޑެޝޯމްޕްސް ވަކިކުރަން ގޮވާލާ އަޑުތައް ގަދަވި ނަމަވެސް ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން އެ ގޮތަށް ނުނިންމަ އެވެ. އަދި، މި ފަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް، 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކެޕްޓަން، ޑެޝޯމްްޕްސް ހުންނަން ފުރުސަތު ދިނީ އެެވެ.
ފްރާންސްގައި ޑެޝޯމްޕްސްގެ ކޯޗުކަމުގައި ކުޅުނު ފަހު މެޗުގައި ރޭ އެ ޓީމުގެ ސަޕޯޓަރުން ވަނީ ގައުމީ ކޯޗެއްގެ ގޮތުގައި ހުރެ ޑެޝޯމްޕްސް ކޮށްދިން ކަންތައްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
އެންމެ ފަހުން ފްރާންސް އިން އައިވަރީ ކޯސްޓާ ދެކޮޅަށް ކުުޅުނު މެޗުން ބަލިވުމުން ރޭގެ މެޗުގައި ނަތީޖާ ނެރެން ޕްރެޝަރު ވެސް އޮތެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅާއި ދެ ވަނަ ހާފުގެ ކުރީކޮޅުގައި އޮލީސޭ ޖެހި ލަނޑުތަކުން ފްރާންސް އިން ދެ ގޯލުގެ ލީޑެއްނެގި އެވެ. އެކަމަކު، ޕެޓްރިކް ކެލީ، 64 ވަނަ މިނިޓްގައި އަޔަލެންޑަށް ލަނޑު ޖަހައިދިނެވެ. އެކަމަކު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 15 މިނިޓަށް ވެފައި ވަނިކޮށް، އޮލީސޭ ވަނީ ތިން ވަނަ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
ރޭގެ މެޗަށް ފަހު، ފްރާންސް އިން ވޯލްޑް ކަޕްގައި ކުޅެން އެމެރިކާ އަށް ދިއުމުގެ މަސައްކަތްތައް ކުރަން ވަނީ ނިންމައިފަ އެެވެ. އަދި، ފްރާންސް އިން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި މި މަހު 16 ވަނަ ދުވަހު ކުޅޭނީ ސެނެގާލްއާ އެވެ.
ފްރާންސްގައި ޑެޝޯމްޕްސްގެ ފަހު މެޗުގައި އޮލީސޭގެ ހެޓްރިކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ