އަހާންގެ ދެވަނަ ފިލްމުގެ ވިލެން އަކީ ބޮބީ؟

ފިލްމު "ސައްޔާރާ"އިން ބެލުންތެރިންގެ މެދުގައި ބޮޑު މަޝްހޫރުކަމެއް ހޯދި ޒުވާން އެކްޓަރު އަހާންގެ ކެރިއަރުގެ ދެވަނަ ފިލްމުގެ މުހިއްމު ރޯލަކުން އެކްޓަރު ބޮބީ ޑިއޯލް ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ޔަޝްރާޖް ފިލްމްސް (ވައިއާރްއެފް)އިން ޕްރޮޑިއުސްކުރާ އަހާންގެ ދެވަނަ ފިލްމަކީ އެ ސްޓޫޑިއޯއަށް އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްދޭ ލޯބީގެ އެކްޝަން ތުރިލާ ފިލްމެކެވެ. ނަން އަދި ހާމަ ނުކުރާ މި ފިލްމުން ބޮބީ ފެނުމުގެ ފުރުސަތު ބޮޑީ ވިލެންއެއްގެ ރޯލްއިން ކަމަށް ބައެއް ރިޕޯޓުތަކުން ބުނި ނަމަވެސް ވައިއާރްއެފުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. މިފަހަކަށް އައިސް ބޮބީ ކުޅުނު ގިނަ ފިލްމުތަކުގައި ފެނުނީ ވިލެންގެ ރޯލްތަކުން ކަމަށްވާތީ އެ ރޯލްތަކަށް ބޮބީ މާ ފިޓް ކަމަށް ބެލުންތެރިން އަންނަނީ ބުނަމުންނެވެ. އަހާން ޕާންޑޭ އަދި ބަތަލާ ޝަރުވަރީ ވާގް--ފޮޓޯ/މިޑްޑޭ ހާއްސަކޮށް ފިލްމު "އެނިމަލް"ގައި ބޮބީ ކުޅުނު ރޯލް ކުޑަ ނަމަވެސް އެ ފިލްމުން ބޮބީ ވަނީ އާއްމުންގެ ސަމާލުކަން އިންތިހާއަށް ހޯދާފައެވެ. އޭގެފަހުން ފިލްމު ޕްރޮޑިއުސަރުންގެ ހުށަހެޅުންތައް ބޮބީއަށް އޮހެމުން އަންނައިރު މުޅިން ވެސް އެކްޓަރަށް ހުށަހަޅާފައި ވަނީ އެފަދަ ވަރުގަދަ ނެގެޓިވް ރޯލްތައް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ މިޑް-ޑޭގައި ބުނެފައިވާ ގޮތުން ޑައިރެކްޓަރު އަލީ އައްބާސްގެ ފިލްމުގައި ބޮބީ ކުޅޭ ރޯލަކީ ވިލެންއެއްގެ ރޯލަކަށް ވުރެ މާބޮޑަށް ވެސް ފުޅާކޮށް ގެނެސްދޭން ނިންމާފައިވާ ރޯލެކެވެ. ފިލްމުގެ ވާހަކަ ކުރިއަށްދާ ވަރަކަށް ބޮބީގެ ރޯލް ވެސް ފުޅާވެ އެއީ ފިލްމަށް ވަރަށް މުހިއްމު ކެރެކްޓާއެއްކަން ބެލުންތެރިންނަށް ގަބޫލުކުރެވޭނެ ކަމަށް ވެސް މިޑް-ޑޭގައި ވަނީ ބުނެފައެވެ. މި ފިލްމުގައި އަހާންއާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ މިހާރުވެސް ބޮބީއާ އެކު ވައިއާރްއެފްގެ ފިލްމެއްގައި މަސައްކަތް ކުރަމުން އަންނަ ޝަރުވަރީ ވާގްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ