ޢުމުރަށް ނުބަލާށެވެ! ސިފައަށް ބަދަލު އަންނަނަމަ ކުރަން އޮތް ފުރަތަމަ ކަންތައް ހަމަ ނޭނގެނީ ހެއްޔެވެ؟

ގިނަވާނީ ދުވާލަކު އެތައްފަހަރު ލޯގަނޑުން މޫނަބަލާ މީހުންނެވެ. ހަމުގައި ރޫޖެހޭވަރު ބަލާމީހުންނެވެ. އެކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފާނަމަ އެއީ ކުރަން ވަރަށް ފައިދާހުރި ކަމެކެވެ. އެހެންވެ މިކިޔައިދެނީ ސިފައަށް ބަދަލުއަންނަނަމަ ޢަމަލުކުރަން އެންމެ ފައިދާހުރިގޮތެވެ. އެކަމަށް ކުރަން އޮތް ކަންތަކުގެ ވާހަކައެވެ.
"ބަދަލު އަންނާތީ ކަންބޮޑުވެ" އެންމެ ގިނަ ބައަކު ދައްކަނީ އެމީހުންގެ ހަށިގަނޑަށް ބަދަލު އަންނަ ކަމުގެ ވާހަކައެވެ. "ބަދަލުކުރުމުގެ" ނަމުގައި އެންމެ ގިނައިން މީހުން ދައްކަނީ ހަށިގަނޑުގެ ސިފަ އާއި ބުރުސޫރަ ބަދަލުކުރުމުގެ ވާހަކައެވެ. އަދި އެންމެ ބޮޑަށް ހޭދަކުރަނީވެސް އެންމެ ބޮޑަށް ގަދައަޅައި މަސައްކަތްކުރަނީވެސް މިކަންކަން ބަދަލުކުރުމަށެވެ.
ނަމަވެސް ކަމުގެ އަޞްލަށް ބަލައިފިނަމަ މިއީ ވަރަށް ބޭކާރު ކަންކަމެވެ. ބަދަލުކުރަންވީ ހިތެވެ. ހިތުގައިވާ ނުބައި ކަންކަމެވެ. މަސައްކަތްކުރަންވީ ހެޔޮ އަމަލުކުރުން އިތުރުކުރުމަށެވެ. ތަޤްވާވެރިކަން އިތުރުކުރުމަށެވެ. އެންމެ ބޮޑަށް މަސައްކަތް ކުރަންވީ ހިތް ޠާހިރު ކުރުމަށެވެ. އެންމެ ކަޅުތިއްކެއްވެސް ހަރުލާފައި އިނަ ނުދިނުމަށެވެ.
އިންސާނުން ކަމަށްވީތީ ކުށް ކުރެވޭނެ އެވެ. ފާފަ ކުރެވޭނެއެވެ. ކޮންމެ ފާފައަކާއިއެކު ހިތުގައި ކަޅު ލަކެއް ޖަހާނެއެވެ. ފާފަ ކުރެވޭ ވަރަކަށް ދާނީ އިތުރުވަމުންނެވެ. ތައުބާވެ ހެޔޮ އަމަލުކުރުމުން އެ ލައް ފޮހެވިގެންދާނެއެވެ. ވީމާ ގަދައަޅައި މަސައްކަތްކުރަންވީ އެންމެ ލަކެއްވެސް ހިތުގައި ހަރުލިއަ ނުދިނުމަށެވެ. ވީމާ ކަންބޮޑުވާންވީ ކުރެވޭ ފާފަތަކާއިމެދުގައެވެ. ބަދަލުކުރަން މަސައްކަތްކުރަންވީ އެމިހާގެ އުޅުމެވެ.
ކޮންމެ އިންސާނަކުވެސް ﷲ ތަޢާލާ އުފައްދަވާފައިވަނީ އެމީހަކު ހުރުމަށް ﷲ ތަޢާލާ އެންމެ ރުހިވޮޑިގަންނަވާ ސިފައިގައެވެ. އުމުރުން ދުވަސްވާވަރަކަށް ސިފަ ބަދަލުވާނެއެވެ. ބަލީގައި އުޅެން ޖެހުމުންވެސް ސިފަ ބަދަލުވާނެއެވެ. އެއީ އެކަން ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާ ގޮތެވެ. ވީމާ އެކަން ބަދަލުކުރަން އުޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ.
އުމުރުން ދުވަސްވުމުން ނަމަވެސް އަދި ބައްޔެއްގެ ސަބަބުން ނަމަވެސް ތިމާގެ ސިފަ ބަދަލުވުމަކީ ލިބޭ ވަރުގަދަ އިންޒާރެކެވެ. ތިމާގެ އެއްވެސް ބާރެއް ނެތްކަމާއި ކޮންމެވަގުތަކުވެސް ދުނިޔެ ދޫކޮށް ދާންޖެހިދާނެކަމާއި އެކަމުގެ ވަގުތު ގާތްވާކަމުގެ އިންޒާރެވެ!
ޤިޔާމަތް ދުވަހު ﷲ ތަޢާލާ ބައްލަވައިވޮޑިގަންނަވާނީ މީހާގެ ހަށިގަނޑުގެ ސިފައަކަށް ނޫނެވެ. އެމީހަކު ކުރި އަމަލުތަކުގެ ސިފައަށެވެ. ވީމާ ރީތިކުރަންވީ އެމީހާ ކުރާ އަމަލުތަކެވެ. ބަދަލު ގެންނަން މަސައްކަތްކުރަންވީ އެމީހަކު ކުރާ އަމަލުތަކަށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ