ޒޮހްރާން މަމްދާނީގެ މަންމަ މީރާ ނަޔަރްގެ ސަޅި 6 ފިލްމެއް

ނިއު ޔޯކް ސިޓީގެ ފުރަތަމަ މުސްލިމް މޭޔަރަކަށް ޒޮހްރާން މަމްދާނީ އިންތިހާބުވެވަޑައިގެންނެވުމުން އޭނާގެ ތާރީހީ ސިޔާސީ ކާމިޔާބީގެ ވާހަކަ ވަރަށް ގަދަޔަށް ދެކެވުނެވެ. އެއާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާގެ މަންމަ މީރާ ނަޔަރްއަށް ވެސް ހުއްޓުނެވެ.
މީގެ 30 އަހަރު ކުރިން ފެށިގެން މީރާ ނަޔަރް ވަނީ ފިލްމީ ދާއިރާގެ ބައިނަލްއަގްވާމީ ސްޓޭޖުމަތީން ވިދާލާފަ އެވެ. އުމުރުން 68 އަހަރުގެ މީރާ ނަޔަރް އަކީ އޭނާގެ ޖީލުގެ އެންމެ ކާމިޔާބު އެއް ޑިރެކްޓަރެވެ.
އިންޑިއާއަށް އުފަން އަދި ދިއްލީގަ އާއި ހާވާޑްގައި ތައުލީމް ހާސިލް ކުރި މީރާ ނަޔަރު ކެރިއަރު ބިނާކުރީ އޭނާގެ ޕްރޮޑަކްޝަން ކުންފުނި 'މީރާބާއީ ފިލްމްސް' މެދުވެރިކޮށް އަމިއްލަ ޑްރާމާތައް ޑައިރެކްޓް ކޮށްގެންނެވެ. ޑޮކިއުމެންޓްރީ ފިލްމުތަކުން ކެރިއަރު ފެށި ނަމަވެސް ފަހުން އޭނާ ވަނީ ފީޗާ ފިލްމުތަކަށް ބަދަލުވެފަ އެވެ. 
މީރާ ނަޔަރް މަޝްހޫރުވެފައި ވަނީ 'މިސިސިޕީ މަސާލާ' ފަދަ، ނަސްލީ ތަފާތުކުރުންތައް ދައްކުވައިދޭ ސިޔާސީ މައުލޫއުތައް ނުވަތަ ހިޔާލު ތަފާތުވުންތައް ދައްކުވައިދޭ ފިލްމުތަކުންނެވެ. އޭނާ ވަނީ ކާން ފިލްމް ފެސްޓިވަލްގައި ދެ އެވޯޑާއި ވެނިސް ފިލްމް ފެސްޓިވަލްގައި ހަތަރު އެވޯޑް ހާސިލްކޮށްފަ އެވެ. އަދި އޭނާގެ ފިލްމުތައް ވަނީ ދެ އޮސްކާ އެވޯޑަކަށް ވެސް ނޮމިނޭޓްވެފަ އެވެ.
އާ އަހަރު ފެށޭ ދުވަހު ނިއު ޔޯކް ސިޓީގެ 111 ވަނަ މޭޔަރުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ޒޮހްރާން މަމްދާނީގެ ސިޔާސީ ހަޔާތަށް އޭނާގެ ހުނަރުވެރި އަދި ވިސްނުންތޫނު މަންމަގެ ފަރާތުން ދަސްވި އެތައް ފިލާވަޅުތަކެއްގެ ވަރަށް ބޮޑު ނުފޫޒެއް ފޯރާފައިވާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
މި ކުޅަދާނަ އުފެއްދުންތެރިޔާގެ، ބަލާލަން ރަނގަޅު ހަ ފިލްމެއް ތިރީގައި ލިސްޓު ކޮށްލާނަމެވެ.
ޑޮކިއުމެންޓްރީ ފިލްމުތަކުން މަޝްހޫރުކަން ލިބުމަށް ފަހު، މީރާ ނަޔަރު އާއި އޭނާގެ ރަހުމަތްތެރިޔާ ސޫނީ ތާރަޕޯރެވާލާ ވަނީ އިންޑިއާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ މުމްބާއީގެ މަގުމަތީ ކުޑަކުދިންގެ ދިރިއުޅުން ދައްކުވައިދޭ 'ސަލާމް ބޮމްބޭ'ގެ ސްކްރީންޕްލޭ ލިޔެފަ އެވެ. މިއީ މީރާ ނަޔަރްގެ ފުރަތަމަ ފިލްމެވެ.
އޭގައި ދައްކުވައިދެނީ މަގުމައްޗަށް ދޫކޮށްލާފައިވާ ކްރިޝްނާ ނަމަކަށް ކިޔާ ކުޑަ ފިރިހެންކުއްޖަކު ދިރިހުރުމަށް ކުރާ މަސައްކަތެވެ. މި ފިލްމު ޝޫޓްކޮށްފައިވަނީ ވެސް އިންޑިއާގެ މަގުމަތީގައި ދިރިއުޅޭ ހަގީގީ ކުދިންނާ އެކު އެވެ. މި ފިލްމުގެ ތަރިންގެ ތެރޭގައި މަޝްހޫރު އަދި ކުޅަދާނަ އެކްޓަރު ނާނާ ޕަޓޭކަރު ވެސް ހިމެނެ އެވެ.
އެންމެ 450،000 ޑޮލަރުގެ ބަޖެޓަކުން ހެދި މި ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 7.4 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެ ފިލްމަށް ކާންގައި 'ކެމެރާ ދުއޯރް' އެވޯޑް ލިބި، އެކެޑަމީ އެވޯޑްސްގެ 'ބެސްޓް ފޮރިން ލޭންގުއޭޖް ފިލްމް' ކެޓެގަރީއަށް ހޮވުނެވެ. އަދި މިއީ އޮސްކާ އެވޯޑަކަށް ނޮމިނޭޓްވި އިންޑިއާގެ ދެވަނަ ފިލްމެވެ. 'ސަލާމް ބޮމްބޭ' ފިލްމުން ލިބުނު އާމްދަނީން މީރާ ނަޔަރް ވަނީ ދިއްލީ އާއި މުމްބާއީގެ މަގުމަތީ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭން 'ސަލާމް ބާލަކް ޓްރަސްޓް'ގެ ނަމުގައި އަމިއްލަ ޖަމިއްޔާއެއް އުފައްދައިފަ އެވެ.
ލޯބީގެ ޑްރާމާ 'މިސިސިޕީ މަސާލާ' އަކީ ޑެންޒެލް ވޮޝިންޓަން އާއި ސަރީތާ ޗައުދަރީ ލީޑް ރޯލުން ފެނިގެންދިޔަ ފިލްމެކެވެ. މިއީ އެމެރިކާގެ ދެކުނުގެ ރަށެއް ކަމަށްވާ މިސިސިޕީއަށް ހިޖުރަކޮށް ވަޒަންވެރިވާ އިންޑިއާ މީހުންނަށް ކުރިމަތިވާ ނަސްލީ ތަފާތުކުރުންތައް ދައްކުވައިދޭ އެންމެ ފުރަތަމަ އެއް ފިލްމެވެ.
'އިންޓަ ރޭޝަލް' ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގައި އަމިއްލަ ނަފްސުގެ 'އައިޑެންޓިޓީ،' 'ޑިސްޕްލޭސްމަންޓް'، އަދި ވަރަށް މަދުން ނޫނީ ނުދައްކާ މައުލޫއުތައް އަލިއަޅުވާލާފައިވެ އެވެ.
މި ފިލްމަށް ދިރާސާކުރަން މީރާ ނަޔަރް އާއި ސޫނީ ތާރަޕޯރެވާލާ 1989ގައި އެފްރިކާއަށް ޒިޔާރަތް ކުރި އެވެ. އަދި ނައިރޯބީގައި އޭނާގެ ދެވަނަ ފިރިމީހާ އޭޝިއާގެ އިލްމުވެރިޔާ މަހްމޫދު މަމްދާނީއާ ބައްދަލުވި އެވެ. މީރާގެ ފިލްމުގެ ދިރާސާގެ ތެރޭގައި ޒޮހްރާންގެ ބައްޕަ މަހްމޫދް މަމްދާނީގެ ފޮތް 'ފްރޮމް ސިޓިޒަން ޓު ރެފިއުޖީ' ކިޔާފައިވެ އެވެ.
މި ފިލްމުގައި ދައްކުވައިދެނީ ފައިފުހި ސާފު ކުރާ ވިޔަފާރިވެރިޔެއް (ޑެންޒެލް ވޮޝިންޓަން) އޭނާގެ އިންޑިއާ ކްލަޔަންޓެއްގެ އަންހެން ދަރިފުޅު (ސަރީތާ ޗައުދަރީ) ދެކެ ލޯބިވާ ވާހަކަ އެވެ. މިއީ ކަޅު ނަސްލުގެ މީހުންނާއި އިންޑިއާގެ މީހުންގެ މެދުގައި އޮންނަ ތަފާތު ކުރުންތައް ދައްކުވައިދޭ ފިލްމެކެވެ. މީރާ ނަޔަރް ވަނީ ޔޫގެންޑާގައި ތިބި އިންޑިއާ ހިޖުރަވެރިންގެ ތާރީހުން މި ފިލްމަށް ހިޔާލު ހޯދާފަ އެވެ. 
އެކި ސަގާފަތްތަކުގެ ސަބަބުން މީހުންގެ އާއްމު ދިރިއުޅުމުގައި ކަންކަން ތަޖުރިބާ ކުރާ ގޮތް ވަރަށް ހިތްގައިމުކޮށް މީރާ ނަޔަރް އޭނަގެ ފިލްމުތަކުން ހުށަހަޅައިދެ އެވެ. އޭނާގެ މި ހުނަރު ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ފާހަގަކުރަން ފެށި އެވެ. އެގޮތުން މި ފިލްމަށް ކްރިޓިކުންގެ ބޮޑު ތަރުހީބެއް ލިބި، 1992 ވަނަ އަހަރު ސަންޑާންސް ފިލްމް ފެސްޓިވަލްގައި 'ސްޓޭންޑިން އޮވޭޝަން'އެއް ލިބި، ވެނިސް ފިލްމް ފެސްޓިވަލްގައި ތިން އެވޯޑެއް ކާމިޔާބު ކުރި އެވެ.
ޑިޒްނީން 2016ގައި ޕްރޮޑިއުސްކުރި ބަޔޮގްރަފީ ފިލްމު 'ކުއީން އޮފް ކަޓްވޭ' އަކީ އޮސްކާ އެވޯޑު ހޯދާފައިވާ އެކްޓަރުން ލުޕިތާ ނިޔޯންގޯ އާއި ޑޭވިޑް އޮޔެލޯވޯ ލީޑް ރޯލުން ފެނިގެންދިޔަ ފިލްމެކެވެ. މި ފިލްމުގައި ދައްކުވައިދެނީ ޔޫގެންޑާގެ ވެރިރަށް ކަމްޕާލާގެ ފަގީރު ހިސާބެއް ކަމަށްވާ ކަޓްވޭގައި ދިރިއުޅޭ އަންހެންކުއްޖެއްގެ ހަޔާތެވެ. އޭނާ ޗެސް ކުޅެން ދަސްކޮށް އަންހެން ޓީމުގެ މާސްޓާރަކަށް ވުމަށް ފަހު ވޯލްޑް ޗެސް އޮލިމްޕިކްސްގައި ވާދަ ކުރެ އެވެ. 
'ކުއީން އޮފް ކަޓްވޭ' އަށް ކްރިޓިކުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބުނު އިރު، ޑޭވިޑް އޮޔެލޯވޯ އާއި ލުޕިޓާ ނިޔޮންގޯގެ އެކްޓިންއަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ. 
މި ފިލްމުން ޒޮހްރާން މަމްދާނީ ފެނެ އެވެ. އަދި އޭނާގެ ރެޕާ ނަމުން 'ޔަންގް ކާޑެމަމް'ގެ ގޮތުގައި '#1 ސްޕައިސް'ގެ ނަން ދީފައިވާ ލަވައެއް ވެސް މި ފިލްމުގައި އޭނާ ހުށަހަޅައިދެ އެވެ.
އިންޑިއާގެ ތިން ވަނައަށް އެންމެ މަތީ މަދަނީ އެވޯޑު ކަމަށްވާ ޕަދްމާ ބޫޝަން އެވޯޑު 2012ގައި މީރާ ނަޔަރަށް ވަނީ ދީފަ އެވެ.
އިނގިރޭސިވިލާތުގެ މަޝްހޫރު ލިޔުންތެރިޔާ މުހްސިން ހާމިދުގެ 'ދަ ރިލަކްޓެންޓް ފަންޑްމެންޓަލިސްޓް'ގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ފިލްމު ނެރުނީ 2012ގަ އެވެ. އެމެރިކާއަށް ޓެރަރިސްޓް ހަމަލާއެއް ދިން 9/11ގެ ހާދިސާ އަށް ބިނާކޮށް ހަދާފައިވާ މި ފިލްމުގައި ދައްކުވައިދެނީ އެމެރިކާގެ ވޯލް ސްޓްރީޓްގައި މަސައްކަތްކުރާ ޕާކިސްތާނަށް ނިސްބަތްވާ ޗަންގޭޒް ހާންގެ ހަޔާތުގެ ވާހަކަ އެވެ.
ހާންގެ ރޯލުން ފެނިގެންދާނީ ހުނަރުވެރި އެކްޓަރު ރިޒް އަހްމަދެވެ. އަދި ކޭޓް ހަޑްސަން، ލީވް ޝްރެއިބާ، ކީފަ ސަދަލޭންޑް އަދި އިންޑިއާގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ޝަބާނާ އަޒްމީ އާއި އޯމް ޕޫރީފެނެ އެވެ.
މި ފިލްމަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު ނަމަވެސް، ގިނަ ބަޔަކު ހިޔާލުތަފާތު ވެފައި ވެސް ވެ އެވެ. އެއީ ފިލްމުގައި 'ޖިއޯޕޮލިޓިކްސް' ދައްކާދީފައިވާ ގޮތުން ކަމަށް ބެލެވެ އެވެ. މީރާ ނަޔަރްއަކީ މިކަހަލަ މައުލޫއުތައް ދައްކަން ޖެހިލުން ނުވާ އަދި ހަމަ އާއި އިންސާފަށް ލޯބިކުރާ އުސޫލުތަކެއްގައި ހިފަހައްޓާ ފަންނުވެރިއެކެވެ. އެގޮތުން 2013ގައި އިޒްރޭލުގައި ބޭއްވި ހައިފާ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ޝަރަފްވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވާން ދިން ދައުވަތު ގަބޫލުކުރަން އޭނާ ވަނީ ދެކޮޅު ހަދައިފަ އެވެ. މީރާ ނަޔަރް އިޒްރޭލުން ފަލަސްތީނާ މެދު ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް ޓްވިޓާއި ނެރުނު ބަޔާނެއްގައި ބުނީ "... ނަސްލީ ތަފާތުކުރުން ނިމުމުން އަޅުގަނޑު އިޒްރޭލަށް ދާނަން. އަޅުގަނޑު މިހުރީ ފަލަސްތީނާ އެކު" އެވެ.
އެންމެ ފަހުން އުފެއްދި ދެ ފިލްމާ އެކު ޒޮހްރާން ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފަ އެވެ. މީރާ ނައިރް އޭނާގެ ދަރިފުޅުގެ ކެރިއަރަށް ނުފޫޒު ފޯރުވި ފަދައިން އޭނާގެ ކެރިއަރަށް ވެސް އަސަރު ކުރި އެވެ. 'ސްޓޫޑެންޓްސް ފޯ ޖަސްޓިސް އިން ޕަލެސްޓައިން ޗެޕްޓަ' އުފެއްދުމުގެ މަސައްކަތުގައި ހީވާގިކޮށް އުޅުނު، އޭރު އުމުރުން 21 އަހަރުގެ ޒޮހްރާން ވަނީ 'ދަ ރިލަކްޓަންޓް ފަންޑަމެންޓަލިސްޓް' ފިލްމް އުފައްދަން އޭނާގެ މަންމައަށް ވަރަށް ބޮޑަށް ހިތްވަރުދީފަ އެވެ. 
މީރާ ނަޔަރަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބުނީ 2001 ވަނަ އަހަރު ރިލީޒް ކުރި 'މޮންސޫން ވެޑިން' އިންނެވެ. ގާތްގަނޑަކަށް 1.5 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެންމެ 30 ދުވަހުގެ ތެރޭގައި 'ހޭންޑް ހެލްޑް' ކެމެރާއެއް ބޭނުންކޮށްގެން ޝޫޓްކުރި ފިލްމު އެމެރިކާގެ ބޮކްސް އޮފީހުގައި އެކަނި ވެސް 13.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެވެ. މީގެ އިތުރުން ވެނިސް ފިލްމް ފެސްޓިވަލްގެ އެންމެ ޝަރަފްވެރި އެވޯޑު ކަމަށްވާ ގޯލްޑެން ލަޔަން ހޯދި ފުރަތަމަ އަންހެން ޑައިރެކްޓަރަކަށް މީރާ ނަޔަރް ވީ މި ފިލްމުންނެވެ. މި ފިލްމަށް ލިބުނު ކާމިޔާބީ އިން ދައްކުވައިދެނީ އޭނާގެ ކިބައިގައި ހުރި ތަފާތު ސަގާފަތާއި މާކެޓްތައް ގުޅުވާލުމުގެ ހުނަރެވެ. އެމެރިކާގެ މަޝްހޫރު ފިލްމު ކްރިޓިކް ރޮޖާ އެބާޓް 'މޮންސޫން ވެޑިން' އަށް ހަތަރު ތަރީގެ ތެރެއިން 3.5 ތަރި ދީފައިވެ އެވެ.
'މޮންސޫން ވެޑިން' އަކީ ދިއްލީގައި ދިރިއުޅޭ ޕަންޖާބީ އާއިލާއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ނަސީރުއްދީން ޝާހް، ރަޖަތު ކަޕޫރު، ލިލެޓް ދުބޭ، ޝިފާލީ ޝާހް އަދި ވަސުންދަރާ ދާސް ފަދަ ތަރިން ހިމަނައިގެން އުފައްދާފައިވާ މި ފިލްމު އިންޑިއާ އާއި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ކޮމާޝަލް އަދި ކްރިޓިކަލް ކާމިޔާބީ ހޯދި އެވެ.
ޕުލިޓްޒާ އިނާމު ހޯދާފައިވާ ލިޔުންތެރިޔާ ޖުމްޕާ ލަހިރީގެ ކާމިޔާބު ފޮތަށް ބިނާކޮށްގެން އުފައްދާފައިވާ މި ފިލްމުގައި ކިޔައިދެނީ އެމެރިކާގައި ދިރިއުޅޭ ބަންގާޅު އާއިލާއެއް ކަމަށްވާ ގަންގޫލީންގެ ވާހަކަ އެވެ.
މި ފިލްމުގައި ދައްކުވައިދެނީ ނިއު ޔޯކް ސިޓީގެ ސަގާފަތާ އެއްގޮތަށް އުޅެން ބޭނުންވާ އިންޑިއާ ހިޖުރަވެރިއެއްގެ ދަރިއެއްގެ ވާހަކަ އެވެ. މަޑުމައިތިރި، ވިސްނުންތޫނު އަދި ރީތިކޮށް ޝޫޓްކޮށްފައިވާ މި ފިލްމަކީ މިހާތަނަށް ސަގާފީ ތަފާތުތަކުގެ މައުލޫއުތައް އެންމެ ހިތްގައިމުކޮށް ހުށަހަޅައިދީފައިވާ އެއް ފިލްމެވެ. މީރާ ނަޔަރްގެ ކުރީގެ އުފެއްދުންތަކެކޭ އެއްފަދައިން، މި ފިލްމުގައި ވެސް ދައްކުވައިދެނީ ދެ ދުނިޔެއެއްގައި ދިރިއުޅެން ޖެހޭ މީހުންގެ ތަޖުރިބާތަކާއި އިހުސާސުތަކެވެ. 
މުޅި ކެރިއަރުގައި ވެސް މީރާ ނަޔަރު ވިޔަފާރީގެ ޕްރެޝަރުތަކުގެ ބަދަލުގައި އިސްކަންދީފައިވަނީ ފަންނުވެރިކަމަށް އިހުލާސްތެރިވުމަށެވެ. 'ހެރީ ޕޮޓާ އެންޑް ދަ ގޮބްލެޓް އޮފް ފަޔާ' ޑައިރެކްޓް ކުރަން ވޯނަ ބްރޯސް އިން ހުށަހެޅުމުން އޭނާ ވަނީ އިންކާރު ކޮށްފަ އެވެ. ޖައިޕޫރު ލިޓްރޭޗާ ފެސްޓިވަލްގައި 2018ގައި މި ނިންމުމާ ބެހޭ ގޮތުން ސުވާލު ކުރުމުން މީރާ ބުނީ އޭނާގެ އޭރު 14 އަހަރުގެ ދަރިފުޅު ޒޮހްރާން އެގޮތަށް ނިންމުމަށް އެހީތެރިވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ