ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީގެ އޮޕަރޭޝަނެއް: ގަވައިދާ ޚިލާފަށް ދުންފަތުގެ ބާވަތް ވިއްކި ދެ ފިހާރައެއް ބަންދުކޮށްފި

ގަވައިދާ ޚިލާފަށް ދުންފަތުގެ ބާވަތް ވިއްކި ދެ ފިހާރައެއް ފުލުހުން ބަލައި، ބަންދުކޮށްފިއެވެ. ފުލުހުން ބުނީ، ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިކޮނޮމިކް މިނިސްޓްރީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ފުލުހުންނާއި އިމިގްރޭޝަނާއި ކަސްޓަމްސް ގުޅިގެން މިއަދު އޮޕަރޭޝަނެއް ހިންގި ކަމަށެވެ. އެ އޮޕަރޭޝަނުގައި 10 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ތަންތަނުގެ ތެރެއިން ދެ ތަނެއް ބަންދުކޮށް، ހުރި މައްސަލަތައް ރަނގަޅުކުރުމަށް އެއް ތަނަކަށް ނޯޓިސް ދިން ކަމަށް ފުލުހުން ބުންޏެވެ. އެ އޮޕަރޭޝަނުގައި ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މުއައްސަސާއިން ބުނީ، ބަންދުކޮށްފައިވާ ދެ ތަނަކީ ގަވާއިދާ ޚިލާފަށް ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ދެތަން ކަމަށެވެ. އަދި ދެ ތަނުންވެސް ދުންފަތުގެ ބާވަތްތައް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުމާއި އެތަކެތި ރާއްޖޭގައި ގެންގުޅުން، މިދިޔަ އަހަރުގެ ނޮވެންބަރު 15ގައި ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން މިދިޔަ އަހަރު ސަރުކާރުން ވަނީ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށްފައެވެ. އަދި 2007ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަން ބޭނުން ކުރުން މަނާކުރުމަށް 'ޖެނެރޭޝަނަލް ބޭން'އެއް ވަނީ މިދިޔަ މަހުގެ އެއް ވަނަ ތައާރަފުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ