ގަވާއިދާ ހިލާފު ނުވަން، ސަސްޕެންޑުކުރީ އިންތިހާބަށް ނުފޫޒު ފޯރުވަން: ހޯރަފުށި ކައުންސިލް ރައީސް ގަވާއިދާ ހިލާފު ނުވަން، ސަސްޕެންޑުކުރީ އިންތިހާބަށް ނުފޫޒު ފޯރުވަން: ހޯރަފުށި ކައުންސިލް ރައީސް

ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް ހުއްދަ ދީގެން ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން މައްސަލަތަކެއް ބެލުމަށް ފަހު، ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރަނީސް މަގާމުން ސަސްޕެންޑުކުރީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ހޯރަފުށި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
މުހައްމަދު ވަހީދު އަދަދު އަށް ވިދާޅުވީ އޭނާއަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް އެލްޖީއޭއިން ތަކުރާރުކޮށް ބުނަމުން އައިސް މި ދަނޑިވަޅުގައި ފިޔަވަޅު އެޅީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އޭގައި އެތައް ދުވަހެއްގެ ކުރިން ފިޔަވަޅު އަޅާނެ ކަމަށް ބުނަމުން ބުނަމުން އައިސްފައި މިވަގުތު ފިޔަވަޅު މި އެޅީ އެއީ ކުރިއަށް އޮތް އިންތިހާބާ ދިމާކޮށް ކުރި ކަމެއް. އެ ނޫން އިތުރު އެއްވެސް ސަބަބެއް ނެތް،" އޭނާ ވިދާޅުވި އެވެ.
މުހައްމަދު ވަހީދު ވިދާޅުވީ ހޯރަފުށި ކައުންސިލްގެ ހިންގުމާ ގުޅޭގޮތުން އެލްޖީއޭއިން މީގެ ފަސް ވަރަކަށް މަސް ކުރިން އިންކުއަރީއެއް ހަދަން ފެށީ ހޯކްސްއަށް ކުއްޔަށް ދޫކުރި ބިމަކާ ގުޅިގެން ކަމަށެވެ.
އެ ބިމުގައި ކުރަމުންދިޔަ މަސައްކަތް ހުއްޓުވަން އެލްޖީއޭއިން ކައުންސިލަށް އެންގި ކަމަށާއި އެކަމަކު އެއްބަސްވުމާ ހިލާފު ކަމެއް ހޯކްސް އިން ނުކުރާތީ އެކަން ކައުންސިލުން ހުއްޓުވެން ނެތް ވާހަކަ ކައުންސިލުގައި މަޝްވަރާކޮށް އެލްޖީއޭއަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނާ ވިދާޅުވީ ހޯކްސް ބިމުގެ މައްސަލައިގައި އެލްޖީއޭގެ އެންގުމާ ހިލާފަށް އަމަލުކުރާތީ ސުލޫކީ ފިޔަވަޅު އެދާނެ ކަމަށް އިންޒާރު ވެސް އައި ކަމަށެވެ.
އެލްޖީއޭގެ އިންކުއަރީގެ ތެރޭގައި ކައުންސިލަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރި ނަމަވެސް، އެއިން އެއްވެސް ތުހުމަތަކީ ހަގީގަތެއް ނޫންކަން ފާހަގަކުރައްވާ މުހައްމަދު ވަހީދު ވިދާޅުވީ ކައުންސިލުން ހުރިހާ ކަމެއް ވެސް ނިންމަނީ ޖަލްސާގައި މަޝްވަރާ ކޮށްގެން ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.
ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މަގާމުން ސަސްޕެންޑުކުރީ މުސާރަ ނުލިބޭ ގޮތަށް ތިން މަސް ދުވަހަށެވެ. އޭގެއިތުރުން އެ ކައުންސިލްގައި ހިމެނޭ ބާކީ ހަ ކައުންސިލަރުންނަށް އެލްޖީއޭއިން ވަނީ ނަސޭހަތް ދީފަ އެވެ.
މި ސަރުކާރުން އަންނަނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް ކައުންސިލަރުން ދަނީ ސަސްޕެންޑު ވެސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ