އެމެރިކާގެ އައު ސްޓްރެޓެޖީގައި، ހަމައެކަނި ސުޕަޕަވަރުގެ ގޮތުގައި އޮތުމުގެ ވާހަކައެއް ނެތް!

ޑޮނަލްޑް ޓްރަމްޕްގެ ޒަޢާމަތުގައި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ކަންކަމުގައި ގެންގުޅޭނެ އައު ސްޓްރެޓެޖީ ވައިޓް ހައުސްއިން އިއްޔެ ވަނީ ނެރެފައެވެ. "ޔޫއެސްނެޝަނަލް ސެކިއުރިޓީ ސްޓްރެޓެޖީ" ގެ ނަމުގައި ޓްރަމްޕް ސޮއިކުރައްވައި ވައިޓް ހައުސްއިން ނެރުނު މި ސްޓްރެޓެޖީގައި ކުރިޔަށް އޮތް އަހަރުތަކުގައި އެމެރިކާގެ ޚާރިޖީ އަދި ދިފާއީ ސިޔާސަތުތައް ބައްޓަން ކުރާނެ ގޮތާއި އެ ސިޔާސަތުތަކުގައި އިސްކަން ދޭނެ ކަންތައްތަކުގެ ތަރުތީބު ބަޔާން ކޮށްފައިވެއެވެ. ނަވާވީސް ސަފްހާގެ މައްޗަށް އެކުލެވޭ މިސްޓްރެޓެޖީ, އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގައި އެކުލަވާލި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ސްޓްރެޓެޖީ އާ ވަރަށް ބޮޑަށް ތަފާތެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: ރޮއިޓާސް ބައިޑެންގެ ވެރިކަމުގައި ގެންގުޅުނު ސްޓްރެޖީ، ދުނިޔޭގައި ޑިމޮކްރަސީ ފެތުރުމުގެ ނަމުގައި ދުނިޔޭގެ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ އެމެރިކާ ވަދެގަތުމަށް އިސްކަންދީފައިވާއިރު ޓްރަމްޕްގެ ސްޓްރެޓެޖީ މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ އެމެރިކާގެ އެތެރެ ވަރުގަދަކުރުމުގެ މައްޗަށެވެ. "އެމެރިކާ ފަސްޓް" ޕްރިންސިޕަލްގެ މައްޗަށެވެ. އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ބޯ ބޭނުން ކުޑަކުރުމާއި އެހެންގައުމުތަކަށް އެހީގެ ގޮތުގައިވެސް މާބޮޑު ޚަރަދުތައް ނުކުރުމުގެ މައްޗަށެވެ. ޓްރަމްޕްގެ ސްޓްރެޓެޖީގައި ބޮޑަށް އިސްކަން ދީފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާގެ ވަށައިގެންވާ ކެރީބިޔަންގެ ގައުމުތަކާއި ލެޓިން އެމެރިކާގެ ގައުމުތަކެވެ. މިދެ ސަރަހައްދަކީ އެމެރިކާގެ ބާރާއި ނުފޫޒު އޮންނަންޖެހޭ އެމެރިކާގެ ބެކްޔާޑަކަށް ހެދުމުގެ މައްޗަށެވެ. ކެރީބިޔަންގެ ގައުމުތަކާއި ލެޓިން އެމެރިކާގެ ގައުމުތަކުގައި ޗައިނާއާއި ރަޝިއާ ފަދަ ދުނިޔޭގެ ބޮޑެތި އެހެން ބާރުތަކުންނާ އަދި އީރާންފަދަ ސަރަހައްދީ ބާރުތަކުންވެސް އިގްތިސާދީ ގޮތުންނާ އަދި އަސްކަރީ ގޮތުން އެތަންތަނުގައި ފައިހަރުކުރިޔަ ނުދިނުމުގެ މައްޗަށެވެ. ކެރީބިޔަންގެ ގައުމުތަކާއި ލެޓިން އެމެރިކާގެ ގައުމުތަކުގައިވާ ގުދްރަތީ ރިސޯސް ތަކާއި އެ ނޫން ވެސް ވަސީލަތްތަކުގެ ނާޖާއިޒު ފައިދާ އެމެރިކާއަށް ލިބޭނެ ގޮތުގެ މައްޗަށެވެ. އެމެރިކާއާ އިދިކޮޅު ސަރުކާރުތައް އެ ގައުމުތަކުގައި އޮތުމުގެ ފުރުސަތު ކުޑަކުރުމުގެ މައްޗަށެވެ. މިއީ އެމެރިކާއަށް އައު ސްޓްރެޓެޖީ އެއްނޫނެވެ. މީގެ ކުރިން 1823 ވަނަ އަހަރު އެމެރިކާގައި އިއުލާނުކުރި "މޮންރޯ ޕްރިންސިޕަލް" އަލުން ދިރުވައި އާލާކުރުން ޓްރަމްޕްގެ ސްޓްރެޓެޖީގައި ބޮޑު އިސްކަމެއް ދީފައިވެއެވެ. "މޮންރޯ ޕްރިންސިޕަލް" އަކީ ކެރީބިޔަންގެ ގައުމުތަކާއި ލެޓިން އެމެރިކާގެ ގައުމުތަކަކީ އެމެރިކާގެ ބެކްޔާޑްކަމާއި އެދެސަރަހައްދުގައި އޮންނަންޖެހޭނީ ހަމައެކަނި އެމެރިކާގެ ބާރާއި ނުފޫޒުކަމަށް ބުނާ ޕްރިންސިޕަލް އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވަނީ 2017 ވަނަ އަހަރު ޖަރުމަނުގައި ބައްދަލު ކުރައްވާފަ -- ފޮޓޯ: އޭޕީ މި ޕްރިންސިޕަލް އިއުލާން ކުރެއްވީ އެމެރިކާގައި ކުރީގެ ރައީސެއްކަމަށްވާ ޖޭމްސް މޮންރޯއެވެ. މޮންރޯއަށްފަހު އެމެރިކާގެ އެހެން ރައީސެއްކަމަށްވާ ޓިއޮޑޯ ރޮޒަވެލްޓް 1906 ގައި ދެވަނަ ފަހަރަށް ވަނީ މިޕްރިންސިޕަލް އައުކުރައްވައި ވަރުގަދަ ކުރައްވާފައެވެ. ޓްރަމްޕްގެ ސްޓްރެޓެޖީގައި ފާހަގަ ކޮށްލެވޭ އެންމެ ބޮޑު އެއްކަމަކީ ކުރިޔަށްއޮތް އަހަރުތަކުގައި ދުނިޔޭގެ އެންމެބޮޑު ބާރު ނުވަތަ ސުޕަޕަވަރުގެ ގޮތުގައި އެމެރިކާ ދެމި އޮންނާނެކަން ކަށަވަރުކޮށްދީފައި ނުވުމެވެ. މުހައްލިލުންގެ ނަޒަރުގައި މިއީ ދުނިޔޭގެ ހަމައެކަނި ސުޕާޕަވަރުގެ މަގާމު ދެން އެމެރިކާއަށް ނުހިފެހެއްޓޭނެކަން އެމެރިކާގެ ޒަޢާމަތަށް ޔަގީންވާތީ މިކަމަށް މާބޮޑު ސަމާލު ކަމެއް ނުދިނީއެވެ. ސުޕަޕަވަރުގެ ގޮތުގައި އެމެރިކާ އޮތުމަށް އެމެރިކާގެ ކުރީގެ ގައުމީ ސަލާމަތާބެހޭ ސްޓްރެޓެޖީ ތަކުގައި ބޮޑު އިސްކަމެއް ދީފައިވާއިރު މިފަހަރުގެ ސްޓްރެޓެޖީގައި އެވާހަކައެއް ނެތެވެ. އަނެއްކޮޅުން އެމެރިކާގެ ކުރީގެ ގައުމީ ސަލާމަތާބެހޭ ސްޓްރެޓެޖީތަކުގައި އެންމެ ބޮޑަށް ފާހަގަކުރާ އެއް މައްސަލައަކީ ޗައިނާއަކީ ކޮމިއުނިސްޓް ނިޒާމެއްކަމާއި އެމެރިކާއަކީ ޑިމޮކްރަސީއަކަށް ވާކަމެވެ. އެކަމާމެދު އެމެރިކާ އިންތިހާއާށް ފަޚުރުވެރިވާ އައިޑިއޮލޮޖިކަލް މައްސަލައެވެ. ފިކުރީ މައްސަލައެވެ. މިފަހަރުގެ ސްޓްރެޓެޖީ އެމެރިކާގެ މޮޅު ޑިމޮކްރަސީ އާއި ގޯސްކަމަށް އެމެރިކާ ދެކޭ ޗައިނާގެ ކޮމިއުނިޒަމްގެ ވާހަކަ ނެތެވެ. މި ފަހަރުގެ ސްޓްރެޓެޖީ ބުނާގޮތުން ޗައިނާއާއި އެމެރިކާއާ ދެމެދުގައިވާ އެންމެ ބޮޑު މައްސަލައަކީ ޓެކްނޮލޮޖީއާއި އިގްތިސާދާ އަދި އުފެއްދުންތެރިކަން އިތުރު ކުރުމަށް ދެގައުމުގެ ދެމެދުގައި ހިނގާ ވާދަވެރިކަމެވެ. ހައިޓެކްގެ ސިނާއަތާއި އަސްކަރީ ބާރުވެރިކަމާއި ނާދިރު މައުދަންތައް ހޯދުމާއި އާޓިފިޝަލް އިންޓެލިޖެންސްގައި ކުރިއެރުން ހޯދުމަށް ދެގައުމުގެ މެދުގައިވާ ވާދަވެރިކަން ކަމަށް ބުނެފައިވެއެވެ. މި ވާދަވެރިކަމުގައި އެމެރިކާގެ މައްޗަށް ކުރިއެރުން ހޯދުމަށް ޗައިނާ ކުރާ ވަރުގަދަ މަސައްކަތްތަކަކީ އެމެރިކާއަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށްވަނީ ސިފަކޮށްފައެވެ. ކޮމއުނިޒަމެއް ޑިމޮކްރަސީ އިންސާނީ ހައްގުތަކުގެ ވާހަކައެއް ނެތެވެ. އިންސާނީ ހައްގުތަކުގެ ނަމުގައި އެމެރިކާ ދައްކާ ޕްރޮޕަގެންޑާ ވާހަކަތައް ފުހެވިގެން ހިނގައްޖެވެ. އެމެރިކާ ޗައިނާއާ ކުރިމަތިލާނީވެސް އިގްތިސާދީ ގޮތުންކަމަށް މި އައު ސްޓްރެޓެޖީގައިވަނީ އިޝާރާތްކޮށްފައެވެ. ޓައިވާންގެ މައްސަލާގައި ބުނެފައިވަނީ ޓައިވާން ހިފުމަށް ޗައިނާ ކުރާ ކަންކަން ހުއްޓުވަން މަސައްކަތް ކުރާނެކަމެވެ. ނަމަވެސް އެމައްސަލާގައި ޗައިނާއާ ދެކޮޅަށް އަސްކަރީ ގޮތުން ވަދެގެންނާނެކަމުގެ ވާހަކައެއް ނެތެވެ. ޔޫރަޕަށް ބަލާއިރު ޓްރަމްޕްގެ ސްޓްރެޓެޖީގައި ޔޫރަޕް ސިފަކޮށްފައިވަނީ ވަރަށް ބޮޑަށް ނިކަމެތިވެ މުސްކުޅިވެ އާރާއި ބާރު ދެރަވަމުންދާ ބައްރެއްގެ ގޮތުގައެވެ. އެމެރިކާގެ ކޮންގްރެސް އިމާރާތް ކައިރިއަށް ޓްރަމްޕަށް ތާއިދު ކުރާ މީހުން އެއްވެފައި -- ފޮޓޯ: ރޮއިޓާސް އާބާދީ މުސްކުޅި ވުމުގެ ސަބަބުންނާއި ގުދުރަތީ ރިސޯސް ނެތުމުގެ ސަބަބުން ސިނާއަތާއި އުފެއްދުންތެރިކަން ދަށަށްދާ ބަލިކަށި ބައްރެއްގެ ގޮތުގައެވެ. އެހެން ގައުމުތަކުގެ މީހުން ހިޖުރަ ކުރުވައިގެން ޔޫރަޕްގެ އަސްލު އުސޫލުތައް ކަމަށްވާ ދޮންމީހުންގެ އުސޫލުތަކާއި ނާސާރާ އާދަތައް ގެއްލިފައިވާ ބައްރެއްގެ ގޮތުގައެވެ. މުސްކުޅި ވުމުގެ ސަބަބުން އާރާއި ބާރު ކުޑަވެ ބަލިކަށި ވަމުންދާ ޔޫރަޕަކީ އައިޑެންޓިފިކޭޝަން ގެއްލިފައިވާ ބައްރެއްގެ ގޮތުގައި އެމެރިކާގެ އައު ސްޓްރެޓެޖީގައިވަނީ ސިފަކޮށްފައެވެ. ނޭޓޯ އާ ބެހޭގޮތުން ބުނެފައިވަނީ ނޭޓޯ އިތުރަށް ފުޅާކުރުމުގެ ބޭނުން ނެތްކަމުގައެވެ. އަދި ނޭޓޯ ގެ ތެރެއިން އެއްވެސް އަގަކާނުލައި ޔޫރަޕް ދިފާއުކޮށްދިނުމަކީ ތާއަބަދަށް އެމެރިކާ އަށް ކުރެވޭނެކަމެއް ނޫންކަމަށްވަނީ އިޝާރާތްކޮށްފައެވެ. އެމެރިކާގެ އައު ސްޓްރެޓެޖީގައި މެދުއިރުމަތީގައި އެމެރިކާ އަދާ ކުރާ ދައުރު ކުޑަކުރުމަށް އިޝާރާތްކޮށްފައިވާއިރު އިސްރާއީލު ދިފާއުކޮށްދިނުންވެސް ވަނީ ވަރަށް ބޮޑަށް ފަހަތަށް ގެނަސްފައެވެ. ކުރިން އިސްރާއީލު ދިފާއުކޮށްދިނުމުގެ މައްސަލައަކީ އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ސްޓްރެޓެޖީގައި އެންމެ ބޮޑު އިސްކަންދޭ އެއްކަމެވެ. އީރާން އާ ބެހޭގޮތުން ބުނެފައިވަނީ އެމެރިކާގެ ހަމަލާތަކުގެ ސަބަބުން އީރާން ބަލިކަށި ވެފައިވާ ކަމުގައެވެ. މިއީ އެމެރިކާއިން އީރާނަށް ފިއްތުންތައް ކުރިމަތި ކުރިނަމަވެސް އީރާނާ ދެކޮޅަށް ސިދާ ގޮތެއްގައި ހަނގުރާމަ ކުރަން އެމެރިކާ އިސްކަން ދިނުމަކީ އެމެރިކާއަށް މަސްލަހަތު ހުރިގޮތް ނޫންކަން ހާމަވާ ކަމެއްގެ ގޮތުގައި މުހައްލިލުން ވަނީ ސިފަކުރައްވައެވެ. އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އައު ސްޓްރެޓެޖީގައި ރަޝިއާ އަކީވެސް އެމެރިކާގެ އާރާއި ބާރަށް ކުރިމަތިވާ ބޮޑު ނުރައްކަލެއްގެ ގޮތުގައި ފާހަގަކޮށްފައެއް ނުވެއެވެ. ނަމަވެސް ކުރީގައި އެމެރިކާ އިއުލާންކޮށްފައިވާ ސްޓްރެޓެޖީގައި ރަޝިއާ ހިމަނާފައިވަނީ އެމެރިކާގެ އާރާއި ބާރަށް ކުރިމަތިވާ ބޮޑު ނުރައްކަލެއްގެ ގޮތުގައެވެ. އެހެންނަމަވެސް މިފަހަރުގެ ސްޓްރެޓެޖީގައި އެފްރިކާއާއި ލެޓިން އެމެރިކާގައި ރަޝިއާ އަދާކުރާ ޖިއޮޕޮލިޓިކަލް ދައުރާ މެދު އެމެރިކާ ކަންބޮޑުވާކަން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ