މާއުފަލުގަ ދިރިއުޅެވިދާނެކަމަށް ބަލައި ބައިވެރިޔާގެ ހިތުގަ ޖެއްސި ހަމައެކަކަށްވެސް ރޮއި ކަރުނައަޅަން ނުޖެހި އުޅެވިފައެއް ނެތް!

ކައިވެނި ރޫޅައިލުމާއިމެދު ގިނަބއަކު ދެކެނީ އެއީ ތިމާގެ އަމިއްލަ ކަމެއްގެ ގޮތުގައެވެ. ނަމަވެސް އެއީ އެއްވެސް މީހެއްގެ އަމިއްލަ ކަމެއް ނޫނެވެ. ތިމާކުރާ ކަމަކުން އެހެން މީހަކަށް ދެރައެއް ނުވަތަ ގެއްލުމެއް ލިބޭނަމަ އެއީ ތިމާގެ އަމިއްލަކަމަކަށް ނުވާނެއެވެ. އެއީ އެކަން އެހެން މީހަކާއިވެސް ގުޅިފައިވާތީއެވެ.  
އަހަރެންނާއި ބައްދަލުވި މީހުން ދީފައިވާ މައުލޫމާތަށްބަލާއިރު ތިމާއަށް މޮޅުވެދާނެ ގޮތެއް ފެނުމުން މޮޅުގޮތް ހޯދަން ކައިވެނި ރޫޅައިލި ހަމައެކަކަށްވެސް ޙަޤީޤީ އުފާވެރިކަން ލިބުނުކަން އެނގޭކަށް ނެތެވެ! ދެރަވެ ރޮއި ކަރުނައަޅަން ނުޖެހުނު މީހަކުވެސް ނެތެވެ. ކުރެވުނު ކުށުގެ ހިތާމައިގާ ވިސްނަމުން ގޮސް ބައެއް މީހުން މޮޔަވާ ހިސާބަށްވެސް ކަންކަން ގޮސްފައި އެބަހުއްޓެވެ.  
އިންސާނުންނަކީ އެމީހުން އަމިއްލައަށް ކުރާ ކަންކަން ބަދަލުކުރަން ބޭނުންވުމުންވެސް އުޒުރުތައް ދައްކާ ބައެކެވެ. އެކަމުގެ ހެކި އެންމެ ސާފުކޮށް ފެންނާނީ ކައިވެނިންނެވެ. ކައިވެނި ކުރަނީ ދެމީހުން ވަރަށް ބޮޑަށް ލޯބިވެގެންނެވެ. އެކެއްގެ ހުރިހާ ކަމެއް އަނެކަކު ބަލައިގަނެ އެކަންކަމަށް ތަޢްރީފްކުރަމުންނެވެ.  
ނަމަވެސް ފަހުން ތިމާއަށް މާމޮޅުވެދާނެ ގޮތެއް ކަމަށް ޤަބޫލުކުރެވޭ ޙާލަތެއް މެދުވެރިވެއްޖެނަމަ ބޭނުންވަނީ އަވަހަށް ކައިވެނި ރޫޅައިލާށެވެ. އެހާލަތު މެދުވެރިވުމުން ކުރިން ދެއްކި ވާހަކަތައް މުޅިން ބަދަލުކޮށްލައެވެ. ކުރިން ވީ އެއްބަސްވުންތައް އުވައިލައެވެ. އަނެކާގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ހުންނަ ކަމަކަށް ނުވެއެވެ. ކުރިން ބަލައިގަނެ ތަޢްރީފް ކުރި ކަންކަން ވެސް ހަދައިލަނީ ކަމުނުދާ ކަންކަމަށެވެ. ނުބައި ސިފަތަކަކަށެވެ. 
އެގޮތަށް ކަންކަން ކުރަނީ ކުރާނެ ޙައްޤު ވަކާލާތެއް ނެތުމުންނެވެ. ކުރާނެ ޙައްޤު ވަކާލާތެއް ނެތިއްޖެ ނަމަ ބާޠިލް ވަކާލާތު ކުރުން ނޫން ގޮތެއް ނުއޮންނާތީއެވެ. ކޮންމެވެސް އުޒުރުތަކެއް ދައްކަން ބޭނުންވާތީއެވެ. ދައްކާނެ އެއްވެސް ޢުޒުރެއް ނެތް ނަމަވެސް ތިމާ ހުރީ ޙައްޤުމަގުގައިކަން ސާބިތުކޮށްދޭން މަސައްކަތް ކުރުމުގެ ނުބައި އާދަ އަށަގެންފައިވާތީއެވެ.  
މިފަދައިން އަމަލުކުރާ މީހުންނަކީ އިންޞާފު ޤަބޫލުކުރާނެ ބައެއް ނޫނެވެ. އެފަދަ މީހުންގެ ކުރިމަތީގައި އަބަދުވެސް އޮންނާނީ އެމީހުން ބޭނުންވާ ގޮތެވެ. އެފަދަ މީހުން އަބަދުވެސް އިސްކަން ދޭނީ އެމީހަކަށް އެވަގުތު އެންމެ ފައިދާ ބޮޑުވާނެ ކަމަށް ޤަބޫލުކުރެވޭ ގޮތަށެވެ. އެގޮތަށް އަމަލުކުރާ މީހުން ކަންކަން ކުރަނީ ތިމާމެން އަމަލު މިކުރަނީ އިންޞާފުންކަން ނުއެނގޭތީއެއް ވެސް ނޫނެވެ. ދުނިޔޭގެ ދަހިވެތިކަމުގައެވެ.  
މިފަދަ މީހުން އަނެކާއަށް އެދޭ އަނިޔާ މިދުނިޔޭގައިވެސް އެމީހުންނާއި އަރައިހަމަކުރާނެއެވެ! ހިތާމަކޮށް ކަރުނައަޅަންޖެހޭނެއެވެ. އެކަން މިދަނީ އަބަދުހެން ފެނި ސާބިތުވަމުންނެވެ. ތިމާއަށް މާރަނގަޅުވެދާނެ ގޮތެއްކަމަށް ޤަބޫލުކުރެވޭ ގޮތެއް ފެނުމުން އެގޮތަކަށް ޢަމަލުކުރަން ކައިވެނި ރޫޅައިލުމަކީ ހިންގޭނެ އެންމެ ބޮޑު އެއް ޖަރީމާއެވެ. އަނެކާއަށް ދެވޭނެ އެންމެ ބޮޑު އެއް އަނިޔާއެވެ. ވީމާ ކައިވެނި ރޫޅައިލުމުގެ ކުރިން މިކަންކަމަށް ފުންކޮށް ވިސްނަންވާނެއެވެ!  
ކައިވެނި ރޫޅުން ހުއްދަވަނީ ދެމީހުންނަށް އެކުގައި ދިރިއުޅެވޭނެ ގޮތެއް ނުފެނުމުންނެވެ. މައްސަލަތައް ޙައްލުކުރަން ދީނުގައިވާ މަގުން މަސައްކަތްކުރުމުންވެސް ޙައްލު ނުކުރެވުމުންނެވެ. އެއީ ތިމާއަށް މޮޅުވާނެ ގޮތެއް ފެނުމުން ކުރުން ހުއްދަ ކަމެއް ކަމަކަށް އަހަރެން ނުބުނާނަމެވެ. ދަލީލަކީ އެއީ އަނެކާއަށް ދެވޭ އަނިޔާއަކަށްވާނެކަމެވެ. އަނިޔާވެރިވުމަކީ ކަނޑައެޅިގެން ޙަރާމްކުރައްވަވާފައިވާ ކަމަކަށްވާތީއެވެ.
 
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ