ފެނަކަ ކޯޕަރޭޝަނަށް ސީސީޓީވީތަކެއް ހޯދަން މަސައްކަތް ހަވާލުކުރި ކުންފުނިން މުދާ ހަމައަށް ނުލިބެނީސް ފައިސާ ދޫކުރި މައްސަލައެއްގައި ފެނަކައިގެ ކުރީގެ ޕްރޮކިޔުމަންޓު ހެޑު މަރިޔަމް ދީނާ ސާލިހުގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ޕްރޮސިކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނި ގޮތުގައި، މި މައްސަލައިގައި ދީނާގެ އިތުރުން ދައުވާކުރަނީ، އޭރު އެ ކުންފުނީގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓުމަންޓުގެ ހެޑަކަށް ހުރި އިސްމާއިލް ޝަމްއޫންގެ މައްޗަށެވެ. މި ދެ މީހުންގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި ހިމެނޭ ޕްރޮކިޔުމަންޓު އެއްބަސްވުމުގައި ހިމެނޭ އަމިލައް ކުންފުންޏަކީ ކެއިރެޓްސޫ ކިޔާ ކުންފުންޏެކެވެ. ޖޫން 25، 2018 ގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ހަވާލުކުރީ ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމަކާއި، އެ ކުންފުނީގެ ހެޑް އޮފީހުގައި ކޮމާންޑް ސެންޓަރަކާއި ވީޑިއޯ ކޮންފަރެންސިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، ކެއިރެޓްސޫއާ މަސައްކަތް ހަވާލުކުރުމާއި، ހުރިހާ މުދަލެއް ނުލިބެނީސް ފައިސާ ދޫކުރުމުގެ ކަންކަން ކުރީ، ދީނާ އާއި ޝަމްއޫންގެ ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެންނެވެ. މި ދައުވާގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
މިއީ ފެނަކައިގެ ޕްރޮކިޔުމަންޓު ހެޑުގެ ގޮތުގައި ހުރެގެން ހިންގި ކޮރަޕްޝަނަކާ ގުޅިގެން ދީނާގެ މައްޗަށް ދައުވާކުރި ތިން ވަނަ މައްސަލަ އެވެ.
ދީނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭ އަނެއް ދެ މައްސަލައަކީ ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ހަތަރު އަހަރަށް ޖަލަށް ލާފައިވާ ބްލޭޒަން މައްސަލަ އާއި ފެނަކައަށް ދޯންޏެއް ކުއްޔަށް ނެގުމުގައި އޭނާގެ ގާތް ބަޔަކަށް ނާޖައިޒު މަންފާ ހޯދައިދިން މައްސަލަ އެވެ.
ސައީދުގެ މައްސަލައިގައި އޭނާގެ މައްޗަށް ހުކުމް ކުރި ނަމަވެސް، ދީނާގެ ބަލި ހާލަތު ހުރި ގޮތުން ކަމަށް ބުނެ ކޯޓަށް ހާޒިރުވާން އުޒުރުވެރިވެފައި ވާތީ އޭނާގެ ބައި ކުރިއަކަށް ނުގެންދެ އެވެ. އޭރު ކްރިމިނަލް ކޯޓުން ހުކުމް ކުރަމުން ބުނީ، ދީނާގެ ބައި ކުރިއަށް ގެންދާނީ ވަކި ގަޒިއްޔާއެއްގެ ދަށުން ކަމަށެވެ. ދީނާގެ މައްޗަށް ތުހުމަތުކުރެވޭ އަނެއް މައްސަލައިގައި، އަދާހަމައެއް ނޭނގެ އެވެ.
ފެނެކައިގެ ބްލޭޒަން ކޮރަޕްޝަނުގައި ހިމެނޭ ދީނާގެ މައްޗަށް ކޮރަޕްޝަނުގެ އިތުރު ދައުވާއެއް ފެނެކައިގެ ބްލޭޒަން ކޮރަޕްޝަނުގައި ހިމެނޭ ދީނާގެ މައްޗަށް ކޮރަޕްޝަނުގެ އިތުރު ދައުވާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ